މިއީ ނަފުސުގެ ޝިކާޔަތުތައް، ހިފައިގެން ތެދުވި މެންދަމެކޭ
އައީ ފިނިކަން ލިބޭ ހިޔަލަށް، ތިބާ ގެންދާނެ މޫސުމެކޭ
ނަޖާ ކުރަމުށް އަނދިރި ކަޅުކަން، ހިތާ ނަފްސަށް ދިރުންގެނުވާ
އުޖާލާ ނޫރަކުން ޖައްވާ، ފަޒާ ދިއްލާނެ އަލިކަމެކޭ
ކުށުން ތެމި ފޯވި އިންސާނާ، ކުށަށް ތަޢުބާ ވަނީނަމައީ
ދުށުން ތެދުމަގު އެދޭ ހިތަކަށް ލިބޭމީ ސާފު ދަޢުވަތެކޭ
ހިލޭ ކަރުނައިގެ ތިކިތަކަކީ ލޮލުން ޒިކުރާގެ ޚިދުމަތުގައި
ފިލާ ޣަފުލަތުގެ ބަލިމަޑުކަން ފުރާނަދިރޭ އެއީ ފެނެކޭ
ހިފުން ވާޖިބުވި ރޯދަވަނީ، ހިފޭ އައްޑަނައަކަށް ދެއަތުން
ކަފުން ކުއްފާފަތައް ކުރުވާ، ލިބެން އޮތް މީ ސަލާމަތެކޭ
ވެޔޭ މަތިވެރި ރެޔެއް އެއްހާސް، މަހަށް ވުރެ ވާ އިބާދަތުގައި
ޚިޔާލަށްވެސް ނުގެނެވޭހާ، ދަރުމަ ދެއްވާނެ މައްސަރެކޭ
ހިދާއީ ނޫރު ހައިބަތުގައި، ވިދާ ބަބުޅާނެހެން ހިތުގައި
ނިދާ އިއްވާ މަލާއިކަތުން، ބިމަށް ނާޒިލް ވެދާ ރެއެކޭ
ދެލޮލުގައި މަރުވެފައިވާ ނިދި، ފެޔަށް ޖައްސާށެ އަޅުކަމުގައި
މިލޮބުވެތި މައްސަރާ ގުޅިފައި، ވަނީ ނޭނގޭނެ ހިކުމަތެކޭ