"އަހުރެމެންގެ ދުސްތޫރަކީ ކީރިތި ޤުރްއާން… އަހުރެމެންގެ މަންހަޖަކީ މެދުމިން… ޤުރްއާނުގެ ޙުކުންތައް ތަންފީޒު ކުރުމަކީ އަހުރެމެންގެ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް،" ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިންސަލްމާން އިއްޔެ ވިދާޅުވިއެވެ.
އޭނާ މިގޮތަށް ވިދާޅުވީ އޭނާގެ 2030ގެ ތަޞައްވުރަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ބަސްދީގަތުމެއްގައެވެ. މިއީ ސުޢޫދީ ޢަރަބިއްޔާގެ އިޤްތިޞާދު ސިންދަފާތު ކުރެއްވުމަށް ޓަކައި 2016ގައި އިޢުލާނު ކުރެއްވި ތަޞައްވުރެކެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަކީ ފިޤްހީ ވަކި މަދުރަސާއަކަށް ނުވަތަ ވަކި ޝަޚްޞަކަށް ތަބާވާ ޤައުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ދީނީ ކަންކަމުގައި ޙައްދުފަހަނަޅާދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
ބައިޑްންއާ އެކު 90 އިންސައްތަ އެއްގޮތް
ސުޢޫދީ ޚާރިޖީ ސިޔާސަތުގައި އޭނާގެ ފަލްސަފާއާ ބެހޭގޮތުން ވެސް މުޙައްމަދު ބިން ސަލްމާން މި ބަސްދީގަތުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސިޔާސަތުގެ ބިންގަލަކީ ސުޢޫދީ ޢަރަބިއްޔާގެ އަމްނާއި މަޞްލަޙަތެވެ. ސުޢޫދިޔާގެ މަޞްލަޙަތާ އެއްގޮތަށް ތަފާތު ގޮތްގޮތަށް ނުފޫޒު އުފެއްދުމަކީ އާދައިގެ ކަމެކެވެ. މި ނުފޫޒު އުފައްދަވަމުން ގެންދަވާނީ އދގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނާ އަރާރުން ނުވާގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އައު ސަރުކާރާ ސުޢޫދިޔާއާ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ސިޔާސަތާ ޖޯ ބައިޑްންގެ ސަރުކާރުގެ ސިޔާސަތާ 90 އިންސައްތަ އެއްގޮތެވެ. އޭނާގެ ވިދާޅުވިގޮތުގައި ކޮންމެ އައު ސަރުކާރަކާއެކު މި ސިޔާސަތުތައް މުރާޖަޢާ ކުރެވޭނެއެވެ. މިއީ ޠަބީޢީ ކަމެކެވެ. ބިން ސަލްމާން ވިދާޅުވިގޮތުގައި ރިޔާޟާ ވޮޝިންގްޓަނާ ދެމެދުގައި ދެބަސްވުންތައް އޮތީ އެންމެ 10 އިންސައްތަ މަސްއަލަތަކުގައެވެ. އެއް ޢާއިލާއެއްގެ ތެރޭގައިވެސް ހުރިހާ ކަމެއްގައި އެކައްޗެއް ނުކިޔާނެއެވެ. ބިން ސަލްމާން ވިދާޅުވިގޮތުގައި ޚިޔާލު ތަފާތުވެފައިވާ ކަންކަމާމެދު މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. އެ ކަންކަން ޙައްލު ކުރެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސުޢޫދީ – އެމެރިކާ ގުޅުމަކީ އިސްތިރާތީޖީ ގުޅުމެކެވެ. އެ ދެ ޤައުމަކީ އިސްތިރާތީޖީ ދެ ބައިވެރީންނެވެ. އޭނާ ހާމަކުރެއްވިގޮތުގައި ވަރަށް ގިނަ މައިދާންތަކެއްގައި ރިޔާޟުން ވާނީ ވޮޝިންގްޓަނަށް ވާގިވެރިވެފައެވެ.
