އަރަހުށި މާތް ﷲ އެ ކަލާނގެ އަޅުންގެ މައްޗަށް ޢަދަދުކޮށް ހިސާބު ނުކުރެވޭހައި ގިނަ ނިޢުމަތްތައް ލެއްވިއެވެ. މި ނިޢުމަތްތައް މެދު ނުކެނޑި ލިބެމުން އޮހެމުން އާދެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا [1]– اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ.))
މާތް ﷲ އެކަލާނގެ އަޅުންނަށް ދެއްވާ ނިޢުމަތްތަކަކީ ބައެއް ފަހަރަށް މުޠުލަޤު އަނެއްބައި ފަހަރަށް މުޤައްޔަދު ނިޢުމަތްތަކެކެވެ. ބައެއް ފަހަރަށް އެއީ ދިނީ ނިޢުމަތްތަކެކެވެ. އަނެއްބައި ފަހަރަށް އެއީ ދުނިޔަވީ ނިޢުމަތްތަކެކެވެ. މާތް ﷲ އެ ނިޢުމަތްތައް އެމީހުންނަށް ދެއްކެވިއެވެ. އަދި އެ ނިޢުމަތްތައް ޙާޞިލު ކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ.އަދި މި ނިޢުމަތްތަކުން މަންފާ ލިބޭނެ ގޮތްތައް ބަޔާންކޮށް ދެއްވިއެވެ.
މާތްﷲ އެމީހުންގެ ވިސްނުމަށާއި ހަށިތަކަށް ދުޅަހެޔޮކަން ދެއްވިއެވެ. އެބައިމީހުންނަށް ޙަލާލު ރަނގަޅު ތަކެތިން ރިޒްޤު ދެއްވިއެވެ. އުޑުތަކާއި ބިން އެމީހުންގެ ޚިދްމަތުގައި ލެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ އަޅުންނަށް މި ހުރިހާ ނިޢުމަތްތަކެއް ދެއްވަނީ އެ އަޅުން މި ނިޢުމަތްތައް ބަލައިގަނެ އެކަލާނގެއަށް ޝުކްރު ކުރުން މަތީ ދެމިތިބެ އެކަލާނގެއަށް ޝަރީކު ނުކޮށް އަޅުކަން ކުރުމަށް ޓަކައެވެ. އެކަލާނގެ ރުއްސެވުން ލިބި އެކަލާނގެ މިންނަތްތަކާއި ރަޙަމާތުތަކުގެ ވެރި ބަޔަކަށްވެ ކާމިޔާބު ލިބޭތޯއެވެ.
މާތްﷲ އެކަލާނގެ އަޅުންގެ މައްޗަށް ލެއްވި މަތިވެރި ނިޢުމަތްތަކުގެތެރޭގައި ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފުން ޝަރްޢު ކުރެއްވުން ވެއެވެ. މި ކަން ބަޔާންކުރައްވާ ވަޙީ ކުރެއްވިއެވެ. ((وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ[2]– އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.)) އެހެނީ މާތްﷲ އިންސާނުން ޚަލްޤުކުރެއްވުމުގެ މަޤްޞަދުތަކުގެތެރޭގައި އެކަލާނގެއަށް ޝުކްރު ކުރުން ވެއެވެ. ﷲގެ ނިޢުމަތްތައް އިތުރުވެ ދެމި އޮންނަނީ މި ޝުކްރުގެ ސަބަބުންނެވެ.
ޝުކްރު ކުރުމަކީ ނިޢުމަތް ދެއްވާ ފަރާތަށް ބޯލަނބައި ކިޔަމަންގަނެ އެކަލާނގެ ދެކެ ލޯބިވުމާއެކު އެކަލާނގެ ދެއްވާ ނިޢުމަތްތައް ޤަބޫލުކޮށް އެކަމަށް އިޢުތިރާފުވުމެވެ. ނިޢުމަތްތައް ބަލައިނުގަންނަމީހަކީ ޝުކްރު ކުރާ މީހެއްނޫނެވެ. ނިޢުމަތްތައް ބަލައިގަތަސް އެ ނިޢުމަތްދޭ ފަރާތް ނުދަންނަ މީހަކީ ޝުކްރުވެރިވާ މީހެއްނޫނެވެ. ޙަޤީޤީ ޝުކްވެރިއަކީ ނިޢުމަތްތައް ދަނެ އެ ނިޢުމަތްތަކުގެ ވެރި ފަރާތް ދަނެ، އެ ފަރާތްދެކެ ލޯބިވެ، އެ ފަރާތަށް ކިޔަމަންގަނެ، އެ ފަރާތްދެކެ ރުހި، އެ ފަރާތުން އަންގާގޮތަކަށް އެ ނިޢުމަތްތަކުގެ ބޭނުން ކުރާ މީހާއެވެ. [3]
މި ބަސްފުޅުތަކުން އެނގެނީ ޝުކްރު ބިނާވެގެން ވަނީ ފަސ ބިންގަލެއްގެ މަތީގައި ކަމެވެ. އެއީ ޝުކްރުވެރިވާ މީހާ ޝުކްރުކުރެވޭފަރާތަށް ބޯލެނބުމާއި، އެ ފަރާތްދެކެ ލޯބިވުމާއި، އެ ފަރާތުގެ ނިޢުމަތްތަކަށް އިޢުތިރާފުވުމާއި، އެ ނިޢުމަތްތަކަށް ޓަކައި އެ ފަރާތަށް ތާރީފާއި ސަނާ ކިޔުމާއި، އެ ފަރާތް ނުރުހޭ ކަމެއްގައި އެ ނިޢުމަތްތައް ބޭނުން ނުކުރުމެވެ. ޝުކްރުގެ އަސާސަކީ މި ފަސް ބިންގަލެވެ. މިއިން ކަމެއް އުނިވެއްޖެނަމަ އެ އަސާސުން ބިންގަލެއް ނެތިގެން ދާނެއެވެ. ރަމަޟާން މަހަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ އަޅުންނަށް ދެއްވި އިލާހީ ހިބައެކެވެ. ﷲއަށް އީމާންވާ މީހުންގެ އީމާންކަން އިތުރުކޮށް ދެއްވުމަށާއި ﷲގެ ޙައްޤުތައް އަދާކުރުމުގައި އިހްމާލުވި މީހުންނަށް ތައުބާވުމަށް ފުރްޞަތު ދެއްވުމަށެވެ. ﷲ ތަޢާލާ މި މަހަށް ޚާއްޞަ އިމްތިޔާޒުތަކެއް ދެއްވާފައި ވެއެވެ.
- ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. މީސްތަކުންނަށް ހިދާޔަތު ދެއްކެވުމަށް ޓަކައި ބާވައިލެއްވި ޤުރްއާން ބާވައިލެއްވީ ރަމަޟާން މަހުގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ [4]– رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.)) މާތް ﷲ މި އާޔަތުގައި ރަމަޟާން މަހަށް ތާރީފުގެ ބަސް ވަޙީ ކުރައްވާފައި ވެއެވެ. ކީރިތި ޤުރްއާން އެ މަހެއްގައި ބާވައިލެއްވުމަށް އިޚްތިޔާރު ކުރެއްވީތީއެވެ. އައްލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ކީރިތި ޤުރްއާން މާތްﷲ ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ[5]– ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلة القدر ވިލޭރޭގައެވެ.))
- ރަމަޟާން މަހުގައި ލައިލަތުލްޤަދްރި ވިލޭރޭ ވެއެވެ. މި ރޭގެ މާތްކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައި މާތްﷲ ވަޙީ ކުރެއްވެއެވެ. ((وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ[6] – އަދި ليلة القدر ވިލޭރެޔަކީ، ކޮން ރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.))
- މި މަހުގައި ރޯދަ ހިފުމަކީ ފާފަ ފުއްސަވާނެ ކަމެކެވެ. މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާކުރެއްވިގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ[7] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރި މިހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. )) މި ބަސްފުޅުގެ މަފްހޫމަކީ ﷲއަށް އީމާންވެގެން ހުރެ ރޯދަ ފަރްޟުކުރެއްވި ކުރުމަށް ރުހި ﷲގެ ޙަޟްރަތުން ސަވާބަށާއި ދަރުމައަށް އެދި، ޝަކްވާއެއް ނުކޮށް ރޯދަ ހިފި މީހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.
- މި ކަންކަމުގެ އިތުރަށް ރަމަޟާން މަހުގައި މާތްﷲ ޝައިޠާނުން ކަސްތޮޅު އަޅުއްވާނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައްހުޅުއްވާ ދެއްވާނެއެވެ. އަދި ނަރަކައި ދޮރުތައް ބަންދު ކުރައްވާނެއެވެ. މި ކަމުން ﷲގެ އަޅުންނަށް ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެތޯއެވެ؟ އަދި ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި މާތްﷲ ނަރަކައިން މުއްތި ކުރައްވާ ބަޔަކު ވެއެވެ.
- މި ބަރަކާތްތެރި މަހުގައި މާތްﷲ މުސްލިމުންނަށް ބަދްރު ހަނގުޜާމައިގައި ނަޞްރު ދެއްވިއެވެ. މި ހަނގުރާމައިގައި ކާފިރުންގެ ޢަދަދު ތިން ގުނަ އިތުރެވެ. މީގެ އިތުރަށް މާތްﷲ މުސްލިމުންނަށް މާތްވެގެންވާ މައްކާ ފަތަޙަކޮށްދެއްވީ ހަމަ ރަމަޟާން މަހުގައެވެ. ކީރިތި ރަސޫލާ ﷲ ގެފުޅު ޠާހިރު ކުރައްވައި ﷲގެ ތަޢުޙީދަށް ޚާލިޞްވެގެންވާ މިސްކިތަކަށް މި ޙުރްމަތްތެރިވެގެންވާ މިސްކިތް ހެއްދެވީ ހިޖްރައިން 8ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. ގެފުޅުގެ އެތެރޭގައްޔާއި ވަށައިގެން ހުރި 360 ބުދު މާތް ރަސޫލާގެ ކީރިތި އަތްޕުޅުން ތަޅުއްވައިލެއްވިއެވެ. އެހެންކަމުން ރަމަޟާން މަހަކީ ޖިހާދުގެ މަހެވެ. އެއީ ޢަމަލާއި ހީވާގިކަމުގެ މަހެވެ.
[1] – إبراهيم:34
[2] – البقرة : 185
[3] – طريق الهجرتين لابن القيم (ص: 175)
[4] – البقرة : 185
[5] – القدر:1
[6] – القدر:2- 3
[7] – أخرجه البخاري (٣٨)، والنسائي (٢٢٠٣)، وابن ماجه (١٦٤١) ومسلم (٧٦٠)، وأبو داود (١٣٧٢)، والترمذي (٦٨٣) ، وأحمد (٩٠٠١)




advertisment