Support Us

ރޯދައާއި ރޯދަމަހާ ބެހޭ– 2: ރޯދައިގެ މަގުސަދު މައްޗަށް ބަލައިލުމެއް

ކޮންމެ ކަމެއް ކުރުމުގައި ވެސް މަގުސަދެއް އޮވެއެވެ. އެއީ ދުނިޔަވީ ކަމަކަށް ވިޔަސް ނޫނީ ދީނީ ކަމަކަށް ވިޔަސް ވެހެވެ. ކަމެއް ކުރާއިރު، އެކަމުގެ މަގުސަދު ކަނޑައަޅާލެވޭ ނޫނީ އެނގި އެކަން ހަނދާނުގައި ބެހެއްޓުމުން، ކާމީޔާބާއާއެކު އެކަން ފުރިހަމަކުރުމަށް އެހީވެދެއެވެ. އެހެންވެ، ރޯދަ ހިފަމުން ދާއިރު، ރޯދައިގެ މަގުސަދަކީ ކޮބައިކަމާ ދޭތެރޭ ވެސް ވިސްނާލަން ޖެހެއެވެ. އެކަމުގެ މަގުސަދު ވަންހަނާވެފައި އޮވެގެންނެއް ނޫނެވެ. ނަމަވެސް، ހަނދާން އާކޮށްލުމުގެ ގޮތުންނެވެ. އަދި، އެކަން ހަނދާންކޮށް، ފުރިހަމަ ގޮތުގައި ރޯދައިގެ އަޅުކަން އަދާކުރެވޭތޯއެވެ.

ޚާއްސަ ގޮތެއްގައި، ކޮންމެ ރޯދަ މަހަކު އިވޭ އާޔަތެއް އޮވެއެވެ. މިސްކިތްތަކުގައި ދެކެވޭ ވާހަކަތުގެ ތެރޭންނެވެ. ރޭޑިޔޯ އަދި ޓީ.ވީ.ގެ ޒަރިއްޔާއިން ފޮނުވޭ ދީނީ ޕޮރްގުރާމުތަކުންނެވެ. ނޫސް މަޖައްލާތަކުގައި ލިޔެވޭ ދީނީ ލިޔުންތަކުން ވެސް މެއެވެ. އާދެ، ރޯދަ ފަރުޟުކުރެއްވުމާ ބެހޭ އާޔަތެވެ. كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون. (ކަލޭމެން (މުސްލިމުން)ގެ ކުރީގެ ގައުމުތަކުގެ މީސްތަކުންގެ މައްޗަށް ލިޔެވި، ފަރުޟުކުރެއްވި ފަދައިން، ކަލޭމެންގެ މައްޗަށް ވެސް ރޯދަ ލިޔެވި، ފަރުޟުލު ކުރެވިއްޖެއެވެ. އެއީ ކަލޭމެން ތަގުވާވެރިވެ ދިޔުމަށްޓަކައެވެ." މިއާޔަތެވެ. ބަޤަރާ ސޫރަތުގެ 183ވަނަ އާޔަތެވެ.

މި އާޔަތުގައި ރޯދައިގެ މަގުސަދު ބަޔާންކުރެވިފައި އެބައޮތެވެ. މިއާޔަތުގައި ބަޔާންކުރެވިފައިވަނީ ރޯދަހިފުން ފަރުޟުކުރެވުނީ ރޯދަހިފާ މީހާ ތަގުވާވެރިވެ ދިޔުމަށްޓަކައެވެ. މީގެ އިތުރުން، ރޯދަހިފުމަކީ އިލާހީ ހުރިހާ ދީންތަކެއްގެ އަހުލުވެރިންގެ މައްޗަށް ވެސް ލިޔެވި، ފަރުޟުލުކުރެވިގެންވީ ކަމެއްކަން މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. މި ލިޔުމުގައި، މައިގަނޑު ގޮތެއްގައި ބަލާލަން ގަސްދުކުރަނީ މި ދެކަމުގެ ތެރެއިން ފުރަތަމަ ބަޔާންކުރެވުނު ރޯދައިގެ މަގުސަދުގެ މާނައިގެ މައްޗަށެވެ!

ރޯދައި ހިފުމާއި ރޯދައިގެ މަގުސަދުގެ މައްޗަށް ވިސްނައި ފިކުރުކޮށްލާއިރު، މި މައްސަލައިގެ މައްޗަށް ލިޔުއްވި ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ފަދައިން، އުފެދިދާނޭ ސުއާލެއް އެބަ އޮތެވެ. މާތްރަސްކަލާނގެ އަހަރުމެން ޚަލްގު ކުރައްވައި އުފެއްދެވުމަށް ފަހު، ރޯދަ ފަރުޟު ކުރެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރުމެންގެ ކިބައިގައި، ކެއުން ބުއިމުގެ ޝަހުވަތު، އެދުން، ލެއްވުމަށް ފަހު، އެކަމާ ދުރުވާން އެންގެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރީތިކަން ލައްވައި، އެ ރީތިކަމާ ދިމާއަށް ދެމުމުގެ ބާރު، އަހަރުމެންގެ ކިބައިގައި ލެއްވުމަށް ފަހު، އެ ރީތިކަމާ ދިމާއަށް ބަލައި، އެކަމުން އުފާ ހާސިލުކުރުމާ ދުރުވުމަށް އެންގެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިފަދަ ސުއާލުތަކަކީ، ޖަދަލުކުރުމުގެ ބޭނުމުގައި ބައެއް ފަހަރު ކުރިމަތިކުރެވޭ ސުއާލުތަކެކެވެ. އަނެއް ބައިފަހަރު، އެއީ ހިތުގައި އުފެދޭ ޝައިތާނީ ވަސްވާސްތައް، ރަނގަޅު މަގުން އެއްކިބާކޮށް، ނުރަނގަޅު މަގަށް ހިތް އަނބުރާލުމުގެ ގޮތުން، ހިތަށް ވެރިވާ ވަހުމީ ޝުއޫރުތައް، މެދުވެރިކުރުވާ ސުއާލުތަކެކެވެ. އަމިއްލައަށް މަސައްކަތްކޮށްގެން، ރަނގަޅަށް ހިތް ހަމަޖެހޭ ފަދަ ޖަވާބެއް، މި ސުއާލުތަކަށް ދޭން ޖެހެއެވެ. ޖަދަލުކުރުމުގެ ބޭނުމުގައެއް ނޫނެވެ. އިބުރާހީމުގެފާނު ވިދާޅުވި ފަދައިން، ليطمئن قلبي، ހިތަށް ފިނިކަން ލިބި، ހިތް ހަމަޖެހި ދިޔުމަށްޓަކައެވެ.

ޝައްކެއް ނެތެވެ. އިންސާނުންގެ ކިބައިގައި، ކެއުން ބުއިމުގެ އެދުމާއި ރީތި ކަމާ ދިމާއަށް ދެމުމުގެ ބާރުލައްވާފައި ވެއެވެ. ނަމަވެސް، އެކަންކަން ލައްވަވާފައިވަނީ ފަހަރެއްގައި ވެސް، އެކަންކަމަށް އަޅުވެތިވުމަށްޓަކައެއް ނޫނެވެ. އިންސާނާގެ އަމިއްލަ ބާރުގެ ދަށަށް އެކަންކަން ގެނެސް، އެކަންކަން، ކޮންޓުރޯލުކޮށްގެން، އެކަންކަމުގެ އުފަލާއި ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. މީގެ މިސާލަކީ އަހެއް ލިބިފައި އޮތް މީހެއްގެ މިސާލެވެ. އެ އަސް އެ މީހަކަށް ލިބިފައި އޮތުމުން، ފަހަރެއްގައި ވެސް، އެމީހާގެ މައްޗަށް އެ އަސް ސަވާރުވުމުގެ ފުރުސަތެއް، އޭނާ އެ އަހަކަށް ނުދޭނެއެވެ. އެއާ ޚިލާފަށް، އެންމެ ފުރިހަމަ ގޮތުގައި އެއަހުގެ ބޭނުން ހިފުމަށްޓަކައި، އެ އަސް މަތަކުރުވައި، އޭނާގެ ބާރުގެ ދަށަށް ގެނެސް، އޭނާ ބޭނުންވާ ކަންކަން އެއަސް ލައްވައި ކުރުވުމަށްޓަކައި، އެއަހަށް ތަމްރީނުދީ އެއަސް ހާނުވާނެއެވެ. ހަމަ އެހެންމެ، އިންސާނުންނަށް ލިބިފައިވާ ޝަހުވަތުގެ އެދުންތައް، ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެކަމުން އުފާ ލިބިގަތުމަށްޓައި، އެ ކަން ހިފަހަށްޓައި ކޮންޓުރޯލު ކުރުމުގެ ބާރު އިންސާނާގެ އަތުގައި އޮންނަން ޖެހެއެވެ. އެ އެދުންތައް ބޭނުން ގޮތަކަށް، އިންސާނާއާ ދޭތެރޭ ކަންތައް ކުރުމަށް ދޫކޮށްލައި، އެ ކަމުގެ ބާރު ދަށުގައިވާ އަޅުންނަށް ނުވުމަށްޓަކައެވެ. އެކަމުގެ އަޅަކަށްވެއްޖެ ނަމަ، އިންސާނާވާނީ ހުއިގަނޑެއް އެއަށް ދިއްކޮށްލައި، ބޭނުން ދިމާއަކަށް ގެންދެވޭ ގެރި ބަކަރި ފަދަ ޖަނަވާރަކަށެވެ.

ރޯދައާއި އަދި އެހެނިހެން އަޅުކަމުގައި ވެސް، މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮންނަނީ، ދެންމެ މި އިޝާރަތްކޮށްލި ކަންތައް ހާސިލުވެ ދިޔުމަށް އެހީވެދިނުމެވެ. ހަވާ ނަފްސުގެ އަޅަކަށް ނުވެ، އިންސާނާ އުފެދުމުގައި ލެއްވިފައި ހުރި އެދުންތަކުގެ ބޭނުން ހިފުމުގައި، އެއެދުންތަކަށް އަޅުވެތި ނުވެ، ނަފްސު ކޮންޓުރޯލްކޮށްގެން، ހެޔޮ ގޮތުގައި އެ ކަންކަން ބޭނުކުރުމެވެ. މިފަދަ އަޅުކަންތަކުގެ މަގުސަދަކީ ފަހަރެއްގައި ވެސް، އިންސާނާ އޭނާއަށް އުފަލާ އަރާމު ލިއްބައިދޭ ކަންކަމުން މަހުރޫމުކޮށްލުމެއް ނޫނެވެ. ނަމަވެސް، ދެންމެ ބުނިހެން، އެކަން ކޮންޓުރޯލުކޮށް، ރަނގަޅު ގޮތުގައި މާނައަކީ ޝަރުއީ އަދި އަޚުލާގީ އިންތަކުގެ ތެރޭގައި، އެކަމުގެ ބޭނުންހިފައި، ނަފްސު އިސްލާހުކޮށް، އެ މަގުގައި ހިފެހެއްޓުމަށް އެހީތެރިވުމެވެ. ކީރިތި ގުރުއާނުގައި، މަތީގައި ނަންގަނެވިދިޔަ ބަގަރާ ސޫރަތުގެ 183ވަނަ އާޔަތުގައި، ބަޔާންކުރެވިފައިވާ ފަދައިން ބުނާ ނަމަ، ތަގުވާވެރިވުމަށްޓކައެވެ.

މިތަނުގައި އެހެން ވާހަކައެއްވެސް ލިޔެލަން ޖެހެއެވެ. ހަމަ، މިއާޔަތުގައި، ރޯދަ ހިފުމަށް އުނދަގޫވެދާނެ ހާލަތްތަކުގައި، ރޯދަ ދޫކޮށްލުން އެންމެ ރަނގަޅުކަމަށް ވެސް ބަޔާންކުރެވިފައި ވެއެވެ. ބަލިވުމުންނާއި ދަތުރުމަތީގައި އުޅެން ޖެހުމުންނެވެ. މީގެ އިތުރުން، ހާލަތު، ނިޔާކުރާ ގޮތުން، ރޯދަ ހިފުމަކީ މީހަކަށް ބުރަކަމަކަށް ވެއްޖެ ނަމަ، އެ މީހަކު ރޯދަ ދޫކޮށްލުން ހުއްދަކަން ވެސް މި އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. وعلى الذين يطيقونه فدية طعام مسكين، فمن تطوع خير فهو خير له، وأن تصوموا خيرا لكم إن كنتم تعلمون. "އެކަން [އެބަހީ، ރޯދަހިފުން،] ބުރަކަމަކަށްވާ މީހުންނަށް އޮތީ [ރޯދަހިފުމުގެ] ބަދަލެއް [ދިނުމެވެ]. އެއީ މިސްކީނަކަށް، ކާންދިނުމެވެ. [މީގެ އިތުރަށް] އަމިއްލަ ނަފްސު އެދިގެން، ހެޔޮކަމަކަށް [ހޭދަކޮށްފި ނަމަ] އެކަން ވާނީ އޭނާއަށް [އިތުރަށް ލިބޭ] ހެޔޮ ކަމަކަށެވެ. [އެކަން ބުރަކަމަކަށް ދެކިވެސް، ރޯދަހިފޭ ނަމަ] ރޯދަހިފުން ކަލޭމެންނަށް ހެޔޮވެގެންވެއެވެ. މިކަން ކަލޭމެންނަށް ވިސްނި، އެނގޭނޭ ނަމައެވެ."

ރޯދަ ހިފުން ބުރަކަމަކަށް ވަނީ ކިހިނަކުން ހެއްޔެވެ؟ ބަލި ނުވިޔަސް، ދުވަސްވެ، މުސްކުޅިވުމުންނެވެ. އުމުރުން ހަގުވެ، ރޯދައިގެ ބުރަ ތަހައްމުލުކުރެވޭހާ ހަކަތަ ހަށިގަނޑުގައި ނެތުމުންނެވެ. އިންތިހާއަށް ހޫނު ގަދަވެ، ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނޭ ހެން ހީވުމުންނެވެ. މިއީ ހައްތަހާވެސް، އެކަމުގެ ސަބަބުން، ރޯދަހިފުން ބުރަކަމަކަށް ވެދާނޭ ކަންކަމެވެ. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ރޯދައަށް ހުރުން ލާޒިމެއް ނޫނެވެ. ރޯދައަކީ ބުރައެއް ކަމަށް ކަނޑައަޅާލަން އެނގޭނީ ރޯދަހިފާ މީހާއަށެވެ. އޭނާގެ ހާލަތުގެ މައްޗަށް ބަލައި، އެކަން ކަނޑައެޅުން އޮތީ އޭނާގެ އަތް މައްޗަށް ދޫކޮށްލެވިފައެވެ.

މިކަމުން ވެސް، އެނގިގެން ދަނީ، ރޯދައަކީ ފަހަރެއްގައި ވެސް، އުނދަގުލެއް ޖައްސަން، ނުވަތަ، އިންސާނާގެ ކިބައިގައި ލެއްވިފައިވާ އެދުންތަކަކުން މަހުރޫމުކުރުވުމަޓަކައި ލިޔެވި ފަރުޟުކުރެވިފައިވާ ކަމެއް ނޫންކަމެވެ. ނަމަވެސް، އެކަން ލިޔެވި ފަރުޟުކުރެއްވިފައިވަނީ، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިން، لعلكم تتقون، ތިޔަބައި މީހުން ތަގުވާވެރިވެ ދިޔުމަށްޓަކައެވެ، މި މަގުސަދު ހާސިލިވެދޭތޯއެވެ. ނުރަނގަޅު މަގުން ނަފްސު އެއްކިބާވެދިޔަނުދީ، ނަފްސު ރަނގަޅު މަގަށް އަޅުވައި، އެ މަގުގައި ހިފަހައްޓައި، އިސްލާހުގެ މަގުގައު، އަމިއްލައަށް ނަފްސު ތަރުބިއްޔަތުކޮށް ތަމްރީނުކުރުމަށްޓަކައެވެ. މިފަދަ ގޮތެއްގައި، ނަފްސު އިސްލާހުކުރުން އޮތީ ވަކި ބަޔަކަށް ނޫންކަމުން، މިކަމަކީ، އާދެ، ރޯދަ ހިފުމަކީ، ކުރީގެ އުއްމަތަކުގެ މީހުންގެ މައްޗަށް ވެސް، ލިޔެވި ފަރުޟުކުރެއްވިފައިވާ ކަމެއްކަން، ރޯދަ ފަރުޟުކުރެއްވި އާޔަތުގައި ބަޔާންކުރެވިފައި އޮތީއެވެ.

ރޯދަ ހިފުމުގެ މަގުސަދަކީ، އުފާތަކުން، އަޅުވެރިޔާ މަހުރޫމުކުރުން ނޫންކަމަށް ވެފައި، އެކަމުގެ މަގުސަދަކީ އަޅުވެރިޔާގެ ނަފްސު ކޮންޓުރުލޯކުރުމަށް އެހީވެ، ނަފްސުން އިސްލާހުކުރުން ކަމުގައި ވާއިރު، ރޯދަ ހިފުމާ ކުރިމަތީލާންވާނީ އުފަލުންނެވެ. ރޯދަހިފުމަކީ ބުރައެއް ކަމަށް ނުދެކިއެވެ. މުސްލިމުންގެ އިހުގެ ތާރީޚަށް ބަލާލާއިރު، ތާރީޚުގެ މަގުފާހަގަތައް ކަމުގައި ބެލެވޭ އެތައް މުހިއްމު ހަނގުރާމައެއް ކުރެވުނީ ރޯދަމަހުއެވެ. ހިޖުރީ ސަނަތުން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. ހިޖުރީ ސަނަތުން އަށް ވަނަ އަހަރު މައްކާ ފަތަހަކުރެވުނު ހަނގުރާމައެވެ. ހިޖުރީ ސަނަތުން 658 ވަނަ އަހަރު ތަތާރުންނާ ހަނގުރާމަކޮށް، ފުރަތަމަ ފަހަރަށް އެމީހުން ބަލިކުރެވުނު އައިނު ޖާލޫތު ހަނގުރާމައެވެ. ހިޖުރީ ސަނަތުން 666 ވަނަ ސަލީބީންނާ ހަނގުރާމަކޮށް، އަންތާކިޔާ އަލުން ފަތަހަ ކުރެވުނު ހަނގުރާމައެވެ. މިހުރިހާ ހަނގުރާމަތަކެއް ވެސް ކުރެވުނީ ރޯދަ މަހެއްގައެވެ.

މި ވާހަކައިންނާއި އަދި ކުރިން ނަންގަނެވި ދިޔަ ވާހަކަތަކުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ރޯދަ ހިފަންވާނީ، އާދަކާދައިގެ މަތިން ކުރާ ކަމަކަށް ހަދައި، ނިދުމާއި މުނިފޫހިފިލުވުމުގައި ނޫންކަމެވެ. ރޯދަ މަހު ރޯދަ ހިފަންވާނީ ގަޔާވެގެން، އެހެން، މަސްތަކޭ ވެސް އެއްފަދައިން، އެމީހަކު ކުރާ ކަމެއް ކުރުމުގައި ދެމިހުރެ، ރޯދައިގެ މަގުސަދު، ނަފްސު ކޮންޓުރޯލުކޮށް އިސްލާހުކުރުމުގެ މަގުސަދު، ހާސިލުވޭތޯ މަސައްކަތްކުރުމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *