Support Us

މުދާ މޮޅުވި ވަރަކަށް މުދާ އަގުބޮޑުވާނެ

އަޅުގަނޑުމެން ފާއިތު ކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން، އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. [وَهُوَ شَهْرٌ أوَّلُهُ رَحْمَةٌ، وَأَوْسَطُهُ مَغْفِرَةٌ، وَآخِرُهُ عِتْقٌ مِنَ النَارِ[1]– އެމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތި ކުރެއްވުމެވެ.]

ރަމަޟާންމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރަމަޟާންމަސް އަންނައިރު އަންނަނީ އެތައް ގިނަގުނަ ހެވަކާއި ލާބަޔަކާ އެކުގައެވެ. އެއީ އަޅުކަމުގެ މޫސުމެކެވެ. އެއީ ﷲގެ ނަފަޙާތުތަކުގެ ދުވަސްވަރެކެވެ. ރައްބާނީ ތަމްރީނުތަކެއްގެ ދުވަސްވަރެކެވެ. އެއީ ޚާއްޞަ މަދްރަސާއެކެވެ. ރޯދަވެރިންނަށް މާތްﷲ އެކަމުގެ ސަވާބާއި އުޖޫރަ ދެއްވަނީ އެހެންފަރާތެއް މެދުވެރި ނުކުރައްވައެވެ.

މަހުގެ މެދުތެރޭގައި އޮތީ ފާފަފުއްސަވާ ދެއްވުމޭ އެންގެވި ބަސްފުޅުގެ މުރާދަކީ  ރޯދަވެރިންނަށް މާތްﷲގެ ފުއްސެވުމާއި ރުއްސެވުން ލިބެމުންދާނެ ވާހަކައެވެ. މާތްﷲ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ރޯދަވެރިންގެ ފާފަ ފުއްސަވާ ދެއްވައެވެ. ފާފަފުއްސަވާ ދެއްވުމަކީ ރަޙްމަތެކެވެ. އެހެންކަމުން ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ.

ރަމަޟާންމަހުގެ ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ. ރަޙްމަތާއި ފުއްސެވުމުން ޙާޞިލުކުރަން އެދޭ ލަނޑުދަނޑިއަކީ ނަރަކައިން ސަލާމަތްވުމެވެ. މިއަށްވުރެ ބޮޑު ރަޙްމަތެއް ނުވެއެވެ. މާތްﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައި ރޯދަހިފާ މީހާއަށް ފާފަފުއްސެވުން ޖާމިނު ކޮށްދެއްވައެވެ. ރަޙްމަތް އިތުރުވުމުންނެވެ. ރަމަޟާންމަސް މިޙާލުގައި ނިމޭއިރު  އޭނާގެ ކުށްފާފަތައް ފުހެވި ސަވާބުގެ އަރަނި އޮންނާނީ އިތުރުވެފައެވެ. ނަތީޖާއަކީ މަހުގެ ފަހުކޮޅުގައި އޭނާއަށް ނަރަކައިން ސަލާމަތްވުމުގެ ހަރުފަތާ ހަމައަށް ވާޞިލުވެވުމެވެ.

މި މަހުގެ ފަހުދިހައިގެ ތެރޭގައި މާތް ﷲ ވަރަށް މަތިވެރި ކުރައްވާފައިވާ ޤަދަރުވެރި ރެއެއް ވާ ކަމަށް ޢިލްމުވެރިން ލަފާކުރައްވައެވެ. އަދި އެ ރޭ ހޯދުމަށް ޓަކައި ފަހު ދިހައިގައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވެއެވެ. އެއީ ލައިލަތުލްޤަދްރި ނަމަކަށް ކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެވެ. އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ ކީއްވެގެންތޯއެވެ. އެއީ މާތްﷲ ހުރިހާކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ. އެއީ ޝަރަފުވެރި މަތިވެރި ރެއަކަށް ވާތީއެވެ. މިރޭ ޝަރަފުވެރި ރެއަކަށްވީ އެރޭގައި ކީރިތި ޤުރްއާން ބާވައި ލައްވާފައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. "إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ[2] ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ." ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވާލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. މާތް ﷲ ދުނިޔޭގެ އުޑުގައިވާ އެކަލާނގެ ގެފުޅު ބައިތުލް ޢިއްޒާއަށް މުޅި ޤުރްއާން ބާވައިލެއްވީ އެއް ފަހަރާއެވެ. އެއަށް ފަހު ﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ޖިބްރީލުގެފާނު މި ޤުރްއާނުގެ އާޔަތްތަކައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގަންނަވަމުން ދިޔައެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ބައިތުލް ޢިއްޒާއަށް ބާވައިލެއްވުމަށް ފަހު ކީރިތި ރަސޫލާ ﷺގެ މައްޗަށް އެންމެ ފުރަތަމަ ބާވައިލެއްވީ އަލް ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. އެއަށްފަހު ކީރިތި ރަސޫލާ ﷺގެ މައްޗަށް ޤުރްއާން ތަފާތު މުނާސަބާތަކާއި ޙާދިޘާތަކާ ގުޅޭގޮތުން މަޑުމަޑުން ބާވައިލައްވަމުން ގެންދެވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ އަންގަވަނީ "لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ [3]– ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." މި އިން އެނގެނީ އެރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެރޭގައި އަޅުކަން ކުރުމާ އެއްވަރު ކަމެވެ. ޘަވާބާއި އަޖްރުގެ ގޮތުންނެވެ.އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަސް ދުވަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްފަދައެވެ.

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާ އަޅުގަނޑުމެން ޙައިރާން ވާންޖެހޭ ކަމެއްނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

ކޮން ފަދަ ރެއެއް

ލައިލަތުލްޤަދްރި ވަނީ ވަންހަނާ ކުރައްވައިފައެވެ. ނަމަވެސް އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާ ކުރައްވަނީ އެކަމަށް އަޅުގަނޑުމެން ޝަވްޤުވެރި ކުރެއްވުމަށް ޓަކައެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ މަތިވެރި މޫސުމެކެވެ. އެއީ މި މޫސުމުގެ ފައިދާ ލިބިގަތުމަށް ޓަކައި އެންމެހާ މުސްލިމުން އަތުކުރި އޮޅާލަން ޖެހޭ މޫސުމެކެވެ. އެރޭގެ ބާޒާރަކީ އެންމެހާ މުއުމިނުންނަށް ތަނަވަސް ވެގެންވާ ބާޒާރެކެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައި ގަންނަވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ލައިލަތުލްޤަދްރި ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތުންގެ ޖަމާޢަތްތަކާއެކު ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲއަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި އަޅުކަން ކުރަން އިން ކޮންމެ މީހަކަށް އެބޭކަލުން ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ."

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ވަޑައިގެންނެވުމުން އެނގެނީ މި ރެއަކީ އުޑުތަކާއި ބިމުގައި ވެސް މަތިވެރި ރެއެއް ކަމެވެ. މި އިޙްތިފާލުތަކުގައި ބައިވެރި ނުވާނީ މާތްﷲއަށް ޝަރީކުކުރާ މީހުންނާއި އުރެދޭ މީހުންނެވެ. އެމީހުންނަކީ އެރޭގެ ހެވާއި ޘަވާބުން މާތްﷲ މަޙްރޫމް ކުރައްވާފައިވާ ބައެކެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. މިއަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ. މާތްﷲ ވަޙީކުރައްވަނީ އެއީ "سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ[4]– އެއީ ފަތިސް ވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

މިފަދަ އަމާން ރެއަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ ސާފު ޠާހިރުކަމާ އެކުގައެވެ. އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް، ޢަދާވަތްތެރި ވުމެއް ނެތިއެވެ. ބަދަލުހިފުމުގެ ރޫޙާ ދުރުހެލިވެ ތިބެއެވެ. މާތްﷲގެ ވަޖްހުފުޅު އަދައިގެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [5] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކޮށް ދިރުވި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ."

ލައިލަތުލްޤަދްރި ވިލޭރޭގެ ޞިފަތަކާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތައް ވަރަށް ގިނައެވެ. މި ބަސްފުޅުތައް ބުނާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ހޫނު ރެއެއް ނޫނެވެ. އަދި ފިނި ބާރު ރެއެއް ވެސް ނޫނެވެ. އެއީ މެދު މިންވަރުގެ ރެއެކެވެ. އެއީ ވައިރޯޅި މަޑު އަލި ރެއެކެވެ. އެދުވަހަށް އިރުއަރާއިރު އިރުގައި ދޯއްޖެއް ނުހުންނާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަމެއް ނޭގެއެވެ. އެނގޭ ގޮތުގައި އެއީ ރަމަޟާން މަހުގެ ރެއެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އައްސަވާށެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ: تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ [6] – މާނައީ: ތިޔަބައިމީހުން  ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް މަސައްކަތް ކުރާށެވެ." އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ވިލޭރެއެވެ. މީގެ އިތުރަށް ބައެއް ބޭފުޅުން، އަމިއްލަފުޅު އިޖްތިހާދުގެ މައްޗަށް ބައްލަވައި ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށް ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި މި ދެކަލިމާގައި އޮތީ 9 އަކުރެވެ. މިދެކަލިމަ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވަނީ 3 ފަހަރުއެވެ. އެހެންކަމުން އެއީ 3 ގުނަ 9 އެއް  27 އެވެ. އެބޭފުޅުން އަދި ވެސް ވިދާޅުވާ ގޮތުގައި އަލްޤަދްރު ސޫރަތުގައި އައިސްފައިވާ ބަސްފުޅު ((سَلاَمٌ هِىَ)) ގައި އޮތް [هِىَ] އައިސްފައި އޮތީ އެސޫރަތުގައިވާ 27 ވަނަ ކަލިމައިގައެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ ހާމަކުރައްވާފައިވާ ރެއެއް ނޫނެވެ. އެ ރޭ ވަނީ ރަމަޟާން މަހުގެ ތެރޭގައިކަން ކަށަވަރެވެ. އެރޭވަނީ ފަހު ދިހާގައިކަން ވަރަށްގިނަ ބަސްފުޅުތަކުން އެނގެއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ގަދައަޅުއްވާ ހިއްމަތް ކުރެއްވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމުވެގެންނެވެ. އެރޭތަކުގައި ކީރިތި ރަސޫލާ ﷺ ޢާއިޝަތުގެފާނަށް އުގަންނާދެއްވި ދުޢާއިން ދުޢާކުރުން ގިނަކުރުން ހުއްޓެވެ. އެއީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي[7] އެވެ. މާނައީ: ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފު ދެއްވާ މާފުދެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މި އަޅާގެ ކުށްތަކަށް މާފު ދެއްވާނދޭވެ!"

މިއަދު މުއުމިނުންގެ ހިތްތައް ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ﷲގެ ނަފްޙާތުތަކުގެ ވަސްމީރު ޢަބީރުން ފުރިފައެވެ. މި މަހުގެ ދުވަސްތައް ރޯދަ ހިފުމާއި ޤިޔާމާއި އަޅުކަމުގެ ތެރޭގައި ހޭދަ ކުރަމުންދާ އިރު އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް  މި ކަމުގައި ހެޔޮތައުފީޤު ދެއްވައި، އަޅުގަނޑުމެންގެ މި ޞާލިޙު ޢަމަލުތައް އެކަލާނގެ ޙަޟްރަތުގައި މަޤބޫލުވަނިވި އަމަލުތަކެއް ކަމުގައި ލެއްވުމެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތި ކުރެއްވުން ލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅައިލަމާތޯއެވެ؟ އެކަމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ؟ ވިސްނުން ތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާޚިރަތަށް ޓަކައި ހިފާމީހާއެވެ. ދުރު ވިސްނޭ ވުނޭރަކީ އެންމެ މޭވާ ގިނައިން އަޅާ ވިޔަފާރިއެއް ބަލައި އެކަމަށް ވުނަކުރާ މީހާއެވެ. މި ގޮތުން ބަލާއިރު އެންމެ މޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުމެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ، تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ[8]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ."

ރޯދަވެރިން ވިޔަފާރި ކުރަނީ ވަރަށް އަގު ބޮޑު މުދަލަކަށް ޓަކައެވެ. އެއީ ސުވަރުގެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "مَنْ خَافَ أدْلَجَ، وَمَنْ أدْلَجَ بَلَغَ المَنْزِلَ، أَلاَ إنَّ سِلعَةَ اللهِ غَالِيَةٌ، أَلاَ إنَّ سِلْعَةَ اللهِ الجنَّةُ[9] – ރޭގަނޑު ދަތުރުކުރާ އިރު ފޭރުމުގެ ބިރު އޮތްމީހާ ހިއްމަތާއެކު ބާރަށް ދަތުރު ކުރާނެތެވެ. ހިއްމަތާ އެކު ބާރަށް ދަތުރުކުރި މީހާ ރައްކައުތެރިކަމާ އެކު މަންޒިލަށް ވާސިލު ވާނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ."

 

[1] – رواه البيهقى وابن خزيمة

[2] – القدر : 1

[3] – القدر : 3

[4] –  القدر :5

[5] – رواه البخارى والبيهقى والنسائى  وأحمد

 رواه البخارى وأحمد والبيهقى – [6]

[7]–  رواه ابن ماجه وأحمد والنسائى والحاكم والبيهقى

[8] – الصف : 10-11

[9]  – رواه الحاكم والترمذى وصححه الألبانى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *