Support Us

ތާރީޚުން ފިލާވަޅެއް: ރާއްޖެއިން ބުދު ދީން ނެތި ދިޔުމާއި އެކަމުން ލިބެން އޮތް އިބުރަތް

މިއަދު، ބަލާލަން ގަސްދުކުރަނީ، އަޅުގަނޑުމެންގެ އެވޭލާ ތާރީޚުގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށެވެ. އެ ހާދިސާގެ މައްޗަށް ބަލާލައި އެ ހާދިސާއިން ލިބޭ ފިލާވަޅެއް ފާހަގަކޮށްލުމުގެ ގޮތުންނެވެ. މިއަދު އެ ހާދިސާއެއްގެ މައްޗަށް ބަލާލަން ގަސްދުކުރާ ހާދިސާއަކީ ރާއްޖެ އިސްލާމްވި ހާދިސާއެވެ. އެ ހާދިސާއާ ގުޅިފައި އޮންނަ ރަންނަމާރީގެ ވާހަކައިގެ މައްޗަށެވެ. އަދި އެކަމުން ލިބިގަނެވިދާނޭ އިބުރަތެއްގެ މައްޗަށެވެ.

ރަންނަމާރީގެ ވާހަކައިގެ މައްޗަށް ބަލާލައި، ފާހަގަކޮށްލަން ބޭނުންވަނީ ރަންނަމާރީގެ ހަގީގަތުގެ މައްޗަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ކަނޑުން އެރި ފުރޭތައެއްތޯ ނޫނީ އެއީ ބޮޑުންގެ ބައިގަޑެއްތޯގެ މައްޗަކަށް ނޫނެވެ. މިއީ އެކަމާ މެދު، ޚިޔާލު ތަފާތުވެފައި އޮންނަ މައްސަލައެކެވެ.

ނަމަވެސް، ރަންނަމާރީގެ ވާހަކަދައްކާއިރު، އެ ހާދިސާއާ ގުޅިފައި އޮންނަ، ޚިޔާލު ތަފާތު ނުވާ ވާހަކަތަކެއް ވެސް އޮވެއެވެ. ރަންނަމާރި، އެއީ ކަނޑު ފުރޭތައެއް ކަމުގައި ވިޔަސް، ނޫނީ އެއީ ބޮޑުންގެ ބަޔަކު ކަމުގައި ވިޔަސް، އެންމެން އެއްބަސްވާ ކަމަކީ ބިކުރުވެރި އަންހެން ކުއްޖެއްގެ އިއްފަތް ފޭރިގަންނަކަމެވެ. އަދި އެއަށް ފަހު، އެކުއްޖާ މަރާލެވޭ ކަމެވެ. މީގެ އިތުރުން، މި ކަމެއް ކުރެވެނީ ބުދު ފައްޅިއެއްގައި ކަމަށް ވެސް އެންމެން ވެސް އެއްބަސްވެއެވެ. މިކަމަކަށް ޚާއްސަކުރެވޭ ބުދުފައްޅިއެއްގައި ކަމެވެ.

މިކަމުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލާއިރު ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތެވެ. ދީނުގެ އެންމެ މުގައްދަސު ތަނުގައި، އާދެ، އަޅުކަމަށް ޚާއްސަކުރެވޭ ގޭގައި، އަންހެން ކުއްޖެއްގެ އިއްފަތް ނަގާލައި، އެކުއްޖާ މަރާލެވޭއިރު، ދީނުގެ ބޮޑުންނަށް މިފަދަ ކަމެއް ނުހުއްޓުވުނު ކަމެވެ. އަނެއްކާ، ދީނުގެ މީހުންގެ ބައިވެރިވުން، މިކަމުގައި، އޮތީ ބާވައޭ ވެސް ހިތަށް އަރައެވެ. ދީނުގެ މީހުން މިކަމުގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސް، އެނގި ޔަގީންވާ ކަމަކީ ދީނުގެ މީހުންގެ ކިބައިގައި 'ރަންނަމާރި' ހުއްޓުވޭނޭ ފަދަ ބާރެއް ނެތްކަމެވެ. އަދި، މިފަދަ މުޑުދާރު އަމަލެއް ހިންގުމަށް އެމީހުންނަށް، އެމީހުންގެ ފައްޅިވެސް ދޭން ޖެހުނު ކަމެވެ.

