الله سبحانه وتعالى އިންސާނާ ހެއްދެވީ އެކަލާނގެ ދެނެގަނެ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ[1] – ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.))
އެހެންކަމުން މާތްﷲއަށް އީމާންވުމަށްފަހު އަދި އިސްލާމް ވުމަށްފަހު އެންމެ ފުރަތަމަ އޭނާއަށް ގޮވާލެވެނީ މާތްﷲއަށް އަޅުކަން ކުރުމަށެވެ. އިސްލާމްދީނުގެ ރުކުންތަކުގައި ހިމެނެނީ މާތްﷲއަށްޓަކައި ކުރަންޖެހޭ މުހިންމު އަޅުކަންތަކެވެ. ނަމާދުކުރުމާއި ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާއި بيت الله الحرام އަށް (ގެފުޅަށް) ޙައްޖުވުމެވެ.
އިސްލާމްދީނުގައި ފަރްޟު ކުރައްވާފައިވާ މި މުހިންމު އަޅުކަންތަކަށް ބަލާއިރު އޭގެ ތެރޭގައި އޭނާގެ ހަށިގަނޑުން އަދާކުރަންޖެހޭ އަޅުކަންތަކެއް ވެއެވެ. ނަމާދުކުރުމާއި ރޯދަ ހިފުމަކީ ހަށިގަނޑުން އަދާކުރެވޭ އަޅުކަންތަކެކެވެ.
އިސްލާމީ އަޅުކަންތަކުގެ ތެރޭގައި އޭނާގެ މުދަލުން އަދާކުރަންޖެހޭ އަޅުކަންތަކެއް ވެއެވެ. މުދަލު ޒަކާތާއި ފިޠުރުޒަކާތަކީ އޭނާގެ މުދަލުން އަދާކުރަންޖެހޭ އަޅުކަންތަކެކެވެ.
އިސްލާމީ އަޅުކަންތައްތަކުގައި ހިމެނޭ ތިންވަނަ ބާވަތަކީ އޭނާގެ ހަށިގަނޑުންނާއި މުދަލުން އަދާކުރަންޖެހޭ އަޅުކަންތަކެވެ. ޙައްޖުވުމާއި ޢުމްރާވުމަކީ ހަށިގަނޑާއި މުދާ އެކަމުގައި ހިމެނޭ އަޅުކަންތަކެކެވެ.
ރޯދައަކީ އަހަރަކު އެއްފަހަރު އަދާކުރަން ޖެހެނީ ބަދަނީ އަޅުކަމެކެވެ. ޤުދްސީ ޙަދީޘެއްގައި މާތްﷲ ވަޙީކުރެއްވިއެވެ. ((كُلُّ عَمَل ابنِ آدمَ لَهُ إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ طَعَامَه مِنْ أجْلِى وَيَدَعُ شرابه مِنْ أَجلى، وَيدع شَهْوَتَه مِنْ أجلى وَيَدَعُ زَوْجَته مِنْ أَجلى[2]– އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ލިބިގެންވާ އެއްޗެކެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެއީ ތިމަން ރަސްކަލާނގެއަށް ލިބިވޮޑިގެންވާ އެއްޗެކެވެ. ތިމަން ރަސްކަލާނގެ އެކަމަށް ޖަޒާ ދެއްވަމުއެވެ. ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި އޭނާ ކާތަކެތި ދޫކޮށްލައެވެ. އަދި ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި އޭނާ ބޯތަކެތި ދޫކޮށްލައެވެ. އަދި ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި އޭނާ ޝަހްވަތްތައް ދޫކޮށްލައެވެ. އަދި ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި އޭނާ އޭނާގެ އަނބިމީހާޔާ ދުރުހެލިވެއެވެ.))
ރޯދައަކީ އިސްލާމްދީނުގެ ކުރިން ޢަރަބިން ދަންނަ ކަމެކެވެ. ޖާހިލީ ޒަމާނުގައި ޢާޝޫރާ ދުވަހު ރޯދަ ހިފާ އުޅުނެވެ. ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރައްވަން ދެން ކީރިތި ރަސޫލާ ﷺ މުސްލިމުންނަށް ޢާޝޫރާ ދުވަހު ރޯދަހިފަން އަމުރު ކުރެއްވިއެވެ. ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރެއްވުމުން ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތެއް ކަމުގައި ވެގެން ދިޔައެވެ.
މުސްލިމުން ރޯދަ ހިފާގޮތަށް އެހެން ބަޔަކު ރޯދައެއް ނުހިފައެވެ. ބައެއް ދީންތަކުގެ މީހުން ރޯދަހިފަނީ ފުރާނަ ހުންނަ އެއްޗެހިން އެކަންޏެވެ. އަދި އެމީހުން ޝަހްވަތްތެރިކަމުން ރޯދައެއް ނުހިފައެވެ. އެމީހުން ރޯދައަށް ތިބޭއިރު ކާބޯތަކެތީގެ ތެރެއިން އެމީހުން ބޭނުން އެއްޗެއް ކައިބޮއި ހަދައެވެ.
ރޯދައިގެ ޙިކްމަތްތައް ވަރަށްގިނައެވެ. އޭގެ ތެރޭގައި މިއަންނަ ކަންތައްތައް ހިމަނާލެވިދާނެއެވެ.
1- މާތްﷲ އަމުރުކުރައްވާފައިވާ ކަންތައްތައްކޮށް އެކަލާނގެއަށް ކިޔަމަން ގަތުމުންނާއި މާތްﷲ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވެ އެކަލާނގެއަށް ބޯލަނބައިގެން ނަފްސު ޠާހިރުކުރުން: މިކަމުގެ ސަބަބުން މާތްﷲއަށް ފުރިހަމައަށް އަޅުވެތިވުމުގެ ތަމްރީނު ލިބެއެވެ. އޭނާ ބޭނުންނަމަ ރޯދައަށޭ ކިޔާފައި ހުރެ ކައިބޮއި ހެދިދާނެއެވެ. އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. ނަމަވެސް އޭނާ މިކަންތައްތަކާ ދުރުހެލިވަނީ މާތްﷲގެ ވަޖްހުފުޅަށް ޓަކައެވެ.
2- ރޯދަ ހިފުމަކީ އިންސާނާއަށް އޭނާގެ މާއްދީ ބައިގެ މައްޗަށް އޭނާގެ ރޫޙާނީ ބައި ގަދަކުރުމަށް ފުރުޞަތު ލިބިދޭ އަޅުކަމެކެވެ. މާތްﷲ އާދަމުގެފާނު ހައްދަވާފައިވަނީ ކިސަޑާއި މަށިންނެވެ. އެއަށްފަހު މާތްﷲ ކިސަޑުގެ މިހަށިގަނޑަށް ފުރާނަ އެޅުއްވިއެވެ. އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ މިދެބަޔަކީ އަރާރުމެއްގެ ތެރޭގައިވާ ދެބަޔެކެވެ. މާއްދީބައި އިންސާނާގެ މައްޗަށް ވެރިވެގަންފިނަމަ އިންސާނާ ނަޢަމު ސޫފީގެ ދަރަޖައަށް ވެއްޓިދާނެއެވެ. އެހެނަސް އިންސާނާގެ ރޫޙާނީ ބައި އިންސާނާގެ މައްޗަށް ވެރިވެ ގަނެވޭގޮތް ހެދިއްޖެނަމަ މަލާއިކަތުންގެ އުދަރެހަށް އިންސާނާއަށް ވާޞިލު ވެވިދާނެއެވެ. އެހެންކަމުން ރޯދައަކީ މާއްދާގެ މައްޗަށް ރޫޙާނިއްޔަތު ގަދަކޮށް ގަތުމެކެވެ. ޝަހްވަތުގެ މައްޗަށް ވިސްނުމުގެ ބާރު ވެރިކޮށް ގަތުމެކެވެ. މާތްﷲ އިންސާނާ ހައްދަވާފައި މިވަނީ މާއްދާގެ ޢާލަމާ ރޫޙާނީ ޢާލަމުގައި އުޅުމަށްޓަކައެވެ. އޭނާއަށް ބިމާއެކު މުޢާމަލާތު ކުރާއިރު އުޑާއެކު ގުޅުން ދަމަހައްޓަންވެސް ޖެހެއެވެ. ބިމުން އުފައްދާދޭ އެއްޗެހިން ކައިބޮއި ހަދާއިރު، ޙައްޤު ދެނެގަތުމަށްޓަކައި ހެވާނުބައި އުގެނުމަށްޓަކައެވެ. ދީނުގައި ޝަރްޢު ކުރައްވާފައިވާ އަޅުކަންތައްތައް ޝަރްޢު ކުރައްވާފައިވަނީ އިންސާނާގެ ރޫޙާނީބައި ވަރުގަދަކޮށް މި މާއްދީބައިގެ މައްޗަށް ގަދަވެ ގަތުމަށްޓަކައެވެ.
3- މިގޮތުން ބަލާއިރު ރޯދައަކީ ރޫޙާނީ ޖިހާދުގެ ވަރަށްފުޅައު މައިދާނެކެވެ. ރޯދަވެރިޔާ އޭނާގެ ވެރިރަސްކަލާނގެ ވަޖްހުފުޅު އަދައިގެން، އެކަލާނގެ ޙަޟްރަތުން ދަރުމައަށް އެދިގެން، ﷲގެ އަމުރުފުޅަށް ހައިހޫނު ކަމުގައި ހުންނަނީ އަތްފޯރާ ހިސާބުގައި ކާބޯތަކެތި ހުއްޓައެވެ. ކަރުހިއްކުމުގައި ހުންނަނީ ތުންޖެހޭ ހިސާބުގައި މީރު ފިނި ފެންތަށި ހުއްޓައެވެ. ޝަހްވަތްތަކާ ދުރުހެލިވަނީ ތިމާގެ ޙަލާލު އަނބިމީހާ ހަމަގޮވައލާ އިރަށް އަންނަން ތައްޔާރަށް ހުއްޓއެވެ. ސިނގެރެޓްފޮށި ޖީބުގައި، ލައިޓަރު އަތުގައި އޮވެ ދުންފަތުގެ އިސްތިޢުމާލު ނުކުރަނީ ކީއްވެގެންތޯއެވެ؟ ﷲ އެންގެވީތީއެވެ. އޭނާއަށް ފާރަލާނެ އެހެން މީހަކު ނެތެވެ. މިއީ އިންސާނާގެ އީމާންކަމުގެ ޙަޤީޤީ އިމްތިޙާނެކެވެ. އޭނާގެ ޢަޒްމު ވަރުގަދަކަން ދައްކާދޭ ކަމެކެވެ.
4- ރޯދަވެރިޔާ ކޮންމެ ދުވަހަކު ރޯދަ ފުރިހަމަ ކުރާހިނދު އޭނާއަށް ލިބޭ އުފަލުގެ ސިއްރަކީ މިއީއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((لِلصَّائِم فَرْحَتَانِ يَفْرَحُهما إذَا أَفْطر فَرِحَ بِفِطْرِهِ وإذَا لَقِىَ رَبَّهُ فَرِحَ بِصَومِه [3]– ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަހިފާ ރޯދަ ވީއްލާއިރު ލިބޭ އުފަލަކާއި އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެކެވެ.))
5- ރޯދަހިފުމަކީ ކެތްތެރިވުމަށް އާދަކޮށް ދޭނެކަމެކެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ރޯދަމަހަށް (ނުވަތަ ރަމަޟާން މަހަށް) ކެތްތެރިކަމުގެ މަހޭ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((صَوْمُ شَهْرِ الصَّبْرِ وثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصدر[4]– ކެތްތެރިކަމުގެ މަހުގައި ރޯދަ ހިފުމާއި އެހެން ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ ހިތުގެ ވަސްވާސްތައް ފިލުވާލަދޭނެ ކަމެކެވެ. ނުވަތަ އެއީ އެހެން މީހުންނަށް ޙަސަދަވެރިވުމާއި ނުނިޔަތްލުމުން ދުރުހެލި ކުރުވާނެ ކަމެކެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި ((الصِّيَامُ جُنَّةٌ- ރޯދަޔަކީ އައްޑަނައެކެވެ.)) އެބަހީ ރޯދަހިފުމަކީ ދުނިޔޭގެ ކުށް ފާފަތަކަށް އަރައިގަތުމުންނާއި އާޚިރަތްދުވަހުން ނަރަކައިގެ ޢަޛާބުން ރޯދަވެރިޔާ ޙިމާޔަތް ކޮށްދޭނެ އަޅުކަމެކެވެ.އައްޠަބަރާނީ ރިވާކުރައްވާ ގޮތުގައި ((ރޯދައަކީ އައްޑަނައެކެވެ. އަދި އެއީ މުއުމިނާގެ ކިއްލާތަކުން ކިއްލާއެކެވެ.)) އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((الصيام جُنَّةٌ مِنَ النَّارِ كَجُنَّةِ أَحَدِكُم مِنَ القِتَال[5]– ރޯދަޔަކީ ނަރަކައިން ސަލާމަތްވުމަށް ލިބިގެންވާ އައްޑަނައެކެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ހަނގުރާމާގައި ދިފާޢުވުމަށް ގެންގުޅޭ އައްޑަނައެއް ފަދަ އެއްޗެކެވެ.))
4- އެންމެންވެސް އެއްބަސްވާ ގޮތުގައި އިންސާނާ ވާވެއްދުމަށްޓަކައި، އޭނާ މަގު ފުރެއްދުމަށްޓަކައި ޝައިޠާނާ ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރަކީ ޖިންސީ ޣަރީޒާއެވެ. ހުޅަނގުގެ ބައެއް ފަލްސަފާތައް ބުނާ ގޮތުގައި އިންސާނާގެ ކޮންމެ ސުލޫކަކީ ޖިންސީ ޣަރީޒާއާ ގުޅިފައިވާ ކަމެކެވެ. ހުޅަނގުގެ މާއްދީ ޙަޟާރަތަށް ބަލާއިރު ހުޅަނގުގެ މުޖްތަމަޢުތަކުގައި ފެތުރެމުންދާ ބަދުއަޚްލާޤީ ބަލިތަކުގެ ސަބަބަކީ ޖިންސީ ޣަރީޒާގެ ލަގަން އެއްވެސް ހިފެހެއްޓުމަކާނުލައި މިނިވަން ކަމާއެކު ދޫކޮށްލުމެވެ. ރޯދަޔަކީ މި ޝަހްވަތްތައް ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް ކުޅޭ އެއްޗެކެވެ. މި ޣަރީޒާ (ﷲގެ ވަޖްހުފުޅަށްޓަކައި) ކޮންޓްރޯލް ކުރެވިއްޖެނަމަ އިންސާނާގެ އުޅުމާއި ސުލޫކު މަތިވެރިވެގެން ދާނެއެވެ. މިހެންވެ ކީރިތި ރަސޫލާ މިއުއްމަތުގެ ޒުވާނުންނަށް ކާވެނިކުރުމަށް ގޮވާލެއްވިއެވެ. އެއީ ކާވެނި ކުރެވޭފަދަ ތަނަވަސްކަން ލިބިގެން ވާނަމައެވެ. ކާވެނި ކުރުމަށް ކުޅަދާނަ ވެގެންނުވާ މީހުންނަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވީ ރޯދަ ހިފުމަށެވެ. އެކަލޭގެފާނު ރޯދަހިފަން އެންގެވި ސަބަބު ބަޔާން ކޮށްދެއްވަމުން ޙަދީޘް ކުރެއްވިއެވެ. ((فإنه لَهُ وِجَاء [6]– ފަހެ ހަމަކަށަވަރުން އެއީ ޝަހްވަތްތެރިކަން ބަލިކުރާ އެއްޗެކެވެ.)) މިއިން އެނގެނީ ޖިންސީ އެދުންތަކާ ދުރުހެލި ވުމަށާއި އެ އެދުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ރޯދައަކީ ލިބިފައިވާ ފަރުވާއެއް ކަމެވެ. މައިތިރިއެއް ކަމެވެ.
[1] – الذاريات : 56
[2] – البحر الزخار المعروف بمسند البزار ١٥/٣٢
[3] – أخرجه البخاري (٧٤٩٢) واللفظ له، ومسلم (١١٥١)
[4] – أخرجه البخاري في «التاريخ الكبير» (٧/٢٣٩)، والبزار كما في «مجمع الزوائد» للهيثمي (٣/١٩٩)
[5] – – رواه أحمد والنسائى وإبن ماجه وابن خزيمة وابن حبان
[6] – أخرجه البخاري (٥٠٦٥)، ومسلم (١٤٠٠)، وأبو داود (٢٠٤٦)، والترمذي (١٠٨١)، والنسائي (٣٢٠٧) وابن ماجه (١٨٤٥)، وأحمد (٣٥٩٢)




advertisment