ސުޢޫދިޔާގައި ހުންނަ ތުރްކީގެ އަށް މަދަރުސާއެއް މި ދިރާސީ އަހަރު (2020/2021) ނިމުމުން ބަންދުކުރުމަށް ރިޔާޟުން އަމުރުކޮށްފިއެވެ.
މި މަދުރަސާތަކުގައި ކިޔަވާ ކުދިންނަށް ސުޢޫދީ ޢަރަބިއްޔާގެ މަދުރަސާތަކުން ޖާގަދެވޭނެ ކަމަށް ރިޔާޟުން ބުންޏެވެ. އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ތަޢުލީމާ ބެހޭ ވުޒާރާއިން ތަބޫކާއި، ރިޔާޟާއި، ޠާއިފާއި ޖިއްދާގައި ހުންނަ ތުރްކީގެ މަދުރަސާތައް ބަންދުކުރަން ލިޔުމުން އެންގީ މި މަހު 28ވަނަ ދުވަހުއެވެ. މީގެ އިތުރަށް ސުޢޫދީ ޢަރަބިއްޔާގެ ތަޢުލީމާ ބެހޭ ވުޒާރާގެ މަސްއޫލުވެރިން ދައްމާމާއި، އަބްހާގައި ހުންނަ ތުރްކީ މަދުރަސާތަކަށް ވަޑައިގެން އެ ތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގެ ޤަރާރު ޝަފަވީކޮށް ދެއްވިއެވެ. ބަންދުކުރަން ނިންމާފައިވާ ތުރްކީގެ މަދަރުސާތަކުގެ ތެރޭގައި މައްކާއާއި މަދީނާގައި ހުންނަ ތުރްކީގެ މަދަރުސާތައް ވެސް ހިމެނެއެވެ.
ރިޔާޟު ބުނާގޮތުގައި މި ޤަރާރު މިހާރު ވަނީ މި މަދަރުސާތަކުގައި ކިޔަވާ ތުރްކީ ކުދީންގެ ބެލެނިވެރީންނަށް ވެސް އެންގިފައެވެ. އެ ކުދީންނަށް ސުޢޫދީ މަދުރަސާތަކަށް ވަނުމުގެ ފުރްޞަތު ލިބޭނެކަމަށް ވެސް އެންގުނެވެ. ތުރްކީގެ މަސްއޫލުވެރީންނާ ޙަވާލާދީ އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި މި އަށް މަދަރުސާގައި 2،256 ކުދިން ކިޔަވަމުން ދެއެވެ. މި ކުދީންގެ ބެލެނިވެރީން ބުނާގޮތުގައި އެ ކުދީންގެ ޢަރަބިބަހުގެ ފެންވަރު ދެރަކަމުން އެކުދީންނަށް ސުޢޫދީ މަދަރުސާތަކުގައި ކިޔަވަން އުނދަގޫވާނެއެވެ.
ނުތަނަވަސްކަމުގެ ދިލަ ކުޑަކުރުމުގެ މަސައްކަތް
ސުޢޫދީ ޢަރަބިއްޔާއިން ތުރްކީއާ ދެކޮޅަށް މި ފިޔަވަޅު އެޅީ އެ ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައިކަން ފާހަގަ ކުރެވެއެވެ. އެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ މައިދާނުގައި ނުތަނަވަސްކަން އިތުރުވެގެންދިޔައީ 2018ގައި ސުޢޫދީ ނޫސްވެރިޔާ ޖަމާލް ޚާޝްޤަޖީ ތުރްކީގައި އަވަހާރަކޮށްލެވުމާ ވިދިގެންނެވެ. މި ކަމާ ވިދިގެން ތުރްކީން އެތެރެކުރާ މުދާ އެތެރެކުރުން ސުޢޫދީން ވަނީ ހުއްޓާލައިފައެވެ. އެމެރިކާގެ ވެރިކަން ބަދަލުވުމާ ވިދިގެން ސުޢޫދީ ޢަރަބިއްޔާއިން ވަނީ ތުރްކީއާ އެކު ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި ވާހަކަ ދެއްކުންތައް ފަށައިފައެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ރިޔާޟުން ދަނީ ނުތަނަވަސްކަމުގެ ދިލަ މަޑުކުރެވޭތޯ ރައީސް އުރްދުޣާނާއެކު މަގުތައް ހުޅުވާފައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.



advertisment