Support Us

ރޯދަވެރިޔާ ސަމާލުކަންދޭން ޖެހޭ ބައެއް ކަންތައްތައް- 2

ބޭކާރު ގޮތުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރުން

ރޭގަނޑުގެ ވަގުތުތައްވެސް އަދި ދުވާލުގެ ވަގުތުތައްވެސް ބޭކާރުގޮތުގައި ހޭދަކުރުމަކީ އިސްލާމްދީނުގައި މަނާކަމެކެވެ. ރަމަޟާންމަހަކީ އެކަލާނގެ ނަފަޙާތުތަކުން ފުރިގެންވާ މަހެކެވެ. އެމަހުގެ ފުރަތަމަރޭ އެކަލާނގެ، އެކަލާނގެ އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައި ވޮޑިގެންނެވި މީހަކު ދުވަހަކުވެސް ނަރަކައަކަށް ނުވައްދަވާނެއެވެ.

އަދި ރަމަޟާންމަހުގެ ކޮންމެރެއަކީ މަލާއިކަތް ބޭކަލުން ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދިވަޑައިގެން މާތްﷲ އަށް ދުޢާ ދަންނަވާ ރެއެކެވެ. އެކަލާނގެ އަންގަވާފައިނުވާ ގޮތަކަށް ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ މީހާއަށް ފާފަފުއްސަވާ ދެއްވުމަށް މަލާއިކަތުން ދުޢާ ދަންނަވާ ދެއްވާނެތޯއެވެ؟ ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްއާކޮށް ދިރުވުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [1]– މާތްﷲ އަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައި ރަމަޟާންމަހުގެ ރޭތައް ދިރުވި މީހާގެ [2] އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ." އެހެންކަމުން ބޭކާރު ގޮތުގައި ރަމަޟާންމަހުގެ ރޭތައް ނަގައިލާ މީހާގެ ޙާލަކީ ކޮބައިތޯއެވެ؟

ކީރިތި ރަސޫލާ ﷺ އަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުންނެވެ. ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައެވެ. އެކަލޭގެފާނު މިރޭތަކުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންވެސް އަވަހާރަފުޅުން ނަންގަވާ އެރޭތައް އިޙްޔާކުރުމުގައި ބައިވެރިކުރައްވާފައިވެއެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއަށްޓަކައެވެ. ލައިލަތުލްޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ އެރޭގެ އަޅުކަމުގެ ހެޔޮކަން ބޮޑު ރެއެކެވެ.

ދުވާލުގެ ވަގުތުތަކުގައި ކަންނެތްވުން

އިސްލާމީ ދުނިޔޭގައި ޢާއްމުގޮތެއްގައި ރޯދަމަހު މަސައްކަތްކުރާ ވަގުތު ލުއިކުރެވެއެވެ. އެކަމަކު މިއީ ރޯދަވެރިންނަށް ދެވޭ ލުޔެކެވެ. މިކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭނެއެވެ. މީގެ އިތުރަށް ރަމަޟާންމަހަކީ ބައެއް މީހުން ޗުއްޓީ ނަގައިގެން އެއްވެސްކަމެއް ނުކޮށް ގޭގައި ތިބޭ މަހެކެވެ. މަސައްކަތްކުރާ ބަޔަކު މަސައްކަތްކުރަނީ ވަރަށް ކަންނެތްކަމާ އެކުގައެވެ. އިޚްލާޞްތެރިކަމެއް، ކަމަށް ކަމޭހިތުމެއް ނެތިއެވެ. މިކަމާ ސުވާލުކޮށްލައިފިނަމަ ޖަވާބަކަށް ވާނީ އެއީ ރޯދައިގެ ސަބަބުންވާ ކަމެކެވެ. ނަމަވެސް ރޯދައާ މި ތުހްމަތާ އެއްވެސް ގުޅުމެއް ނެތެވެ.

އިސްލާމީ ތާރީޚަށް ބައްލަވައިލައްވާށެވެ. މުސްލިމުން ރަމަޟާންމަހުގައި ކަންނެތްވެފައެއް ނުވެއެވެ. ބަދްރު ހަނގުރާމައާއި މައްކާ ފަތަޙަކުރެއްވުމާއި ޢައިނުޖާލޫތު ހަނގުރާމައާއި، ޙިއްޠީން ހަނގުރާމަ ފަދަ ބޮޑެތި މުހިއްމު ހަނގުރާމަތައް ހިނގާފައިވަނީ ރަމަޟާން މަހުގައެވެ. ރޯދައަށް ތިއްބޭ ކިޔާފައި ހަނގުރާމަކުރުމުގެ ގަޑިތައް މަދެއް ނުކުރެއެވެ. މިގަޑިތައް މަދުކޮށްގެން އެމީހުންނަށް ނަޞްރު ލިބޭނެތޯއެވެ؟

ރަމަޟާން މަސް ކަންނެތްކަމުގެ މަހަކަށް ހަދައިގެން ނުވާނެއެވެ. ތާސްކުޅުމާއި ރާޒުވާކުޅުމާއި ވީޑިޔޯ ގޭމް ކުޅުމާއި ޓްވީޓް ކުރުމުގެ މަހަކަށް ހަދައި ވަގުތުތައް ބޭކާރުކޮށްލައިގެން ނުވާނެއެވެ. ރަމަޟާން މަސް މީސްމީޑިޔާގެ ރަޙްމަތްތެރިއަކަށް ހަދައިގެން ނުވާނެއެވެ. ރަމަޟާންމަހަކީ ޖިހާދުގެ މަހެވެ. ޙަރަކާތްތެރިކަމާއި ހީވާގިވުމުގެ މަހެވެ.

ރޯދަވެރިޔާގެ ނަފްސިއްޔަތު

ރޯދަވެރިން ވަރަށް އަވަހަށް ރުޅި އަންނަތަން ފެނެއެވެ. މޫނުކުނިކޮށްގެން އުޅޭތަން ފެނެއެވެ. ޝަކްވާ ގިނަކުރާތަން ފެނެއެވެ. މިއިން ކަމަކާމެދު ސުވާލުކޮށްލައިފިނަމަ "އަހުރެމެން މިއުޅެނީ ރަމަޟާން މަހުގައިކަން ކަލެއަކަށް ނޭގޭހެއްޔޭ" ބުނާ މީހުން އުޅެއެވެ. ނަމަވެސް ސުވާލަކީ ރޯދައަކީ ހަމަ މިކަހަލަ އެއްޗެއް ހެއްޔެވެ؟ ހަމަ ގައިމުވެސް މިއީ ރޯދަވެރިންގެ ސިފަތަކެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ އަންގަވަނީ މީހަކު ރުޅިއަރުވަން އުޅޭނަމަ "އަހުރެން މިހިރީ ރޯދައަށޭ" ބުނެ އެމީހަކާ ދުރަށްދިޔުމަށެވެ. ކީރިތި ރަސޫލާ ﷺ އަންގަވަނީ ރޯދަމަހަކީ ކެތްތެރިކަމުގެ މަހެވެ. އެހެންކަމުން އެހެން މީހުންގެ އުދަނގޫތައް ކޮންމެވެސް މިންވަރަކަށް ތަޙައްމުލުކޮށް، އެމީހުންނަށް ހިނިތުންވެފައިވާ މޫނެއް ދެއްކުން ކީއްތޯއެވެ؟ ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ތިޔަބައިމީހުންގެ މުއްސަނދިކަމުން މީސްތަކުން ތަނަވަސްކޮށެއް ނުދެވޭނެއެވެ. އެކަމަކު މީސްތަކުން ތަނަވަސްކޮށްދެވޭނީ ހިނިތުންވުމާއި ރިވެތިއަޚްލާޤުންނެވެ. އެހެންބަސްފުޅެއްގައި އަންގަވައެވެ. "تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ [3]– ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ވެސް ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ."

އަޅުގަނޑުމެންގެ ރޯދަ މަޤްބޫލު ރޯދައަކަށް ހެދުމަށްޓަކައި މި ކަންތައްތަކަށް ސަމާލުކަން ދެމާތޯއެވެ؟

 

[1] – موطأ مالك والبخارى ومسلم وأبوداود والترمذى والنسائى وأحمد والبيهقى والدارمى وابن حبان وابن خزيمة

[2] – ރޭތައް ދިރުވުމަކީ އަޅުކަންކުރުމެވެ. ރަސޫލުﷲގެފާނު މިކަމަށް ގޮވައިލައްވާފައިވަނީ މަޖްބޫރުކަމެއް ނެތިއެވެ. ބޭނުން މީހަކު ބޭނުން މިންވަރަކަށެވެ.

[3]– الترمذى وابن حبان والطبرانى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *