ދަރިވަރު:
މާތްރަސްކަލާނގެ ގަލަން ޚަލްގުކުރައްވައި، އުފައްދަވައި އަދި އެ ގަލަމަށް ވަހީކުރެއްވިއެވެ. ގިޔާމަތާ ހަމައަށް ދާންދެން ވާން ހުރި ހުރިހާ ކަމެއްގެ ވާހަކަ ލިޔާށެވެ! ދެން (އެކަންތައްތަކުގެ ވާހަކަ ގަލަން ލިޔުނެވެ.) އަދި ގަލަމުގެ ދެލި ހިކި، ފަތްފުށްތައް އުފުލި (މާތް ރަސްކަލާނގެ ހަޒުރަތަށް ގެންދެވި، ސިއްކަ ޖެހުނެވެ.) ދެން، އުމަރުގެފާނު ވިދާޅުވި ވާހަކަ އަޅުގަނޑުމެންނާ ހަމައަށް އައެވެ. 'އިބަރަސްކަލާނގެ ހަޒުރަތުގައި އަޅާއަކީ އަބާއްޖަވެރިއެއް ކަމުގައި އިނބަ ލިޔުއްވައިފައިވާ ނަމަ، އިބަރަސްކަލާނގެ ކުޅަދުންވަންތަކަން މެދުވެރިކުރައްވައި އަޅާއަށް އެ ގޮތް މެދުވެރިވުން ފުއްސަވާލަދެއްވާށެވެ! އަދި، އިބަރަސްކަލާނގެ ހަޒުރަތުގައި އަޅާއަކީ ބާއްޖަވެރިއެއް ކަމުގައި ލިޔުއްވައި ސިއްކަޖައްސަވައިދެއްވާށެވެ!' އަޅުގަނޑުގެ ސުއާލަކީ މީހެއްގެ ލިޔެވި ތަގުދީރުކުރެވިފައިވާ ގޮތް ބަދަލުވެދާނެ ހެއްޔެވެ؟
މުދައްރިސު:
ދަރިފުޅާއެވެ! ދަރިފުޅަށް ނޭނގެނީ ހެއްޔެވެ؟ މުއުމިނާގެ ދުއާ، އޭނާގެ ތަގުދީރާއި ހަނގުރާމަކުރެއެވެ. ދެން، އެ ދުއާގެ ބާރުގައްޔާއި އަދި، ހުއްޓާނުލައި މުއުމިނާ އެދުއާ ކުރާކުރުމުންނާއި އަދި އެދުއާ މެދުވެރިކޮށް މާތްރަސްކަލާނގެ އަށް ދަންނަވާ ދެންނެވުން ވަނީ ތަގުދީރުކުރެވިގެން، ފައިބައި، މީހެއްގެ މައްޗަށް ހިންގާލެވުން ކައިރިވެފައިވާ ތަގުދީރުކުރުންތައް ނެތިކޮށްލާ ހަތިޔާރަކަށެވެ."
"ދަރިފުޅާއެވެ!
އެހެންވެ، ގިނަ ގިނައިން ދުއާކޮށް ރޮއެ ހަދާ އަޅުވެރިޔާގެ ކަރުނަތަކަށްޓަކައި، އެކަރުނަތަކުގެ ވެރިޔާގެ ދުއާ އިޖާބަކޮށްދެއްވާތޯ އަރުޝީގެ މަލާއިކަތް ބޭކަލުން ގޮވާލައްވަމުން ގެންދަވައެވެ. ތަގުދީރުގެ ކަންތައްތައް ހިނގަނީވެސް މާތްރަސްކަލާނގެ އިރާދަފުޅުންނެވެ. އަދި، ދުއާގެ ކަންތައްތައް ހިނގަނީ ވެސް މާތްރަސްކަލާނގެ އިރާދަފުޅުގެ މަތިންނެވެ. އެހެންވެ، ދަރިފުޅަށް ދަތި ގޮތްތައް މެދުވެރިކުރުވާ ތަގުދީރު، މާތްރަސްކަލާނގެ މިންވަރުފުޅު، އެ ތަގުދީރާ ދުރަށް ގޮސް، އެކަމުން، ދަރިފުޅަށް ހެޔޮގޮތް މެދުވެރިކުރައްވާ ތަގުދީރާ ދިމާއަށް، މާތްރަސްކަލާނެ ހެޔޮ މިންވަރުފުޅާ ދިމާއަށް، ދުވާށެވެ!"
"ދަރިފުޅާއެވެ!
"ކިލާ ކަޅު ހިތާމަވެރި ދުވަސްތަކެއްގެ ތެރެއިން ނިކުމެ، އަލިކަމާއި ރައުނަގީ އުފާވެރިކަމުގެ ދުވަސްތަކެއްގެ ތެރެއަށް ވަންނަން ދުވެ ދާނީ ކިހިނެއް ހެއްޔެވެ؟"
"އެކަން ކުރެވޭނީ، ދުވާލުގެ ވަގުތުތަކުގައްޔާއި އަދި ރޭނގަނޑުގެ ދަންގަޑީގެ ހަމަހިމޭން ވަގުތުތަކުގައި ވެސް ދަރިފުޅުގެ ދެކަކުލަށް ސަޖިދައިގައި އޮންނަން ދަސްކޮށްދީ، އެކަމަށް ދެކަކޫ ހާނުވައިގެންނެވެ."
"ދަރިފުޅާއެވެ!
"ނިކަން ވިސާނާލަބާލާށެވެ! ވައިގަދަވެ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ދަރިފުޅު ވަށައިގެންވާ ހުރިހާ އެއްޗެއް އުކާލާނޫން ހެއްޔެވެ؟ ދަރިފުޅުގެ ގޭގެ ފުރާޅުވެސް އެއްލާލާ ނޫން ހެއްޔެވެ؟ އެއީ ވަޔަށް އެގޮތަށް ކަންތައް ކުރުމަށް އަމުރުކުރެވިފައިވާތީއެވެ. ނަމަވެސް، ފަހުން، އަނެއްކާ ވެސް ހުރިހާ ކަމެއް ހަމަޖެހި ތަރުތީބު ވެގެންދޭ ނޫން ހެއްޔެވެ؟"
"ދަރިފުޅާއެވެ!
"ދަރިފުޅު ސަޖިދައިގައި އޮވެ ހުއްޓާ ނުލައި އަބަދުކުރުމުންދާ ދުއާ، ދުވަހުން ދުވަހަކަށް، އޭގެ ބާރު ގަދަވަމުން ދެއެވެ. ފާރުތައް ރޭނި، އުސް އިމާރާތެއް ބިނާކުރެވެމުންދާ ހެންނެވެ. އަދި، އެ ބިނާ ފުރިހަމަވެ، ދަރިފުޅުގެ ދުއާ އިޖާބަކުރެވޭ ހިނދު، ދަރިފުޅުގެ ހިތާމައިގެ ފުން މާނޭވާތައް ދިޔައީ ކޮންތާކަށް ކަން ވަރަށް ސާފުކޮށް އެނގި ފެނިގެންދާނެއެވެ."
"ދަރިފުޅާއެވެ!
"އެހެންވެ، މުދައްރިސުގެ މި ވާހަކަ ކަނުލައި އަޑުއަހާށެވެ! ޔަގީންކޮށް ކަށަވަރުކުރާށެވެ. ގަލުމުގެ ލިޔުމުގައި ތަގުދީރުގެ ކަންތައް ކޮންމެ ގޮތަކަށް ލިޔެވިފައި އޮތަސް، ވައިގަދަވެ، ހުރިހާ އެއްޗެއް އުކާލެވިގެން ދިޔަމަށް ފަހު، ކަންތައްތައް އަލުން ތަރުތީބުވާ ފަދައިން، ދުއާގެ ސަބަބުން މުއުމިނާގެ ތަގުދީރުގެ ކަންތައްތައް ވެސް އަލުން ތަރުތީބުވެގެން ދެއެވެ. އެހެންވެ، ތިމާގެ ކިބައިގައި ހުރި ކަންނެއްކަމާއި ނުކުރޭކަން، ތަގުދީރުގެ ނިޔާއޭ ކިޔައި، ތަގުދީރާއި، މިންވަރުފުޅާއި، ހަވާލުކޮށްފައި ނުހުރެ، ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި އަތުރުކުރި އޮޅާލައިގެން ނިކުމެ، ކެެރިގެން އެކަން ކުރުމާއި ކުރިމަތިލާށެވެ! އަދި، އެކަންކަން ހަގީގަތަކަށް ހަދާލުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅު އަޅާށެވެ. އެދި، އެކަމަށް ވާގި އެދި ދުއާކުރަމުން ވެސް ގެންދާށެވެ! އިރާދަކުރެއްވިއްޔާ އެކަން ހަގީގަތަކަށް ވެގެންދާނެއެވެ. މި ވާހަކަ އެހެން އިބާރާތަކުން ޅެންވެރިޔާ ވިދާޅުވެފައި އޮވެއެވެ:
إِذا الشَّعْبُ يوماً أرادَ الحياةَ فلا بُدَّ أنْ يَسْتَجيبَ القدرْ
ގައުމެއް [ނޫނީ ފަރުދެއްވިޔަސް] ދިރިހުރުން ބޭނުން ވެއްޖެ ހިނދެއްގައި
އެކަމަށް ތަގުދީރު އިޖާބަދީ ތަން ދޭން ޖެހެއެވެ.
ولا بُدَّ للَّيْلِ أنْ ينجلي ولا بُدَّ للقيدِ أن يَنْكَسِرْ
[ކަޅުފޮއި] ރޭގަނޑުގެ އަނދިރިކަން ވެސް ނެތި ދާންޖެހޭ ފަދައިންނެވެ.
[ގައުމުގެ ނޫނީ ފަރުދުންގެ] ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރި ހަލާކުވެ، ނެތި ދާން ޖެހޭ ފަދައިންނެވެ."
މަތީގައި ނަންގަނެވި ދިޔަ، ދަރިވަރާއި މުދައްރިސާ ދެމެދު ހިނގާ ދިޔަ ހިވާރުގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ ދަރިވަރުގެ ސުއާލާއި އެ ސުއާލަށް މުދައްރިސު ދެއްވި ޖަވާބުގެ މައްޗަށެވެ. އާދެ، ގަޟާ ގަދަރު މައްސަލައިގެ މައްޗަށެވެ. މި މައްސަލައިގެ ވާހަކަތަކުގެ އަސްލު ގުޅެނީ ދެކަމަކާއެވެ. އިންސާނުންނަށް ލިބިފައި އޮންނަ މިނިވަން އިރާދާއާއި (ފްރީ ވިލްއާއި) މާތްރަސްކަލާނގެ ލާހުދޫދީ ދެނެވޮޑިގަތުމާއި (އޮމްނިސައަންޓް) މިދެކަންތައް ފުށުނާރާ ގޮތަކަށް ގުޅުވާލުމުގެ މައްސަލައާއެވެ.
އިންސާނުންނަށް ފުރިހަމަ އިރާދާއެއް، މިނިވަން އިޚުތިޔާރުކުރުމެއް، ލިބިފައި އޮތް އޮތުމާ މެދު ޝައްކެއް ނެތެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ތަޖުރިބާއެވެ. ކޮންމެ މީހަކަށް ވެސް، އޭނާ ކަންކަން ކުރަނީ އޭނާއަށް ލިބިފައި އޮންނަ މިނިވަަން އިޚުތިޔާރެއްގެ ދަށުންކަން އެނގޭނެއެވެ. ކައިބޮއި އުޅުމައި ކަންތައް ކުރަނީ އޭނާގެ އިޚުތިޔާރުގެ މަތިންނެވެ. އަޅުކަން ކުރުމާއި ނުކުރުން ބިނާވަނީ އޭނާގެ އިޚުތިޔާރުގެ މައްޗަށެވެ. ރަނގަޅު ގޮތުގައި އުޅުމާއި ނޫޅުން ވެސް ބިނާވަނީ ހަމަ އެކަމުގެ މައްޗަށެވެ. އެހެންވެ، އަމިއްލަ އިޚުތިޔާރެއް ނެތި، މާނައަކީ، ގަދަކަމުން، މަޖުބޫރުކޮށްގެން، ކުރާ ކަމަކާ ދޭތެރޭ މަސްއޫލުވާކަށް ނުޖެހެވެ.
ދެން އޮތީ މާތްރަސްކަލާނގެ ލާމަހުދޫދީ އިލްމުވެރިކަމެވެ. ހުދޫދެއް ނެތް، އެކަލާނގެ ދެނެވޮޑިގެން ވުމެވެ. އިންސާނާގެ އަމަލުތައް އުފަން ވުމުގެ ކުރިން، އެކަލާނގެ ދެނެވޮޑިގެން ވެއެވެ. މީގެ މާނައަކީ އިންސާނާ ކުރާ ކަންކަން އޭނާ ކުރަނީ އެކަންކަން ކުރުމަށް މާތްރަސްކަލާގެ މަޖުބޫރުކުރައްވާތީ ހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނޫނެވެ! މިކަން ވިސްނިދިޔުމަށްޓަކައި، ފުރިހަމަ ނޫނަސް މިކަމުގެ މިސާލެއްގެ މައްޗަށް ނަޒަރު ހިންގާލެވިދާނެއެވެ. ކުރިއަށް މޫސުން އޮންނަ ގޮތް ލަފާކޮށް، އެކަމުގެ ވާހަކަ ބުނަން އިންސާނުންނަށް އެނގުމުގެ މާނައަކީ މޫސުން ވަކި ގޮތަކަށް އޮތުމަށް އިންސާނުން ބާރުފޯރުވުން ހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނޫނެވެ! އެކަމާ ބެހޭ ސަބަބަތައް ހޯދައި އެކަމުގެ މައްޗަށް ބިނާކޮށް މޫސުން ލަފާކުރަަން އެނގެނީއެވެ.
މި މަގާމުގައި މާތްރަސްކަލާނގެ ލާމަހްދޫދީ އިލްމުވެރިކަމުގެ އިތުރުން، އެކަލާނގެ ފުރިހަމަ އަދުލުވެރިކަމުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެއެވެ. ހުރިހާ ކަމެއް ދެނެވޮޑިތުން، އެކަލާނގެ އަދުލުވެރިކަން ނަފީވާ ގޮތަށް މާނަ ކުރެވިއްޖި ނަމަ، އެ މާނަކުރުން ސައްހަ ވާނޭ ކަމަކަށް ނުބެލެވޭނެއެވެ. އިންސާނުންނަށް މަޖުބޫރުކުރުވައިގެން ކަންތައް ކުރެވި، ދެން، އެމީހުންގެ އަމަލުތަކުގެ މައްޗަށް ހިސާބު ބެއްލެވި، އޭނައަށް ޖަޒާ ދިނުންވާނީ އަދުލުވެރިކަމުގެ ދާއިރާއިން ބޭރުވާ ކަމަކަށެވެ. އެހެންވެ، ގަޟާ ގަދަރުގެ މައްސަލައާ މެދު ވިސްނައި އެމައްސަލަ މާނަކުރާއިރު މާނަ ކުރަންވާނީ އެކަލާނގެ އަދުލުވެރިކަން ވެސް ނަފީނުވާ ގޮތަކަށެވެ. މުދައްރިސުގެ އޮޅުން ފިލުވައިދެއްވުމުގެ މައްޗަށް ބަލައިލުމުން މިކަން ދޭހަވެއެވެ.
މުދައްރިސު އޮޅުންފިލުވައި ދެއްވި ގޮތުގައި، އިންސާނާގެ ކުރިމަގުގެ ތަގުދީރު، ކުރިމަގުގައި ކަންއޮންނަން ބޭނުންވާ ގޮތް، ކަނޑައެޅުމުގެ ބާރު އޭނައަށް ލިބިގެންވެއެވެ. މުދައްރިސުގެ އިބާރާތުން ނަމަ، 'ދުއާގެ ބާރުން، ތަގުދީރުގެ ނުރަނގަޅު ގޮތް، ތަގުދީރުގެ ރަނގަޅު ގޮތަށް ބަދަލުކޮށް ފުރޮޅާލެވިދާނެއެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ދުއާ ކުރުމުން، އެމީހަކު ބޭނުންވާ ކަންކަމުގެ މަގުފަހިވެ، އެމަގުން ހިނގުމުގެ ހިއްވަރު އޭނާއަށް ލިބި، އޭނާ ބޭނުންވާ ކަންކަން ހާސިލުވާ ގޮތް ވުމެވެ. އާދެ، ޅެންވެރިޔާ ވިދާޅުވެފައި އޮތް ފަދައިން، އެންމެ ފުރަތަމަ ހަޔާތަކަށް، ދިރިއުޅުމަކަށް، އިންސާނާ އެދުންވެރިވެ، އެކަމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ދެން، އޭނާގެ 'ހެޔޮ މިންވަރުފުޅު' އޭނާ އެދޭ، އޭނާ ބޭނުންވާ، ގޮތަށް ތަގުދީރުގެ ކަންތައް އަލުން ތަރުތީބުވެ، ހަމަޖެހިގެންދެއެވެ.
އާދެ، މިވާހަކައިގެ ޚުލާސާއަކީ ކޮބައި ހެއްޔެވެ؟ ތަގުދީރަކީ ފަހަރެއްގައި ވެސް މުއުމިނާ ކުރިއަށް ދިޔުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. އެއީ ވަރަށް ވެސް އީޖާބީ، އާދެ، ފައްސި، ގަބޫލުކުރުމެކެވެ. ކަމެއްގައި ފޭލިވުމުން، އެކަމުގައި މާޔޫސްވެ ދިޔަ ނުދިނުމަށް އެހީވާ އިއުތިގާދެކެވެ. މިހެން ކަންތައް ކުރެވުނު ނަމަ، ނުވަތަ އެހެން ކަންތައް ކުރެވުނު ނަމަ، މިހެން ނުވީހޭ ކިޔައި ވަގުތުތައް ބޭކާރު ނުކޮށް، ވެދިޔަކަމަކީ އެކަމަށް ބަދަލެއް ނުގެނޭވޭނޭ ކަމެއްކަން ދެނެގަތުމަށް އެހީވެދޭ އިއުތިގާދެކެވެ. އަދި، ކާމިޔާބު ނުވެ ދިޔަކަމުން އިބުރަތް ލިބިގަނެ، ކުރިމަގުގައި ކާމިޔާބުގެ އައްސޭރިޔަށް ދިޔުމަށްޓަކައި ހިއްވަރު ލިބިގަތުމަށް އެހީވެދޭ އިއުތިގާދެކެވެ. މުދައްރިސު އޭނާގެ ދަރިވަރު ގާތު ބުނުއްވި ފަދައިންނެވެ. މާޒީވެ ދިޔަ 'ނުރަނގަޅު މިންވަރުފުޅުން' ކުރިމަގުގައި އަދި ފޮރުވިފައި އޮތް ރަނގަޅު މިންވަރު ފުޅާ ހަމައަށް ވާސިލުވުމަށް އެހީވެދޭ ގަބޫލުކުރުމެކެވެ.




advertisment