މިފަދަ ގޮތެއްގައި ކަންތައް ވުން، – ބުދު ފައްޅީގައި، ބިކުރުވެރި، ކުޑަ އަންހެން ކުއްޖެއްގެ އިއްފަތް ފޭރިގަނެ، އެކުއްޖާ މަރާލައި ހަދާއިރު، ދީނީ ބޮޑުންގެ ކިބައިގައި އެ އަމަލު ހުއްޓުވުމުގެ އެކަށޭނަކަން ނެތި، ސީދާ ފައްޅީގައި އެކަން ކުރުން ވެސް ނުހުއްޓުވި އޮތް އޮތުން – އަންގައި ދެނީ، އެ ދުވަސް ވަރު ރާއްޖޭގައި ބުދު ދީނުގެ ރޫހާނިއްޔަތުގެ ތައުސީރު ދަށްވެފައިވާ މިންވަރެވެ. ދީނެއްގެ އެންމެ މުހިއްމު ވަޒީފާކަމުގައިވާ މީހުންގެ ރޫހާނިއްޔަތު ދިރުވައި ކުރިއެރުވުމުގެ ބާރު ކުޑަވެފައި އޮތް ދަރަޖައެވެ.

މިކަން އެހެން ކަމަކަށް ވެސް އިޝާރަތްކުރެއެވެ. އެދުވަސްވަރު، ބުދު ދީނުގެ ބޭނުންތެރިކަމާ މެދު، އާންމުންގެ ގިނަ ބަޔެއްގެ ހިތުގައި ސުއާލު އުފެދިފައި އޮންނާނޭ ކަމެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް، ބުދު ދީނުގެ އަސްލު ތައުލީމާތުތަކުގައި މީހުންގެ ރޫހާނިއްޔަތު ކުރިއަރުވައި މާތް އަޚުލާގީ ސިފަތައް އުނގަންނައިދޭ އުނގަންނައިދިނުންތައް ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް، މިކަންކަން، އާންމުންނަށް، ފެނިގެންދާނީ ފޮތް ފޮތުގައި ލިޔެވިފައި ހުންނަ އެއްޗަކުން ނޫނެވެ. މީހުންގެ އަމަލުތަކުންނެވެ. ޚާއްސަ ގޮތެއްގައި، ދީން ތަމްސީލުކޮށް، ދީނުގެ ތައުލީމާތުތައް އެމީހުންގެ އަމަލަތަކުން ދައްކުވަައިދޭން ތިބޭ ކަމަށް ބުނާ ދީނުގެ ބޮޑުންގެ އަމަލުތަކުންނެވެ.

ބުދު ދީނުގެ ބޭނުންތެރިކަން، މިފަދަ ހާލަތަކަށް ގޮއްސައި އޮތުމުން، އެދުވަސްވަރު، މީސްތަކުން ތިބޭނީ ބުދު ދީނާ މެދު ހިތްހަމަ ނުޖެހިފައި ކަމަށް ބުނެވިދާނެއެވެ. އަދި، އެހެން ދީނެއް ހޯދައި، އެ ދީން ބަލައިގަތުމުގެ އިންތިޒާރުގައި ކަމަށް ވެސް ބުނެވިދާނެއެވެ. އެހެންވެ، އަބުލް ބަރަކާތުގެފާނު ނުވަތަ ތަބްރޭޒީގެފާނު، އިސްލާމް ދީނަށް ދައުވަތު ދިނުމުން، ރަސްގެފާނު އެކަން ގަބޫލުފުޅުކުރައްވައި އަދި އިސްލާމް ދީން ގަބޫލުކުރުމަށް މީސްތަކުންނަަށް ގޮވާލެއްވުމުން، ގިނަ ބަޔަކު އެކަން ގަބޫލުކުރީއެވެ.

މިމަގާމުގައި އަދި އެއްވާހަކަ ނަންގަނެލަން ޖެހެއެވެ. 'ރަންނަމާރިގެ' އަމަލަކީ 'ގަނޑުވަރު ތެރޭ ބައެއް، އާދެ، ވެރިކަމާއި ގުޅިފައިވި ބޮޑުންގެ ބައެއް، ހިންގި އަމަލެއް ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. މިކަން ހިންގި ގަނޑުވަރު ތެރޭ ބައެއް ކަމަށް ހީކޮށްލަމާ ހެއްޔެވެ؟ މިކަން ހިނގީ މިގޮތަށް ކަމުގައި ބެލި ނަމަވެސް، މިކަމުގައި ރަސްގެފާނު ބައިވެރިވެވަޑައިގަތުން ދުރުކަމަށް ލަފާކުރެވެއެވެ. ރަސްގެފާނު އެކަން ކުރައްވަން ބޭނުންފުޅު ނަމަ، ގަނޑުވަރު ތެރޭގައި ވެސް އެކަން ކުރެއްވިދާނެތާއެވެ. އެހެން ނަމަވެސް، ބޮޑުންގެ ބަޔަކު މިކަން ކުރި ކަމަށްވާ ނަމަ، އަދި، ރަސްގެފާނު އެކަމުގައި ބައިވެރިވެވަޑައިނުގެންނެވި ކަމުގައިވިޔަސް، ރަސްގެފާނަށް މިކަން ސިއްރުވެފައިި އޮތުމަކީ ވަރަށް ވެސް ދުރުކަމެވެ. އެހެން ކަމަށް ވިޔަސް، ބޮޑުންގެ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމުން، ރަސްގެފާނަށް އެކަން ނުހުއްޓުވިފައި އޮވެދާނެއެވެ. އަދި، ބަރުބަރީގެފާނު ނުވަތަ ތަބްރޭޒީގެފާނުގެ ދައުވަތު ވާނީ މިކަން ހުއްޓުވަން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. އެހެންވެ، އެ ދައުވަތު އަވަހަށް ގަބޫލުފުޅު ކުރައްވައި، މީސްތަކުންނަށް ވެސް އިސްލާމް ދީން ގަބޫލުކުރުމަށް އެންގެވީއެވެ. ކޮންމެ އަކަސް މިކަން މިގޮތަށް ސާބިތުކުރުމަށް ބޭނުންވާ ހެކި ލިބުމަކީ ވަރަށް ވެސް ދަތިކަމެވެ. ބުނެވޭނެހާ ވެސް ވާހަކައަކީ މިކަން މި ގޮތަށް ހިނގައިދިޔުމުގެ އިހުތިމާލު އޮތް ކަމެވެ.

ދެން އޮތީ ވަރަށް ވެސް މުހިއްމު ނުކުތާއެކެވެ. މިކަމުން ލިބެން އޮތް ފިލާވަޅެވެ. އެ ފިލާވަޅު ފާހަގަކޮށްލުމުގެ ގޮތުން އަދި އެއްފަހަރު، މި ނުކުތާ މަތިން ހަނދާންކޮށްލާށެވެ. މީސްތަކުން، ހަމަ ތިބެފައިމ އެމިހުންގެ ދީން ދޫކޮށްލާނޭ ހެެނެއް ހިޔެއް ނުވެއެވެ. އެމީހުންގެ ދީން ދޫކޮށްލާނީ އެކަން ކުރުމަށް މެދުވަރިކުރުވާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮވެގެންނެވެ. އެހެންވެ، ރާއްޖެއިން ބުދު ދީން ނެތިގެން ދިޔުމަށް ވެސް ސަބަބެއް މެދުވެރިވިއެވެ. ދީނުގެ ބޮޑުންގެ އަމަލުތައް ހުރި ގޮތުން، ދީނުގެ ބޭނުންތެރިކަން އާންމުންގެ ކުރިމަތީ ނެތި ދިޔުމެވެ. ކޮންމެ ދީނަކާ މެދު ވެސް، މިފަދަ ގޮތެއްގައި އާންމުންނަށް ބެލެވިއްޖެ ނަމަ، އެ ދީން އެމީހުންގެ ތެރެއިން ނެތިގެން ދިޔުން އޮންނާނީ ކައިރިވެފައެވެ.

އަޅުގަނޑުމެންގެ މުސްލިމުންގެ އަދުގެ ހާލަތަށް ބަލާލާއިރު، މި މަންޒަރު، ކޮންމެ ވެސް ވަރަކަށް ނަމަވެސް، މުސްލިމު މުޖުތަމާތަކުން ފެނިގެން ދެއެވެ. ދީނުގެ ތައުލީމާތުތަކަކީ ހަމައެކަނި ބޭރުފުށުގެ ކަމެއް ކަމަށް ބާރު އެޅޭއެޅުމުގެ ސަބަބުން، ދީނުގެ ބޭނުންތެރިކަމާ މެދު، އާންމުންގެ ހިތްތަކުގައި ސުއާލު އުފެދިއްޖެއެވެ. މީހުންގެ ދީންވެރިކަމާއި ތަގުވާވެރިކަން، އާޚިރަތުގަައި އޭނާއަށް ސަލާމަތާއި ނަޖާތު ލިބުން، މިކަންކަން ބިނާވަނީ، އޭނާ ލާ ހެދުމާއި އެ ހެދުމުގެ ކުލައާއި އޭނާގެ މޫނުމަތީގެ އިސްތަށީގެ ދިގު މިނާއި ބޯ މިނުގެ މައްޗަށްކަން ދައްކުވައިދެވުމުގެ ސަބަބުންނެވެ. ހަރާމުގެ ދާއިރާއަކީ އަސްލު ދީނީ ތައުލީމާތުތަކުގައި ވަރަށް ވެސް ހަނި ދާއިރާއެއް ކަމުގައި ވިޔަސް، އެ ދާއިރާ ފުޅާކުރެވި، ކޮންމެ ކަމެއް ހެން ހަރާންކުރެވި ސިކުނޑީގެ އިބްދާއީ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. މީގެ ހިތި ނަތީޖާއަކީ މުސްލިމުން ވެސް، މިއަދު، އިސްލާމް ދީން ދޫކޮށްލާތަން ފެނުމެވެ.

މީގެ މާނައަކީ، ފަހަރެއްގައިވެސް، އިސްލާމް ދީނުގެ އަސްލު ތައުލީމާތުތަކުގައި ހެޔޮ އުނގަންނައި ދިނުންތަކެއް ނެތް ވާހަކައެއް ނޫނެވެ. ޝައްކެއްނެތެވެ! އިންސާނާގެ ރޫހާނިއްޔަތު ކުރިއަރުވައި، މާތް އަޚުލާގެއްގެ ވެރި މީހަކަށް އޭނާ ހަދައި، އަދި، މިގޮތުގައި އޭނާގެ އިބްދާއީ ބާރުތައް (ކްރިއޭޓިވް ފޯސަސް) ބޭނުންކޮށް ފަރުދީ އާ އުފެއްދުންތައް އުފައްދައި، ހަމަހަމަކަމާއި އިންސާފުގެ މައްޗަށް ބިނާވާ ހަރުދަނާ މުޖުތަމައީ ނިޒާމެއް އުފެއްދުމުގެ އެކަށޭނަކަން އޮތް ހަމައެކަނި ދީނާކީ އިސްލާމް ދީނޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް، މުސްލިމުންގެ ތެރޭގައި އިސްލާމް ދީން ތަމްސީލުކުރަން ތިބި ގިނަ މީހުންގެ އަމަލަތަކުން ފެންނަނީ މިކަން ހަގީގަތަކަށް ހަދާލެވޭނީ ކިހިނެއްކަން ބުނެދިނުމެއް ނޫނެވެ. ނަމަވެސް، ކުރިން ވެސް ނަންގަތް ފަދައިން، އެމީހުންގެ ދުލުންނާއި ގަލުމުން، އަދި، އެމީހުންގެ އަމަލުތަކުން ވެސް، ފެންނަނީ، ހަމައެކަނި، ބޭރު ފުށުގެ ކަން ކަމަށް އިސްކަންދީ، ބިރުދައްކައިގެން، ގަދަކަމުން، ދީނީ ކަންކަން ކުރުވަން އުޅުމުގެ މަންޒަރުތަކެވެ. މިފަދަ ގޮތަކަށް ދީނުގެ ކަންތައްތައް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލުމުން، ދީނުގެ ބޭނުންތެރިކަން، ދީނުގެ އަސްލު ތައުލީމާތުތަކުގައި އެކަން އޮތް ކަމުގައި ވިޔަސް، ނެތިގެންދަނީއެވެ. އެހެންވެ، މުސްލިމުން ޖަމާއީ ސިފައެއްގައި ވެސް، އިސްލާމް ދީން ދޫކޮށްލާތަން މިހާރު ފެންނަމުން ދަނީއެވެ.

މިކަން ހުއްޓުވައި، އިސްލާން ދީން ރައްކާކުރަން އަޅުގަނޑުމެން ބޭނުން ނަމަ، ދީނުގެ މި މައްސަލައާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. އިންސާނާ ގަބޫލުކުރާ ގަބޫލުކުރުންތަކަކީ ގާނޫނުތަކަކުން ރައްކާތެރިކުރެވޭނޭ ކަންކަމެއް ނޫނެވެ. ދީން ރައްކާތެރި ކުރެވޭނީ ދީނަކީ ބޭނުންތެރި އެއްޗެއްކަން އަޅުގަނޑުމެންގެ އަމަލުތަކުން ދައްކާލެވިގެންނެވެ. ދީނުގެ ޖައުހަރާއި ބޭރުފުށާއި އެއްފަދަ ކުރުމާ ދުރުވެވިގެންނެވެ. ޣާޔަތާއި މަގުސަދު، މަންޒިލާއި އެ މަންޒިލަށް ވާސިލުވާން އޮންނަ ވަސީލަތް، ދަރުކުރަން އޮންނަ މަގު، އެއީ އެކައްޗަކަށް ހަދާލުމުން ދުރުވެގެންނެވެ. ހަރާމުގެ ދާއިރާ، ފުޅާ ނުކުރުމަށް ދީނުގައި އިރުޝާދު ދެވިފައި އޮތް އިރުވެސް، އެދާއިރާ ފުޅާކޮށް، އެކަމުގެ ސަބަބުން، އިންސާނީ އިބްދާއީ ބާރުތައް ހެޔޮ ގޮތުގައި ބޭުނުން ކުރުމަށް ހުރަސް އެޅުމާއި ދުރުވެވިގެންނެވެ.

އާދެ، މި މައްސަލަތައް އިތުރަށް ތަފްސީލުކޮށްލަން ޖެހެއެވެ. މި ޚުތޫރަތްތެރި މައްސަލައާ މެދު، އިސްލާމް ދީން ހިމާޔަތްކުރުމުގެ މައްސަލައާ މެދު، ފުންކޮށް ވިސްނުމަށްޓަކައެވެ. މިމަސައްކަތް ނުކޮށްފި ނަމަ، އިހުގައި އަޅުގަނޑުމެންގެ ތެރޭގައި ބުދު ދީނުގެ ބޭނުންތެރިކަން ނެތިދިޔަ ފަދައިން، އާންމުންގެ ކުރިމަތީގައި އިސްލާމް ދީނުގެ ބޭނުންތެރިކަން ވެސް ނެތި، އިސްލާމް ދީން އަޅުގަނޑުމެންގެ ތެރެއިން އުވިގެން ދިޔުމުގެ ބިރު އެބަ އޮތެވެ. ކުރިއަށް އޮތީ ރޯދަމަހެވެ. އިސްލާމް ދީން އެ މައްސަރެއްގައި އުފަންވި މަހެވެ. މި މައްސަލައާ މެދު ފުންކޮށް ވިސްނައި ބަހުސްކުރުމަށް ވަރަށް ވެސް މުނާސިބު މައްސަރެކެވެ. އިރާދަކުރެއްވިއްޔާ، ރޯދަ މަހު، މިކަމުގެ ތަފްސީލީ ވާހަކަތަކެއް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. އިސްލާމީ ތަޖުދީދުގެ މައުޟޫއުގެ ދަށުންނެވެ.

  • ނޯޓު: މަތީގައި އެވަނީ އިސްލާމީ އުއްމަތުގެ ހާލަތު ރަމްޒުކޮށްދޭ ތަސްވީރެއް. އިސްލާމީ މުޖުތަމައުތައް އަދު ވެފައި އޮތީ ތަޅާ ފޮޅުމާއި ހަނގުރާމައިގެ މުޖުތަމައުތަކެއްގެ ގޮތުގައެވެ. މުގައްދަސު ތަންތަނުގެ މުގައްދަސުކަން ވެސް ކެނޑިފައެވެ. ސިޔާސީ ހަމަޖެހުމެއް ނެތެވެ. އިޖުތަމާއީ ފޭރާން އޮތީ ވީދިފައެވެ. ތައުލީމީ މައިދާނުގައި އެންމެ ފުލުގައި އޮތީ އިސްލާމީ މުޖުތަމައުތަކެވެ. މިފަދަ ހާލަތެއްގައި ކަންތައް އޮތުމުން، އެއްބަޔަކު މިހުރިހާ ކަމެއް ގުޅުވާލަނީ އިސްލާމް ދީނާއެވެ. ދީނުގެ މީހުންނަށް މިކަންކަން ހައްލުކުރާނީ ކިހިނެއް ކަމުގެ، އެކަށޭނަ، މަގެއް އަދި ބުނެއެއް ނުދެވެއެވެ!
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *