Support Us

މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އެއް އޮޕަރޭޝަނަކީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެޕްރީލް 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާ އަދި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން 35 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

އޭގެ އިތުރުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައިވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެގޮތުން ހިންގި އެއް އޮޕަރޭޝަނުގައި އެޕްރީލް މަހުގެ 29 ވަނަ ދުވަހު މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓުވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން 24 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އޭގެ އިތުރުން، އެޕްރީލް މަހުގެ 28 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އެހެން މީހުނަށް ފަސްދުވަހުގެ މުއްދަތު ޖަހައިދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް