ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 508 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާ ބޮޑުވެއްޖެއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 465 މީހުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 508 މީހުންގެ ތެރެއިން 276 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 185 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 32، ރިސޯޓުތަކުގައި 12 އަދި ސަފާރީތަކުގައި 3 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 30،745 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،068 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،594 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 172 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
މުޅި ރާއްޖޭގައި މިހާ ހަލުވިކޮށް ކޮވިޑް ފެތރެމުންދާތީ، ޒަރޫރީ ބޭނުމެއްގައި ފިޔަވައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިއަދުން ފެށިގެން ހަފުތާއަކަށް ވަނީ މަނާކޮށްފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 72 ރަށެއްގައި ޖުމްލަ 1،902 ޕޮޒިޓިވް ކޭސް މިއަދު އެބަތިއްބެވެ. ޕޮޒިޓިވް އެންމެ ގިނަ މީހުން ތިބީ 265 މީހުން ތިބި ޅ. ނައިފަރުގައެވެ. ދެން 226 މީހުން ތިބި ކ. މާފުށީގައެވެ. ދެން 209 މީހުން ތިބި އއ. މަތިވެރީގައެވެ.



advertisment