ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ. މާތްﷲގެ ރަޙްމަތުގެ ތެރޭގައި ހިމެނެނީ ފާފަފުއްސަވާ ދެއްވުމާއި ދުޢާ އިޖާބަކުރެއްވުމާއި ރޯދި ބަރަކާތް އިތުރުކޮށްދެއްވުމާއި ޤިޔާމަތްދުވަހު ރޯދަވެރިންނަށް ދެއްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތެވެ.
ﷲގެ ރަޙްމަތުގެ ތެރޭގައި އުޑުގެ ދޮރުތައް ހުޅުއްވާ ދެއްވުމާއި، ނަރަކައިގެ ދޮރުތައް ބަންދުކުރެއްވުމާއި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާދެއްވުން ވެއެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ރަމަޟާންމަހަކީ [أوَّلُه رحمةٌ، وأوسطُهُ مغفرةٌ، وآخرُهُ عِتقٌ منَ النّارِ [1] – އެމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފާފަފުއްސެވެމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ.]
ރަމަޟާންމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރަމަޟާން މަސް އަންނައިރު އަންނަނީ އެތައް ގިނަގުނަ ހެވަކާއި ލާބަޔަކާ އެކުގައެވެ. އެއީ އަޅުކަމުގެ މޫސުމެކެވެ. އެއީ ﷲގެ ނަފަޙާތުތަކުގެ ދުވަސްވަރެކެވެ. ރައްބާނީ ތަމްރީނުތަކެއްގެ ދުވަސްވަރެކެވެ. އެއީ ޚާއްޞަ މަދްރަސާއެކެވެ. ރޯދަވެރިންނަށް މާތްﷲ އެކަމުގެ ސަވާބާއި އުޖޫރަ ދެއްވަނީ އެހެން ފަރާތެއް މެދުވެރި ނުކުރައްވައެވެ.
މަހުގެ މެދުތެރޭގައި އޮތީ ފާފަފުއްސަވާ ދެއްވުމޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރޯދަވެރިންނަށް މާތްﷲގެ ފުއްސެވުމާއި ރުއްސެވުން ލިބެމުންދާ ވާހަކައެވެ. މާތްﷲ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ރޯދަވެރިންގެ ފާފަފުއްސަވާ ދެއްވައެވެ. ފާފަފުއްސަވާ ދެއްވުމަކީ ރަޙްމަތެކެވެ. އެހެންކަމުން ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ.
ރަމަޟާންމަހުގެ ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ. ރަޙްމަތާއި ފުއްސެވުމުން ޙާޞިލުކުރަން އެދޭ ލަނޑުދަނޑިއަކީ ނަރަކައިން ސަލާމަތްވުމެވެ. މިއަށްވުރެ ބޮޑު ރަޙްމަތެއް ނުވެއެވެ. މާތްﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައި ރޯދަހިފާމީހާއަށް ފާފަފުއްސެވުން ޖާމިނު ކޮށްދެއްވައެވެ. ރަޙްމަތް އިތުރުވުމުންނެވެ. ރަމަޟާންމަސް މިޙާލުގައި ނިމޭއިރު އޭނާގެ ކުށްފާފަތައް ފުހެވި ސަވާބުގެ އަރަނި އޮންނާނީ އިތުރުވެފައެވެ. ނަތީޖާއަކީ މަހުގެ ފަހުކޮޅުގައި އޭނާއަށް ނަރަކައިން ސަލާމަތްވުމުގެ ހަރުފަތާ ހަމައަށް ވާޞިލުވެވުމެވެ.
ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ. މާތްﷲ އެކަލާނގެ އަޅުންނަށް މިމަހުގައި ދެއްވާ ގިނަގުނަ ރަޙްމަތްތަކަށް އެމީހުން ޝުކްރުކުރަން ޖެހޭނެއެވެ. އެމީހުން އެހެންމީހުންނަށްވެސް ރަޙްމުކުރަން ޖެހޭނެއެވެ. އޯގާވެރިވާން ޖެހޭނެއެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށާއި އަތްމަތި ދަތިމީހުންނަށް އަޅައިލަންވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. [الرَّاحِمُونَ يَرْحَمُهُم الرَّحْمَنُ ارْحَمُوامَنْ فِي الْأَرْضِ يَرْحَمْكُم مَنْ فِي السَّمَاءِ [2] – އޯގާވެރީންނަށް ރަޙްމާންވަންތަ ރަސްކަލާނގެ އޯގާވެރިވެ ވޮޑިގަންނަވާނެއެވެ. ތިޔަބައިމީހުން ބިމުގައިވާ ބަޔަކަށް އޯގާވެރިވާށެވެ! އޭރުން އުޑުގައިވާ ބަޔަކު ތިޔަބައިމީހުންނަށް އޯގާވެރިވާނެއެވެ.]
މިއީ ދުނިޔޭގެ ކޮންމެ ދުވަހެއްގެ ޙާލުކަމުގައިވާ އިރު ރަމަޟާންމަހުގައި އޯގާވެރިކަން އިތުރުކުރަން ޖެހޭނެއެވެ. އެއީ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވާ މައްސަރުކަމުގައި ވާތީއެވެ. އޯގާވެރިނުވާ މީހުންނާމެދު ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ [مَن لا يَرْحَمُ لا يُرْحَمُ –[3] އޯގާވެރި ނުވާމީހާއަށް ރަޙްމަތް ނުލައްވާނެތެވެ.]
މީސްތަކުންނަށް އޯގާވެރިނުވާ ހިތްހަރުމީހުންނަށް މާތްﷲ ރަޙްމަތެއް ނުލައްވާނެއެވެ. ހިތްހަރުކަމަކީ ﷲގެ ރަޙްމަތާ އެމީހަކު އެކަހެރިކުރާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. [لَا تُنْزَعُ الرَّحْمَةُ إِلَّا مِنْ شَقِيٍّ [4]– އަބާއްޖަވެރިއެއްގެ ކިބައިން މެނުވީ އޯގާވެރިކަން ނިގުޅައިނުގެންނެވޭނެތެވެ.]
އޯގާވެރިންނަކީ ތިމާގެ މީހުންނަށާއި އެކުވެރިންނަށާއި ކޮންމެ މުސްލިމަކަށް ހިތްތިރި ބަޔެކެވެ. ރަޙްމުކުރާ ބަޔެކެވެ. ސުވަރުގެވަންތަ ވެރިންގެ ތެރޭގައި އެފަދަމީހުން ހިމެނެއެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާއަކީ ރަޙީމުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުންގެތެރެއިން އޯގާވެރިވާ މީހުންނަށް ﷲ ރަޙްމަތް ލައްވާނެތެވެ. ކޮންމެ މުސްލިމަކު ވެސް އޭނާގެ އަޚު މުސްލިމާއަށް އޯގާވެރިވާން ވާނެއެވެ. ޙާކިމާ އޭނާގެ ރައްޔިތުންނަށް، މައިންބަފައިން އެމީހުންގެ ދަރީންނަށް، މުދައްރިސުން ދަރިވަރުންނަށް، ރައްޔިތުންގެ މަންދޫބުން އެމީހުންގެ ދާއިރާތަކުގެ މީހުންނަށް އޯގާވެރިވާން ޖެހޭނެއެވެ. މާތްﷲ ރުއްސުންލެއްވި އައްސައްޔިދާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((اللهُمَّ مَنْ ولِي من أمْرِ أُمَّتِي شيئًا فَشَقَّ عليهم فاشْقُقْ علَيهِ، ومَنْ ولِيَ من أمرِ أُمَّتِي شيئًا فَرَفَقَ بِهمْ فارْفُقْ بِهِ[5] -ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުއްމަތުގެ ކަމަކާ ޙަވާލުވި މީހާ އެކަމުގައި އޭނާ އެމީހުންނަށް ބުރަކޮށް ތުރާކުރިނަމަ އިބަރަސްކަލާނގެ އޭނާގެ މައްޗަށް ބުރަކުރައްވާ ދަތިކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ކަމަކާ ޙަވާލުވި މީހާ އެކަމުގައި އޭނާ އެމީހުންނަށް އޯގާވެރިވިނަމަ އިބަރަސްކަލާނގެ އޭނާގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާނދޭވެ!))
މާތް ﷲ އެކަލާނގެ ނަބިއްޔާއަށް ތާރީފު ކުރައްވާ ބަސް ވަޙީ ކުރެއްވިއެވެ. ((فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ[6] – އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ.))
ﷲގެ އަޅުންގެ ހިތްތަކުގައި ރަޙްމުކުޑަވެގެންދާ ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި ކުށްފާފަތައް ގިނަވެ ހިތުގައި ދަމިލަޖެހުންވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((كَلَّا بَلْ رَانَ عَلَى قُلُوبِهِم مَّا كَانُوا يَكْسِبُونَ [7]– ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.))
ހިތް ހަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ޝަހަވަތްތަކަށް އަރައިގަތުމަށް އަވަސްވުމާއި އެ ކަންކަމަށް އަރައިގަތުމަށް ޖެހިލުންކުޑަވުން ވެއެވެ. ރޯދައަކީ މި ފަދަ ޝަހަވާތްތަކާ ދުރުހެލިވެ ތިބެގެން އަދާކުރެވޭ ފަރީޟާއެކެވެ. މިހެންވެ، ރޯދަވެރިޔާގެ ހިތުގައި އޯގާވެރިކަން އުފެދި ހަމްދަރްދީގެ ޝުޢޫރުތައް ކެކިގެން އަރައެވެ.
[1]– رواه البيهقى وابن خزيمة
[2]– رواه أبوداود والترمذى وأحمد والبيهقى
[4]– رواه البيهقى وأبو داود والترمذى وأحمد والطبرانى وابن حبان وأبو يعلى والطيالسى
[5] – أخرجه مسلم (١٨٢٨)، وأحمد (٢٤٦٢٢) و ابن حبان ( ٥٥٣ )
[6] – آل عمران : 159
[7] – المطففين : 14




advertisment