Support Us

ރަމަޟާނުގައި ނާޒިލުވި ފޮތް

ކީރިތި ރަސޫލަށް ދެއްވި މާތް ބޮޑު މުޢުޖިޒާ ޤުރްއާނަކީ
މޫރިތިވި މާތް ރަމަޟާނުގައި ނާޒިލުވި ފޮތް ޤުރުއާނަކީ

ހަމަ ތެދުމަގާއި ހިދާޔަތާއެކު ފާޅުގައި ހެކި ދައްކަވައި
ރަމަޟާން މަހެއްގައި ދެއްވި މަތިވެރި ރަޙުމަތެއް ޤުރުއާނަކީ

ހުރިހައި ފަޞާޙާތެއް އެއިން، ފުރިހަމަ ބަލާޣާތްތެރިކަމާ
ފުރިހަމަވެފައިވާ ބަސްފުޅޭ (މަތިވެރި ކަލާމް) ޤުރްއާނަކީ

ޖަހުލާ ޟަލާލާ ފޮހެލުމަށް ވަހުމާ ޚުރާފާތް ނެއްތުމަށް
"އަހުލުން"ގެ މައްޗަށް ލެއްވިމާތް ރަޙުމަތްފުޅޭ ޤުރުއާންކީ

ޢިލްމީ ދިރާސާއިން މިއަދު ހޯދާ ޙަޤީޤަތް، މާކުރިން
ފިލްމެއް ފަދައިން މާސާފުކޮށް ދެއްކެވި ފޮތޭ ޤުރްއާނަކީ

ތައުޙީދު ޢިލްމުގެ ބައިތަކާ އަޅުކަމުގެ ހުރިހާ ކަންކަމާ –
ދައުރާވަމުންދާ ދުނިޔެއިން، ޢިލްމުގެ ކަނޑެއް ޤުރުއާންކީ

ތާރީޚު ޢިލްމު ފަރާއިޟާ މަތިވެރި ސުލޫކާ ޚުލްޤުތައް
މާ ރީތިކޮށް ތަންޒީލުވީ މަތިވެރި ފޮތެއް ޤުރްއާނަކީ

އިސްވާނެހައި ކަމަކާ ފަހުން ވާން އަޒަލުގައި އޮތްހައިކަމެއް
"ވިސްނޭވަރަށްވުރެ" މާ މަތިން ގެންނެވި ފޮތެއް ޤުރުއާނަކީ

މަތިވެރި ބަޝާރާތާއެކީ ބިރުވެރި ޢިޤާބުގެ ބަސްފުޅާ
ކަތިކަން ނުވާ ޖަހުޖާއަކުން އިއްވެވި ފޮތެއް ޤުރުއާނަކީ

އިންސާނުނާ ޖިންނީންވެގެން އެއްފަދަ މިސާލެއް ނުމެ ހެދޭ
އިން، ސާފުކޮށް ފެންނާނެ ފަދަ ގޮންޖެހުމެކޭ ޤުރްއާންކީ

އަދަބުގެ އުޞޫލުން މާ މަތީ ބަސްފުޅުތަކެއް ލެއްވެވިޔަތީ
ބަދަލެއް އައުން ދުވަހަކު ނުވާ މަތިވެރި ފޮތޭ ޤުރުއާނަކީ

މާޒީވެ ދިޔަ ހުރިހާ ފޮތެއް ބާޠިލްވިޔަސް، މަންސޫޚުނުވެ-
މާ ޒީނަތާއެކު ދާއިމަށް ދެމި އޮންނަ ފޮތް ޤުރުއާނަކީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *