Support Us

ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ އެ ކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް

މާލޭސިޓީ އާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ، ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު، ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މީގެ ދެ ދުވަސް ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންތިޚާބު ކާމިޔާބު ކުރެއްވި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށާއި ރަށު ކައުންސިލްތަކުގެ ރައީސުންނަށާއި ހުރިހާ ކައުންސިލަރުންނަށާއި ޑަބްލިއުޑީސީގެ ހުރިހާ މެމްބަރުން ހިމެނޭހެން އިޙްލާސްތެރިކަމާއެކު މަރުޚަބާ ދަންނަވާފައެވެ. އަދި، ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާ އެކީގައި، ވަރަށް ބޮޑު މަސްޢޫލިއްޔަތުތަކަކާއި ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަން ހަނދުމަފުޅުކޮށް އަރުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލަރުން އެ ޙަވާލުވެވަޑައިގަތް ބޮޑު މަސްޢޫލިއްޔަތާއެކީގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި ސަރުކާރަށް އެއްބާރުލުންދީ އެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިމިދިޔަ އިންތިޚާބުގައި، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ނަތީޖާއަކީ، މާލޭ ސިޓީގެ ނަތީޖާ ކަމަށާއި، މާލޭ ސިޓީގެ ކައުންސިލަށް މި އައި ބަދަލާ ދޭތެރޭގައި ވިސްނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، މި އިންތިޚާބުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، އިންތިޚާބުވި ކައުންސިލަރުންގެ ތެރޭގައި އަންހެނުންނަށް 35 ޕަސެންޓަށްވުރެ ގިނަ ޢަދަދެއް ލިބިފައިވުން ކަމުގައި ވިދާޅުވިއެވެ. އަދި، ދެ ޖިންސުގެ ހަމަހަމަކަން ގެންގުޅުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުގެ ތެރެއިން މި ސިޔާސަތު ތަންފީޒުވެގެންދާތަން ފެނުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކީގައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ނޫސްވެރިން އެކި ދާއިރާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް ތަފްޞީލީގޮތެއްގައި ޖަވާބުދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް