Support Us

ރޯދަމަހުގެ ވާހަކަ 5 – ނަޞްރު ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

އަދަބީ ނައްސެއްގެ މައްޗަށް ބަލައިލައި އެއްޗެއް ބުނުމުގެ ކުރިން ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އޮވެއެވެ. އެ ނައްސުގެ ސިޔާގީ ފަހަތުގައި (ކޮންޓެކްސްޗުއަލް ބެކްގުރައުންޑުގައި) އޮތީ ކޮން ވާހަކަތަކެއްތޯ، ކޮންކޮން ކަމެއްތޯ ބަލާލުމެވެ. ޖުމްލަ ގޮތެއްގައި ބުނާނަނަމަ، ނައްސެއްގެ ސިޔާގީ ޚަލްފިއްޔާއަކީ އެ ނައްސަކާ ބެހޭ ހުރިހާ ވާހަކަތަކެވެ. ސޫރަތެއްގެ މައްޗަށް ބަލާލާ ނަމަ، އެކަން ގުޅެނީ އެ ސޫރަތް ބާވާލެއްވުމަށް މެދުވެރި ކުރުވި ސަބަބުތަކެވެ. އެ ނައްސަު ވުޖޫދަށް އައުމަށް މެދުވެރި ކުރުވި ހާލަތެވެ. އިހުގެ ތަފްސީރުގެ އިސްތިލާހުގެ އިބާރާތުން ބުނާ ނަމަ، 'އަސްބާބުއް ނުޒޫލި' އާދެ، ސޫރަތް ބާވާލައްވަން މެދުވެރިވި، ނުވަތަ މެދުވެރި ކުރުވި، ސަބަބުތަކެވެ. އެހެންވެ، ނަސްރު ސޫރަތުގެ މައްޗަށް ބަލާލާިއރު، އެ ސޫރަތް ބާވާލައްވަން މެދުވެރިވި ސަބަބުގެ މައްޗަށް ބަލާލަން ޖެހެއެވެ. ސޫރަތުގެ މާނަ ވިސްނި، ރަނގަޅަށް ފަހުމުވެ ދިޔުމަށްޓަކައެވެ.

ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތައް ބާވާލަައްވަން މެދުވެރިވި ސަބަބުތައް އެނގެނީ ކިހިނެއް ހެއްޔެވެ؟ ހަދީސާއި ތަފްސީރު ފޮތްތަކުންނެވެ. ސިޔަރަތާއި ތާރީޚީ އެކި އެކި ރިވާޔަތްތަކުންނެވެ. އަދި، މި ބާވަތުގެ ވާހަކަތަކަށް ޚާއްސަކުރެވިގެން ލިޔެވި ތައުލީފުކުރެވުނު އަސްބާބުއް ނުޒޫލުގެ ފޮތްތަކުން ވެސް މެއެވެ. ތަފްސީރު ފޮތްތަކަށް ބަލާލާއިރު، އެއް ފޮތަކުން މިފަދަ ވާހަކަތައް ލިބެން އޮތް އެންމެ މުހިއްމު އެއް ފޮތަކީ ސުޔޫތީގެ އައްދުއްރު އަލްމަންޘޫރުއެވެ. ތަބަރީގެ ޖާމިއުއާއި އިބްނު ކަޘީރުގެ ތަފްސީރާއި އަދި ފަހުގެ މުއުތަބަރު ތަފްސިރުތަކުގެ ތެރޭގައި ހިމެނޭ ޝައުކާނީގެ ފަތުހުލް ގަދީރު ފަދަ ފޮތްކަުން ވެސް ސޫރަތްތަކާއި އާޔަތްތައް ބާވާލައްވަން މެދުވެރިވި ސަބަބުތައް އެނގެން އޮވެއެވެ. ހަދީސް ފޮތްތަކަށް ބަލާލާއިރު އެ ފޮތްތަކުގެ ތަފްސީރާ ބެހޭ ބާބުތަކުގައި މި ވާހަކަތައް ވާރިދުވެފައި އޮވެއެވެ. ސިޔަރަތުގެ ފޮތްތަކަށް ބަލާލާއިރު އެންމެ މުހިއްމު ފޮތެއްގެ ގޮތުގައި ބެލެވެނީ އިބްނު ހިޝާމުގެ ސިޔަރަތެވެ. ތާރީޚީ ފޮތްތަކުގެ ތެެރޭގައި ތަބަރީގެ ތާރޚިުގެ ތެރެއިން ސިޔަރަތާ ބެހޭ ބައިގައި ވަރަށް ވެސް މުހިއްމެވެ. އަސްބާބުއް ނުޒޫލުގެ މުހިއްމު ފޮތްތަކުގެ ތެރޭގައި ވާހިދީ މި ރޮނގުން އެކުލަވާލެއްވި ފޮތް ހިމެނެއެވެ.

ނަސްރު ސޫރަތް ބާވާލައްވަން މެދުވެރިވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އެކަމާ ގުޅޭ ހާލަތަކީ ކޮބައި ހެއްޔެވެ؟ އެކަން ގުޅެނީ އިތުރު އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަވުމާއެވެ. އެކަލޭގެފާނުންގެ ދައުވަތުގެ މަސައްކަތަށް ނިމުން އައުމާއެވެ. މިކަމާ ގުޅުވައި، ނަަސްރު ސޫރަތުގެ ބާވާލެއްވުން ދެ ތާރީޚަކާ ގުޅުވާލެވެއެވެ. ފުރަތަމަ ތާރީޚަކީ ހިޖުރައިން އައްވަނަ އަަހަރުގެ މައްކާ ފަތަހަވުމާއެވެ. ނަސްރު ސޫރަތުަގައި ނަންގަނެވިފައިވާ ފަތަހައަކީ މައްކާ ފަތަހަވުން ކަމަށްވާތީއެވެ. މައްކާ ފަތަަހަވުމާ ވިދިގެން، އަރަބިކަރައިގައި މުސްލިމުންނާ އިދިކޮޅުވެގަތުމުގެ ބާރު ނެތި، އަރަބީންގެ އެންމެންހެން އިސްލާމް ވެސް ވުމުންނެވެ. ދެވަނަ ތާރީޚަކީ ހިޖުރައިން 10 ވަނައަހަރެވެ. ކީރިތި ރަސޫލާގެ ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހުގައެވެ. އާދެ، މި ދާރީޚުވެސް ގުޅެނީ ކީރިތި ރަސޫލާގެ ރިސާލަތުގެ ފުރިހަމަ ވުމާއެވެ. އާދެ، މި ސޫރަތާއި ބެހޭ ގޮތުން އިބްނު އައްބާސް ވިދާޅުވެފައިވާ ފަދައިން، މި ސޫރަތް އިޝާރަތްކުރަނީ އިތުރު އެކަލޭގެފާނުންގެ ރިސާލަތު ފުރިހަމަ ކުރައްވައި، އެކަލޭގެފާނު އަވާހާރަވުމުގެ ވަގުތު ކައިރިވެއްޖެ ކަމެވެ.

ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ إذا جاء نصر الله މާތްރަސްކަލާނގެ އެހީތެރިކަން ކަލޭގެފާނަށް ލިބިވަޑައިގަނެ، والفتح (ދެން، މައްކާ) ފަތަހަވެ، ورأيت الناس يدخلون في دين الله أفواجا ބައިބަޔަށް، ޖަމާއަތް ޖަމާއަތަށް، މާތްރަސްކަލާނގެ ދީނަށް މީސްތަކުން ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން فسبح بحمد ربك ފަހެ، ގިނަގިނައިން، ތަސްބީހައެއް ކިޔާހެން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް، ޝުކުރު ދަންނަވައި، واستغفره އަދި އެކަލާނގެ ހަޒުރަތުގައި ފާފަފުއްސެވުމަށް ވެސް އެދި ދަންނަވާށެވެ. إنه كان توابا. އެހެނީ އެކަލާނގެއީ (އަޅުތަކުން) ތައުބާ ގިނަގިނައިން ގަބޫލުފުޅު ކުރައްވާ ރަސްކަލާނގެއެެވެ.

ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވަނީ މައްކާ ފަތަހަވުމާއި އެފަތަހައިގެ ސަބަބުން، ކީރިތި ރަސޫލާގެ ރިސާލަތު ފުރިހަމަވެ، ކާމިޔާބީ ލިބިވަޑައިގެން ވާހަކައެވެ. މި ފަތަހުން ފަތަހެވެ، ކާމީޔާބީ ލިބިވަޑައިތަކީ އެންމެ ފުރަތަމަ، މާތްރަސްކަލާނގެ އެކަމުގެ މަގުތައް ފަހިކޮށްދެއްވީމެއެވެ. ހެޔޮ ވިސްނުން ފުޅެވެ. ރިސާލަތުގެ މަސައްކަތް ކުރެއްވުމުގެ ހިއްވަރެއް ދެއްވައި، އަދި އެކަމަށް ވާގީދެނޭ އިޚުލާސްތެރި، އަމިއްލަ އެދުމެއް ނެތް ބަޔަކު ވެސް ތިބެގެންނެވެ. ކީރިތި ރަސޫލާއަށް މިފަދަ ވާގިވެރިކަމަކާއި އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ އެކަލޭގެފާނުންގެ އަނބިކަނބަލުން ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުންގެ މާލީ އަދި މައުނަވީ ސަނަދެވެ. ދެން، އެކަލޭގެފާނުންގެ ވަފާތެރި މިތުރު އަބޫބަކުރުގެފާނެވެ. އެކަލާގެފާނަށް ފުރިހަމަ އިތުބާރުކުރައްވައި، އެންމެންހެން އެކަލޭގެފާނުންގެ ވާހަކަފުޅުތައް ދޮގުކޮށް ފުރަގަސް ދިން އިރު، އަބޫބަކުރުގެފާނުން ހުންނެވީ އެކަލޭގެފާނަށް އީމާންވެ، ވަފާތެރިކަން މަތީގައެވެ.

މާތްރަސްކަލާނގެ ނަސްރާ އެކު، އެކަލާނެ މަދަދާއި އެހީތެރިކަމާއެކު، މައްކާ ފަތަހަކުރައްވައި އެކަލާގެފާނުންގެ ރިސާލަތު ފުރިހަމަ ކުރެއްވިއެވެ. މައްކާގެ އެންމެން އިސާލާންވެ، މުޅި އަރަބިކަރައިގައި އިސްލާމް ދީން ފެތުރެން މެދުވެރިވިއެވެ. އާދެ، ނަސްރު ސޫރަތުގައި ބަޔާން ވެފައި އޮތް ފަދައިން، ޖަމާއާތް ޖަމާއަތަށް އަރަބި ކަރަިއިގެ އެންމެން އިސްލާންވިއެވެ. ދެން، އެތަނުން، ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ތައުލީމާތުގެ ނޫރު ފޯރައި ދިޔުމުގެ މަގު ފަހިވެގެން ދިޔައެވެ.

މި މަތިވެރި ކާމީޔާބީ ހާސިލުވުމުން ދެން، ކަންތައް ކުރައްވަންވީ ގޮތުގެ އިރުޝާދު ނަސްރު ސޫރަތުގައި ދެވިފައި ވެއެވެ. އެކަމަށްޓަކައި ގިނަ ގިނައިން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރަންވީއެވެ. އަދި، ވެވި ހިނގައިދާނޭ ކުށަކަށް މާފަށް އެދި އެކަލާނގެއަށް ދަންނަވަން ވެސްވީއެވެ. ކާމީޔާބީ ވަތުގައި ބޮޑާކަމާއި ފަޚުރުވެރި ވުމުގެ ސިފަތަކުން އެއްކިބާވެ ދިޔުމަށްޓަކައެވެ.

މި ސޫރަތުން މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ކަމެއް ކުރަން ނިންމައިފި ނަމަ، އެކަމާ ކެރިގެން ކުރިމަތިލައި، ހިއްވަރު ދޫނުކޮށް، ކާމިޔާބުގެ އައްސޭރިއާ ހަމައަށް ދާން ގަދައަޅާ މަސައްކަތްކުރުމެވެ. އެ ފަދައިން މަސައްކަތްކުރުމަށް، ކީރިތި ރަސޫލާގެ ސިޔަރަތުން އިލްހާމު ލިބިގަންނަންވީއެވެ. ކާމިޔާބީގެ އައްސޭރިއަށް ދަތުރުކުރަމުން ދާިއރު، ކޮޅިގަނޑުތަކާ ކުރިމަތިވާނޭ ކަމާއި އަދި ކަށިން ފުރިގެންވާ މަގުމަގުގައި ހިނގަން ޖެހޭނޭކަންވެސް ހަނދާންކުރަމުންނެވެ. މިފަދަ ގޮންޖެހުންތަކަކީ އަމިއްލަ ނަފްސު އިމްތިހާނުކޮށްލެވޭ ކަމެއްގެ ގޮތުގަައި ބަލައި، ތިމާގެ އަޒުމަށް ހީނަރުކަމައް އަޔަ ނުދީ މަސައްކަތްކޮށްފި މީހަކަށް، މާތްރަސްކަލާނގެ މަދަދާއި އެހީތެރިކަން ލިބޭނޭ ކަމުގެ ބިޝާރަތު، އުފާވެރި ޚަބަރު، މި ސޫރަތުގައި ބުނެފައި އޮތް ކަން ހަނދާންކުރަމުންނެވެ. އަދި، އެ ހަނދާންކޮށް ދިނުމަކީ، އިތުރު ރަސޫލާއަށް ވެސް ކާމިޔާބު ލިބިވަޑައިގެން ފަދައިން، ތިމާއަށް ވެސް ކާމިޔަބު ލިބޭނޭކަން ހިތުގެ އަޑިން ގަބޫލުކުރަމުންނެވެ. ނަސްރު ސޫރަތް އެކަމަށް އިޝާރަތް ކުރާ ފަދައިންނެވެ. ދެން، ގަދައަޅައި މަސައްކަތްކޮށް، ކާމިޔާބުގެ އައްސޭރިއަށް ދެވުމުން، ތިމާގެ ހިތްމަޑު މޮޅިކޮށް، ބޮޑާކަމާއި ކިބުރުވެރި ކަމުން ދުރުވެގަނެ، މާތްރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުކުރަންވީއެވެ. އަދި، އެކަމުގައި އެހީވި އެންމެނަށް ވެސް ޝުކުރުއަދާ ކުރަންވީއެވެ. އަދި ކާމިޔާބީއާ ހަމައަށް ވާސިލުވުމުގެ މަސައްކަތުގައި އުޅުނު އިރު، ކުށެއްކުރެވިދިޔަ ނަމަ އެކަމުން ތައުބާވެ ފާފަފުއްސެވުމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ދަންނަވަން ވެސް ވީއެވެ. އާދެ، ނަސްރު ސޫރަތުން މުއުމިނުންނަށް މިއަދުވެސް، ލިބިދޭ ފިލާވަޅުތަކުގެ ތެރެއިން މިކަންކަން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *