ނީލޯފަރެވެ! ނީލޯފަރެވެ!
ތާޒާކަމުގައި ތިބާ ފެންނަނީ ޝާއިރެއްގެ މޮޅު ޅެމެއް ހެންނެވެ.
ތިބާގެ ހިނިތުންވުމުން މުޅި މަހެފިލް އުފާވެރިވެއެވެ.
ހަނދުވަރު ނެތަސް ތިބާގެ އަލިކަމުން ރޯޝަންވެ އުޖާލާވެއެވެ.
ނީލޯފަރެވެ! ނީލޯފަރެވެ!
އޮއްސެމުން އިރު ދިޔަ ދުވަހެކެވެ.
ފިނި ހަވީރެކެވެ.
ގެއްލިފައި މަންޒަރަށް އަހަރެން ހުރި އިރެކެވެ.
ރަތްވިލާ ދެއްކި ޖާދޫއެކެވެ.
ހިތްފަސޭހަ ތަސްވީރެކެވެ.
ކޮންމެ ކުލައެއް ކޮންމެ މަންޒަރެއް ދެއްކީ ތިބާއެވެ!
ނީލޯފަރެވެ! ނީލޯފަރެވެ!
އައު އިރެއް އުދަވި އައު ދުވަހެކެވެ.
އައު ހެނދުނެކެވެ. އައު ކުލަތަކެކެވެ.
އިރުމަތިފަރާތު އުދަރެހާއި ފަޒާގެ ނަލަކަމާއި ފުރިހަމަކަމެވެ.
އުންމީދުތަކުގެ ހިނިތުންވުމުގެ ކުލަތައް ވިދައި ބަބުޅައެވެ.
ކޮންމެ ކުލައެއް ކޮންމެ ނަލަކަމެއް ތަސްވީރު ކުރީ ތިބާއެވެ!
ނީލޯފަރެވެ! ނީލޯފަރެވެ!
ވައިރޯޅީތަކާއި ފެންތިކިތައް ތިބާއާ ސަމާސާ ކުރާ ހިނދު އަހަރެން ބަލަން ހުންނަމެވެ.
މަސްތުކުރުވަނިވި އުފަލެއްގެ އިހުސާސްވާ ފަދަ ގޮތެއްގައެވެ.
ހުސްވުމެއް ނެތް ރީތިކަމާއި ފަރިކަން އަހަރެން ދެކެނީ ހިނދުކޮޅަކަށް ވެސް އެސްފިޔަ ވެސް ޖަހައި ނުލައެވެ.
މުތުން ބިނާކުރި ގަނޑުވަރުގެ ވަށައިގެން ހެއްދި ޒާރުން ތިބާ ފެންނަނީ ރަންޏެއް ފަދައިންނެވެ.
ވަށައިގެން ބިނާ ކުޅަ ސާފު ފެންގަނޑުގެ ސިއްރަކީ ތިޔައީއެވެ.
ޠާހިރުކަމާއި ތާޒާކަމުގައި ތިބާ ފެންނަ އަސްލަކީ ތިބާއަށް ޓަކައި ބިނާކުޅަ މޫތީގެ ގަނޑުވަރުގެ އަޖައިބުން ފުރުނު ފެންގަނޑެވެ
ނީލޯފަރެވެ! ނީލޯފަރެވެ!
ނީލޯފަރެވެ! ނީލޯފަރެވެ!
އެކި ކުލަތަކުން ތިބާ ފަރިވެ ފޮޅެމުން ދާ ހިނދު ތިބާގެ މުޅި ދުނިޔެ ވަށައިގެން ތިބާއަށް ކަޅިއަޅައިގެން ތިބި ލޯތަކަށް ތިބާ ނަޒަރު އެބަ ކުރަމު ހެއްޔެވެ!
މިލައި މޯޅިވުމުގެ ކުރިން ތިބާގެ އަޖައިބުވަނިވި ފުރިހަމަ ވާހަކަ ފަހެ ދުނިޔެއަށް އިއްވައި ނުދޭނަމު ހެއްޔެވެ!