އީރާނަކީ އަވަށްޓެރި ޤައުމެއް.. އެދެނީ ރަނގަޅު ގުޅުމަކަށް
ސުޢޫދީ ވަލީ ޢަހްދުގެ ބަސްދީގަތުމުގައި އީރާނާ ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގުޅުންތަކަށް ވެސް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޠަހަރާން ކުރިއަރައި ތަރައްޤީވުމަކީ ރިޔާޟު އެކަމާ ދެކޮޅު ހަދާނެ ކަމެއްނޫނެވެ. އެހެނަސް އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާއި ސަރަޙައްދުގައި އީރާނުން ޙަރަކާތްތެރިވާ ގޮތާއި ސުލޫކަކީ ރިޔާޟު ޤަބޫލުކުރާނެ ކަމެއްނޫނެވެ. ސުޢޫދީ ޢަރަބިއްޔާގެ ދާޚިލީ ކަންތައްތަކާ ބެހުމަކީ ރިޔާޟު ޤަބޫލުކުރާނެ ކަމެއްނޫނެވެ. އީރާނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކުރުމަށް ސުޢޫދީ ޢަރަބިއްޔާ އެދެއެވެ. އީރާނަކީ "އަހުރެމެންގެ އަވަށްޓެރި ޤައުމެކެވެ." ބިން ސަލްމާން ވިދާޅުވިގޮތުގައި ރިޔާޟުން ދަނީ ޠަހަރާނުގެ ނޭދެވޭ ސުލޫކުތައް ރަނގަޅު ކުރުމަށް ޓަކައި ސަރަޙައްދީ އަދި ޢާލަމީ ބައިވެރިންނާއެކު މަޝްވަރާކުރަމުންނެވެ.
ވާހަކަދެއްކުމުގެ ދެވަނަ ބުރެއް ފެށޭނެ
އީރާނުގެ މަސއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ސުޢޫދީ – އީރާން ވާހަކަ ދެއްކުމުގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފެށޭނެއެވެ. މި ވާހަކަ ދެއްކުންތައް ބޭއްވެމުންދަނީ ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޘިމީގެ ބެއްލެވުމުގެ ދަށުންނެވެ. ބިން ސަލްމާން ހާމަކުރެއްވި ގޮތުގައި ދެބަސްވުންތައް ހީކުރާހާ ކުޑައެއްނޫނެވެ. މިހެންވެ މި ކަމަށް ވަރަށް ގިނަ ވަގުތު ބޭނުންވާނެއެވެ. ސުޢޫދީ – އީރާން ވާހަކަދެއްކުންތަކުގެ އެޖެންޑާގައި ހިމެނޭ މުހިއްމު މަސްއަލަތަކުގެތެރޭގައި ޔަމަނުގެ ޙޫޘީންނަށް އީރާނުން އެހީވަމުންދާ މަސްއަލައާއި، ސޫރިއާއި ލުބްނާނާއި ބަޙްރައިނުގެ ދާޚީލީ ކަންކަމާ އީރާނުން ބެހެމުންދާބެހުމާއި، އީރާނުގެ ނިޔުކްލިއަރ މަސްއަލައާ ބެހޭ ވާހަކަދެއްކުންތަކުގެތެރެއަށް ނުފޫޒު ފޯރުވުމަށް ރިޔާޟުން މަސައްކަތްކުރާކަމަށް ޠަހަރާން ކުރާ ތުހްމަތުވެއެވެ. ބިން ސަލްމާން ވިދާޅުވިގޮތުގައި މި ވާހަކަދެއްކުންތަކުގައި ޗައިނާގެ އެއްވެސް ދައުރެއް ނެތެވެ. މި ވާހަކަ ދެއްކުންތައް ބޭއްވެމުންދަނީ ޢިރާޤުގެ ބޮޑުވަޒީރުގެ އެދިވަޑައިގަތުމުގެ މަތިން އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށް ސުޢޫދީ ވަލީ ޢަހްދު ވިދާޅުވިއެވެ.



advertisment