Support Us

ރަމަޟާން މަހުގެ ދުރުމިންތައް

ރަމަޟާން މަހާއެކު މުސްލިމުން އޭގެ މަލަތައް ތަފާތު އޭގެ ބޭނުންތަކާއި މަންޒިލް މަޤްޞޫދު ތަފާތު ދީނީ އަދި އިޖްތިމާޢީ ދަތުރެއް ފަށައެވެ. ރަމަޟާން މަހުގެ ހަނދު ފެނުމާއެކު މިސްކިތަށް ދިޔުމަށް އިސްކަން ދެވެއެވެ. ﷲގެ ޙަޟްރަތުގައި ތަންކޮޅެއް ގިނަ ވަގުތު ހޭދަކުރެވޭތޯ ބަލައެވެ. ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދެވެއެވެ. ފަޤީރަކު ފެނިއްޖެނަމަ އޭނާއަށް އެއްޗެއް ދެވޭތޯ ބަލައެވެ. ރުޅިމަޑުކޮށް މީހުންނާ މުޢާމަލާތު ކުރުމުގައި މަޑުމައިތިރި އުސްލޫބު ގެންގުޅޭތަން ފެނެއެވެ. އެހެން މަސްމަހުގައި ނުފެންނަ އެއްތައް ފައްސި ކަންތައްތަކެއް މި މަހުން ފެނެއެވެ. މުޅި އަހަރު ރަމަޟާން މަހަށް ވާނެނަމަ ކިހާ ރަނގަޅުހޭ ހިތަށް އަރައެވެ. މި މަހުން މުސްލިމުންނަށް ދީނީ، ނަފްސާނީ އިޖްތިމާޢީ އެތައް ދަރެސްތަކެއް ލިބެއެވެ.

މި މަހުން ލިބިގަނެވޭ ތަރްބަވީ ފުރަތަމަ ދަރެހުގެ މަޖާލަކީ ދީނެވެ. ދީނަކީ ﷲގެ ދީންކަން އިޢުލާނުވެގެންދާ ގޮތް ސާފެވެ. ރޯދައަކީ ޚާލިޤުވަންތަ ﷲ އާއި އެކަލާނގެ ޚަލްޤު ކުރެއްވި އިންސާނާއާ ދެމެދުގައި އޮންނަ ސިއްރެކެވެ. ރޯދައަށް ހުރި އިންސާނާއާ ރޯދަ ނުހިފާ ހުރި އިންސާނާ ދެނެގަނެވޭނެ އެއްވެސް މިންގަނޑެއް ނެތެވެ. މިހެންވެ ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ﷲ ވަޙީ ކުރެއްވިއެވެ. كُلُّ عَمَلِ ابنِ آدمَ له، إلا الصِّيامَ، فهو لي، وأنا أَجْزي به، إنما يَتْرُكُ طَعامَه وشَرابَه مِن أَجْلي، فصِيامُه لي وأنا أَجْزي به، كُلُّ حَسَنَةٍ بِعَشْرِ أَمْثالِـها، إلى سَبْعِمِئةِ ضِعْفٍ، إلّا الصِّيامَ، فهو لي، وأنا أَجْزي به[1] -އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް އޭނާއަށް ލިބިގެން ވެއެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އަދި ތިމަން ރަސްކަލާނގެ އެކަމަށް ޖަޒާ ދެއްވަމުއެވެ. ފަހެ ހަމަ ކަށަވަރުން އޭނާ ކެއުމާއި ބުއިން ދޫކޮށްލަނީ ތިމަންރަސްކަލާނގެއަށް ޓަކައެވެ. ފަހެ އޭނާގެ ރޯދަ ލިބިވޮޑިގެން ވަނީ ތިމަން ރަސްކަލާނގެއަށެވެ. އެކަމަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަމުއެވެ. ކޮންމެ ހެޔޮ ކަމަކަށް އެފަދަ ދިހަ ހެޔޮ ކަމުގެ ސަވާބު ހުށްޓެވެ. މިހެންގޮސް ހަތް ސަތޭކަ ގުނައާ ހަމައަށެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ އެ ކަމަށް ޖަޒާ ދެއްވަމުއެވެ.)) މި މާތް ޙަދީސުން ރޯދައިގެ މަތިވެރިކަން އެނގެއެވެ. މި ޢިބާދާތުގެ ސަވާބުގެ ބޮޑުކަން އެނގެއެވެ. މި ޙަދީސުން އެނގޭ ގޮތުގައި މާތް ﷲ މި ވަނީ ރޯދަ އެކަލާނގެ ޒާތުފުޅަށް ޚާއްޞަ ކުރައްވައިފައެވެ. މި ބަސްފުޅުން ރޯދައިގެ ޝަރަފުވެރި މަޤާމު އެނގެއެވެ. ރޯދަވެރިޔާ އޭނާގެ ކެއުމާއި ބުއިމާއި ލައްޒަތްތައް ﷲގެ ވަޖްހުފުޅަށް ޓަކައި ދޫކޮށްލާތީއެވެ. އެކަމުގެ ސަބަބުން އޭނާގެ އިޚްލާޞްތެރިކަން އެނގޭތީއެވެ. ﷲއާ އޭނާއާ ދެމެދުގައިވާ ސިއްރަކަށް ރޯދަ ވާތީއެވެ. މިއީ މަތިވެރި ދަރެހެކެވެ. އަމިއްލަ ނަފްސަށް ފާރަލުމަށް ލިބޭ ތަމްރީނެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. ((وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ [2]– އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.)) އަޅަމެންގެ ހަމަ ލޮލަށް ﷲ ޖައްލަ ޖަލާލުހޫ ނުފެނުނު ކަމުގައި ވިޔަސް އެކަލާނގެ އެކަލާނގެ އަޅުންނާއެކު ހުރިހާ ވަގުތެއްގައި ހުރިހާ ތަނެއްގައި ވޮޑިގެންވެއެވެ.

ރޯދައިގައި ހިމެނޭ ދީނީ ތަރްބިޔަތުގައި ޝާމިލުވާ ޙަޤީޤަތަކީ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމެވެ. ﷲގެ ދީން އިސްލާމްދީން ފިޔަވައި އެހެންދީނެއް ނުވާކަމެވެ. ﷲ އަކީ ޚާލިޤު ކަމެވެ. އެހެން ހުރިހާ އެއްޗެއްސަކީ ﷲ ހެއްދެވި މަޚްލޫޤާތުތަކެއް ކަމެވެ. މި ކައުނުގައިވާހައި އެއްޗެއް މާތްﷲ ހެއްދެވީ މި އިންސާނާއަށް ޓަކައި ކަމެވެ. މިއިން އެނގެނީ އަޑުތައް ސިންދަފާތު ވިޔަސް  ޢާލަމަކީ އެއް ޢަލަމެއް ކަމެވެ. މި މަތިވެރި އުޞޫލަށް ޢަދާވަތްތެރިވުމަކީ މި ކައުނުގައި ﷲ ލައްވާފައިވާ ޤާނޫނުތަކަށް ޢަދާވަތްތެރިވުމެކެވެ. ޙާކިމަކަށް ވިޔަސް މަޙްކޫމަކަށް ވިޔަސް ކިތަންމެ ދިގުލައިގެން ދިޔަސް ޢަދާވަތްތެރިވި މީހާ ބަލިވެގެން ދާނެއެވެ.

މި މަހުން ލިބިގަނެވޭ ތަރްބަވީ ދެވަނަ ދަރެހުގެ މަޖާލަކީ އުއްމަތުގެ އެއްބައިވަންތަކަމާއި އުއްމަތުގެ ޙާލަތު އިޞްލާޙު ކުރުމުގެ މައިދާނެވެ. ކީރިތި ޤުރްއާނުގެ މަފްހޫމުގައި ރޯދައަކީ އިސްލާމީ އުއްމަތް އޭގައި ހިފަހައްޓަން ޖެހޭ ޝިޢާރެއް ތަމްސީލު ކުރާ އަޅުކަމެކެވެ. ތަން ތަފާތުވިޔަސް ޖޯގުރަފީ ތަފާތު ވިޔަސް ރޯދައަކީ ހަމަ އެއް ރޯދައެކެވެ. ﷲގެ އަޅުތަކުން ކޮންމެ ތަނެއްގައި ތިބިކަމުގައި ވިޔަސް ރޯދަ ހިފާނީ ހަމަ އެއްގޮތަކަށެވެ. އޭގައި ހިމެނޭ އަމުރުފުޅުތަކާއި ނަހީތަކާއި އަގުތަކުގެ ސަބަބުންނެވެ.

ޙައްޖަކީ ވެސް އުއްމަތުގެ އެއްބައިވަންތަކަން ހާމަކޮށްދޭ ޝަޢީރާއެކެވެ. އެހެނަސް ރޯދަ ތަފާތެވެ. ޙައްޖާ ބެހޭގޮތުން ކައު ރަސޫލާގެ ބަސްފުޅަކީ ((الحجُّ عرفةُ [3] ޙައްޖަތަކީ ޢަރަފާތެވެ.)) އެހެންކަމުން ޙައްޖަކީ ކަނޑައެޅިފައިވާ ވަކި ތަނެއްގައި އަދާކުރެވޭ ޢިބާދަތެކެވެ. މި އަޅުކަމުގައި ހިމެނޭ މަނާސިކުތައް އަދާކުރެވޭނީ މައްކާއާއި މިނާއާއި ޢަރަފާތުފަދަ ކަނޑައެޅިފައިވާ ވަކި އިމެއްގެ ތެރޭގައެވެ. މިއާ ޚިލާފަށް ރޯދައަށް ވަކި އިމެއް ލިބިގެން ނުވެއެވެ. މި ބިމުގެ ކޮންމެ ތަނެއްގައި މުސްލިމުން ތިބި ކަމުގައި ވިޔަސް ރަމަޟާން މަސް އައުމުން އެމީހުންގެ މައްޗަށް ރޯދަ ހިފުން ފަރްޟުވާނެއެވެ. ރޯދައަކީ އެކަމުގެ މަޖާލު އެއްގަމާއި ކަނޑާއި ޖައްވަށް ޝާމިލުވެފައިވާ އަޅުކަމެކެވެ. އެހެންކަމުން އުއްމަތުގެ އެއްބައިވަންތަކަން ޤާއިމުކުރުމަށް ޓަކައި ރަމަޟަން މަހުގެ ހަނދުގެ މަސްއަލައިގައި މުސްލިމުން އެއްގަލަކަށް އަރަންޖެހޭކަން އެނގެއެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ކުއްލީ އަދި ޖުޒްއީ މަޤާޞިދުތަކުގެ އަލީގައި ކުރެވޭ ފިޤްހީ އިޖްތިހާދުތައް އެކަމަށް ގޮވައިލާ ކަމެކެވެ.

ރަމަޟާން މަހުގައި ކީރިތި ޤުރްއާން ބާވައިލެއްވި ޙިކްމަތަށް ބަލާއިރު މި އެއްބައިވަންތަކަން ފެނެއެވެ. ކީރިތި ޤުރްއާނަކީ ﷲގެ ދާއިމީ ޝަރީޢަތެވެ. އެއީ ﷲގެ ދާއިމީ ފޮތެވެ. އެއީ މުސްލިމުންގެ ދާއިމީ ދުސްތޫރެވެ. މީގެ އިތުރަށް މި މަހަކީ ނަޞްރާއި ނަޞީބުގެ މަހެވެ. ބަދްރު ހަނގުރާމައާއި މައްކާ ފަތަޙަވުން ފަދަ ބޮޑެތި ކާމިޔާބީތަކެއް މި މައްސަރުގައި މުސްލިމުންނަށް ލިބިފައި ވެއެވެ. މި ކާމިޔާބީތަކުގެ ސަބަބުން ޙައްޤާއި ބާޠިލު ފާޅުވެ އިސްލާމްދީން ދުނިޔެއަށް ފެތުރެން ފެށިއެވެ. ނިކަމެތި ކަމުގައި ތިބި މުސްލިމުން ވަރުގަދަ ޖަމާޢަތަކަށްވެ އުއްމަތަކަށް ވިއެވެ.

ހަމަ އެފަދައިން އެއީ އިންސާނާގެ ނަފްސުގެ މައްޗަށް ނަޞްރު ހޯދާދޭ މަހެކެވެ. ޖިސްމާނީ ޝަހަވާތްތައް ބަލިކޮށް ފިކްރަށާއި ވިސްނުމަށް އިޙްތިރާމު ކުރުމަށް ދޮރު ހުޅުވިގެންދާ މަހެކެވެ. ކައު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن لم يَدَعْ قولَ الزُّورِ والعمَلَ به فليس للهِ حاجةٌ أن يدَعَ طعامَهُ وشرابَهُ[4] -ބާޠިލު ދޮގު ބަސްތައް ބުނުމާއި ދޮގު ބާޠިލު ޢަމަލުތައް ހުއްޓާނުލައި ، ކެއުމާއި ބުއިން ދޫކޮށްލުމަކީ އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއްނޫނެވެ.)) މި ޙަދީސް މުސްލިމުންނަށް ގޮވައިލަނީ އަމާނަތްތެރިކަމާއި ތެދުވެރިކަން މަތީގައި ޤާއިމުވެފައިވާ މުޖްތަމަޢެއް ބިނާކުރުމަށެވެ. މީހުންގެ ފިކްރާއި ވިސްނުން އިޞްލާޙު ކުރެވޭނީ މި އަސާސުގެ މަތީގައެވެ. މަކަރުވެރިކަމެއް އޮޅުވައިލުމެއް ނެތް ވިސްނުމާއި ފިކްރުންނެވެ. އެހެންކަމުން ރޯދައަކީ ވެރިކަން ކުރަންވީ ގޮތް އުނގަންނާދޭ މަދުރަސާއެކެވެ. އޭނާގެ ނަފްސުގެ މައްޗަށް ބާރު ނުހިންގޭ މީހާ އެހެން މީހުންނަށް އަނިޔާވެރިވާނެއެވެ. ސިޔާސީ ކޮންމެ މުޖްތަމަޢަކާ ކުރިމަތިވާ އެންމެ ބޮޑު އާފަތަކީ އަނިޔާވެރިކަމެވެ. އިބްނު ޚަލްދޫންފަދަ މުސްލިމު ފިލޯސަފަރުންނާއި މުފައްކިރުން ވިދާޅުވާ ގޮތުގައި "ޢުމްރާން ޚަރާބު ކުރާ" އަކީ އަނިޔާވެރިކަމެވެ.

މި މަހުން ލިބިގަނެވޭ ތަރްބަވީ ތިންވަނަ ދަރެހުގެ މަޖާލަކީ އިޖްތިމާޢީ މައިދާނެވެ. ރޯދައަކީ ކަނޑައެޅިފައިވާ ވަކި ވަގުތުކޮޅެއްގައި ވަކި ކަންތައްތަކަކުން ދުރުހެލިވުމެއްނޫނެވެ. މި ދުރުހެލިވާ ދުރުހެލިވުން  އިޖްތިމާޢީ ދުރުމިންތަކެއް ތަމްސީލުކޮށްދޭ ކަމެކެވެ. ރޯދައިގެ ސަބަބުން ރޯފދަވެރިއާގެ ނަފްސު އޭނާގެ ހަވާ ނަފްސާ އެކަހެރިކޮށްދެއެވެ. އޭނާގެ ނަފްސު ޝިރްކުގެ ކުނިބުނިތަކުން ސާފުވެ ﷲ ނޫން އެހެން ފަރާތްތަކަށް ބޯލެނބުމާ ދުރުހެލިކޮށްދެއެވެ. އިސްލާމީ މަފްހޫމުގައި ރޯދައިގެ އިޖްތިމާޢީ މަޒާހިރުތައް ވަރަށް ގިނައެވެ. ބޭކާރު ވާހަކަތަކުން ދޫ ރައްކައުތެރިކުރުމަށް އިސްލާމްދީން ރޯދަވެރިއާއަށް ގޮވައިލައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((فإذا كانَ يومُ صومِ أحدِكُم فلا يرفُثْ ولا يصخَبْ، فإن سابَّهُ أحدٌ أو قاتلَهُ فليقُلْ إنِّي صائمٌ[5] – ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނައިރު ފާފަވެރިވެދާނެ ބަހެއް ނުބުނާށެވެ. އަދި ޒުވާބުކޮށް ހަޅޭއްނުލަވާށެވެ.ފަހެ މީހަކު އެއްޗެހި ގޮވައިފިނަމަ ނުވަތަ އަރާރުންވާން އުޅެފިނަމަ "މަ މި ހުރީ ރޯދައަށޭ" ބުނެ އެކަމާ ދުރަށް ދާށެވެ!)) މިއީ އިންސާނާގެ ދޫ ރައްކައުތެރިކުރުމަށް ގޮވައިލާ ބަސްފުޅެކެވެ. މިއަދު ފެތުރިފައިވާ މީސްމީޑިއާގެ ތަފާތު ވަސީލަތްތަކުގެ ދުރުމިން ބަލާއިރު ރަސޫލާގެ މި ބަސްފުޅަކީ ވަރަށް މުހިއްމު ބަސްފުޅެކެވެ. ލިޔެވޭ، އަޑުއިވޭ ފެންނަ ވަސީލަތްތަކުން މިއަދުވަނީ މުޅި ކައުނު ފުރިފައެވެ. ރަސޫލާގެ މި ބަސްފުޅުގައި ރަސޫލާ މަނާކުރައްވާފައި މިވަނީ މީސްތަކުން ބައިބައިކުރާ، ދޭދޭ މީހުން ހަތުރުވެރިކުރުވާ، މީސްތަކުންގެ އަބުރު ކަތިލާ، މީސްތަކުންގެ އިޙްސާސްތައް ޒަޚަމު ކުރާ ދުލުގެ ރޯގާތަކުން ދުރުހެލިވުމަށެވެ.

މިއަދު މުޖްތަމަޢުގައި ފެތުރިފައިވާ ގިނަގުނަ ރޯގާތަކުގެ ސަބަބަކީ އިޖްތިމާޢީ މަސްއޫލިއްޔަތާ ދުރަށް ދެވުމެވެ. މުޖްތަމަޢުގެ ފަރްދުން އެމީހުންގެ ފަރްދީ އަދި އިޖްތިމާޢީ މަސްއޫލިއްޔަތުތަކާ ދުރުހެލިވެއްޖެނަމަ ދައުލަތް ވާނީ ވަހްމީ ފިކްރަކަށެވެ.

އިޖްތިމާޢީ މަފްހޫމުގެ ތެރެއިން ބަލާއިރު ޢިލްމުވެރިން ތިން ދަރަޖައަކަށް ރޯދަ ބައްސަވާފައި ވެއެވެ. އެންމެ ދަށު ދަރަޖައަކީ  ރޯދަ ގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. މިއީ ޢާއްމުންގެ ރޯދައެވެ. މެދުމިންވަރަކީ އިންސާނާއަށް ކުރަން ނަހީ ކުރައްވާފައިވާ އެންމެހާ ކަންތައްތަކާ އޭނާގެ ގުނަވަންތައް ދުރުހެލިކޮށްގެން ރޯދަ ހިފުމެވެ. މިއީ ޚާއްޞުންގެ ރޯދައެވެ. އެންމެ މަތީ ދަރަޖައަކީ ވަސްވާސްތަކުން  ހިތް ރައްކައުތެރިކޮށްގެން ރޯދަ ހިފުމެވެ. މިއީ ޚުޞޫޞީންގެ ޚާއްޞުންގެ ރޯދައެވެ.

ރޯދައަށް އެހެން މަޖާލުތައް ވެސް ލިބިގެން ވެއެވެ. އިޤްތިޞާދީ މައިދާނާއި ނަފްސާނީ މައިދާން ފަދަ މައިދާންތަކެވެ. ރޯދައާ ގުޅިފައިވާ ފިޠުރި ޒަކާތަކީ މުޖްތަމަޢުން ފަޤީރުކަން ނައްތައިލުމަށް އެހީވެދޭނެ ކަމެކެވެ. ފަރްޟު ޒަކާތާއެކު ފިޠުރި ޒަކާތުން މުޖްތަމަޢަށް ފުދުންތެރިކަން ޙާޞިލުވެގެން ދެއެވެ. މިކަމުގެ ސަބަބުން ފަޤީރުންނާއި މިސްކީނުންގެ ބަދުދުޢާތަކުން މުއްސަނދީންނަށް އަމާންކަން ލިބެއެވެ. ފަޤީރުންގެ އިޙްސާސްތައް ރޯދަވެރިއާއަށް ތަޞައްވުރު ކުރެވޭތީއެވެ. މިހެންވެ ލޮބުވެތި ރަސޫލާ މި މަހަށް މުވާސާތުގެ މަހުގެ ނަންދެއްވިއެވެ. ނުވަތަ ހަމްދަރްދީގެ މައްސަރޭ ވިދާޅުވިއެވެ. ރަމަޟާން މަހު އިރުއޮއްސޭ ވަގުތު ފަތުރާލެވޭ "ރަޙްމާނީ ދޮޅަނގުތަކުން" ރޯދަ ވެރިޔާގެ ހިތުގައި އަޅައިލުމުގެ ޖަޒުބާތުތައް އުފެދިފައިވާތަން ފެނިގެން ދެއެވެ.

ރޯދައިގެ އެންމެ ފުން މާނަ ޢިބާދާތުގެ ބަސްފޮތުގައިވާ އެންމެ ކަލިމައަކުން ފުއްދައެއް ނުލެވޭނެއެވެ. އެއީ މާތްﷲ ސިފަކުރައްވާފައިވާ ފަދައިން ((شَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ [6]-އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެކެވެ.)) އައްޝައިޚު ޣަޒާލީ ވިދާޅުވާ ގޮތުގައި ނުކައިތިބޭ މީހުން ގިނަޔަސް ރޯދަހިފާ މީހުން ވަރަށް މަދެވެ.

 

[1]  – أخرجه البخاري (١٩٠٤)، ومسلم (١١٥١)، والنسائي (٢٢١٦) والترمذي (٧٦٤)، وابن ماجه (١٦٣٨) وأحمد (٧٤٩٤)

[2]  – ق : 16

[3]  – أخرجه النسائي(٣٠١٦ )،و(٣٠٤٤ )، والترمذي(٨٨٩ )،وابن ماجة(٣٠١٥ )

[4]  –  أخرجه البخاري (٦٠٥٧)، وأبو داود (٢٣٦٢)، والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢) وابن حبان (٣٤٨٠)

[5]  – الزواجر ١‏/١٩٦

[6]  – إبراهيم : 24

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *