Support Us

ނަހްޟާ ޑޭމް

އިތިޔޯޕިޔާއިން ޑޭމަށް ފެން ފުރަން ފެށުމުން ހަނގުރާމައެއްގެ ބިރު ބޮޑުވެއްޖެ

އިތިޔޯޕިޔާގައި ހަދައިފައިވާ ނަހްޟާ ޑޭމަށް ފެންއަޅައި ދެވަނަ ފަހަރަށް ފުރުމާ ބެހޭގޮތުން އެޑިސް އަބާބާއިން ޤާހިރާއަށާއި ޚުރްޠޫމަށް ރަސްމީ ސިޓީއެއް ފޮނުވައިފިއެވެ. މިއީ މީގެ ކުރިން އެޑިސްއަބާބާއިން ކޮށްފައިވާ ކަމެއް ނޫނެވެ. އިތިޔޯޕިޔާއިން މި ޑޭމް މިދިޔަ އޮކްޓޫބަރު މަހު ފުރަތަމަ ފަހަރަށް ފުރިއިރު އެޑިސްއަބާބާއިން މިޞްރަށްވެސް އަދި ސޫދާނަށް ވެސް އެއްވެސް ކަހަލަ އިޝާރަތެއް ކޮށްލައިފައެއް ނުވެއެވެ. މިޞްރާއި ސޫދާނުން ވަނީ އިތިޔޯޕިޔާގެ ސިޓީއަށާއި އެދުމަށް ނޫނެކޭ ބުނެ ރައްދު ދީފައެވެ. މި ސިޓީގައި އިތިޔޯޕިޔާއިން މިޞްރަށާއި ސޫދާނަށް ގޮވާލައިފައި ވަނީ ޑޭމް ދެވަނަ ފަހަރަށް ފުރާލުމުގެ ކުރިން މަޢުލޫމާތު ބަދަލުކުރުމަށް ޓަކައި ކުންފުނިތަކެއް އުފެއްދުމަށެވެ. އިތިޔޯޕިޔާގެ މި ސިޓި އެ ޤައުމުގެ އިރިގޭޝަން މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޞަފްޙާގައި ވަނީ ޝާއިޢުކޮށްފައެވެ.

އިތިޔޯޕިޔާގެ އިރިގޭޝަން ވަޒީރު މިމަހުގެ 10 ވަނަ ދުވަހު މިޞްރާއި ސޫދާނުގެ އިރިގޭޝަން ވަޒީރުންނަށް މި ކަމާ ބެހޭގޮތުން ފޮނުއްވި ސިޓީފުޅުގައި މަޢުލޫމާތު ބަދަލު ކުރުމަށް ޓަކައި ޑޭމާ ބެހޭ ކުންފުނިތަކެއް އުފެއްދުމަށް ހުށައަޅުއްވާފައިވެއެވެ. މިޞްރުން މި ހުށައެޅުމަށް ނޫނެކޭ ބުނަމުން ބުނިގޮތުގައި މިއީ ޑޭމް ދެވަނަ ފަހަރަށް ފުރައިލުމަށް ޓަކައި "މޫނުމަތީގައި އަޅުވާ އަނދުނެކެވެ."

މިޞްރުން މިކަމަށް ނޫނެކޭ ބުނެފައިވަނީ މިޞްރުގެ އިރިގޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. މިޞްރުގެ ބަޔާނުގައި އައިސްފައި ވެއެވެ. "އިތިޔޯޕިޔާއިން އެކަނިމާއެކަނި އަޅާ ކޮންމެ ފިޔަވަޅަކާ މިޞްރު ދެކޮޅު ހަދާނެއެވެ. ކަން އޮތް ގޮތް މިޞްރުގެ މައްޗަށް ލާޒިމު ކުރުމަށް ޓަކައި އިތިޔޯޕިޔާއިން ކުރާ މަސައްކަތްތައް ބޭނުންވާ ސިޔާސީ އަދި ފަންނީ އެއްވެސް އެއްބާރުލުމެއް މިޞްރަކުން ނުލިބޭނެއެވެ. މިޞްރުން ބުނިގޮތުގައި އެއީ މިޞްރު ލައްވާ އާއެކޭ ބުނުވަން ކުރަމުންދާ ވަރަށް ހާމަކަން ބޮޑު މަސައްކަތެކެވެ.

ސޫދާނުގެ ވަގުތީ ރައީސް ބުރްހާނާއި މިޞްރުގެ ރައީސް ސީސީ

ސޫދާނުން ވެސް އިތިޔޯޕިޔާގެ ބަޔާނަށް ވަނީ ނޫނެކޭ ބުނެ ރައްދު ދީފައެވެ. ސޫދާނުން ބުނާގޮތުގައި އެޑިސްއަބާބާއިން ފޮނުވި މި ސިޓީ ޚުރްޠޫމަށް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އެއްމިލިއަން ކޮޑިމީޓަރުގެ ފެން ޑޭމަށް އެޅުމުގެ މަސައްކަތް އިތިޔޯޕިޔާއިން ފަށާނެއެވެ. ސޫދާނުން ބުނާގޮތުގައި އެހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ރައްކައުތެރިކަމުގެ ފަންނީ ފިޔަވަޅުތަކެއް ނޭޅޭނެއެވެ. ސޫދާނުން ބުނިގޮތުގައި ޑޭމް ފުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިސްއަބާބާއިން ކުރިން ބުނެފައިވަނީ މި އަންނަ ޖުލައިމަހުގައެވެ. މޭމަހުގެ ތެރޭގައި މި މަސައްކަތް ކުރުމުން  ސޫދާނުގައި ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ބުރޫއަރާނެއެވެ. ސޫދާނުން ބުނިގޮތުގައި މަޢުލޫމާތު ބަދަލު ކުރުމަކީ ކުރަން ޖެހޭނެކަމެކެވެ. އެހެނަސް އެޑިސްއަބާބާއިން މިހާރު މި ހުށައަޅާ އެއްބަސްވުމަކީ "ވަރަށް ޝައްކުކަން" ބޮޑު ހުށައެޅުމެކެވެ. މިޞްރާއި ސޫދާނުން ބުނާގޮތުގައި ޑޭމާ ބެހޭގޮތުން އެއްބަސްވެވޭ އެއްބަސްވުން ވާންޖެހޭނީ ޤާނޫނީގޮތުން އެއަށް ޢަމަލު ކުރުން ލާޒިމު ކުރާ އެއްބަސްވުމަކަށެވެ.

އިތިޔޯޕިޔާގެ ގަސްތަކީ ކޮބާ؟

އިތިޔޯޕިޔާއިން މި ޑޭމް ފުރަތަމަ ފަހަރަށް ފުރާލީ މި ދިޔަ އޮކްޓޫބަރުގައެވެ. އިތިޔޯޕިޔާގެ ރައީސް އާބީ އަޙްމަދު އެފްރިކާގެ އިއްތިޙާދުގެ ރިޢާޔަތުގެ ދަށުގައި ބޭއްވުނު ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި އެކަން ކުރައްވަން ޖެހިވަޑައިގަތީ ވިއްސާރަ މޫސުމުގައި މާބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ. އެހެނަސް މިޞްރުން ބުނާގޮތުގައި ހެދި ހަނދުތަކުގެ ފޮޓޯތައް ދައްކާގޮތުގައި އެ ވަރަށް ވާރޭވެހިފައެއް ނުވެއެވެ. މި ޑޭމާ ބެހޭގޮތުން މިޞްރާއި ސޫދާނާއި އިތިޔޯޕިޔާއާ ދެމެދުގައި ބޭއްވުނު ވާހަކަދެއްކުންތައް ވަނީ ބަންދުވެފައިވާ މަގެއްމަތީގައި ތާށިވެފައެވެ. މިޞްރުގެ ރައީސް ސީސީ ވަރަށް ފަހުން ދެއްވި ނޫސް ބަޔާނެއްގައި އިންޒާރު ކުރައްވާފައިވާ ގޮތުގައި ނީލަކޯރުގެ ފެނަކީ ރަތް ރޮނގުކަން ހަނދާން ކުރަން ވާނެއެވެ. ސޫދާނާއި މިޞްރުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި މަސައަލައިގައި "ހުރިހާ ޚިޔާރުތަކެއް" އެބަ އޮތެވެ. ބައެއް ނޫސްވެރީން ވިދާޅުވާ ގޮތުގައި ހުރިހާ ޚިޔާރުތަކެއްގައި ހަނގުރާމަވެސް އެބައޮތެވެ.

ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކާއި އިތިޔޯޕިޔާގެ ބޮޑުވަޒީރު

މި މަސްއަލައިގައި މިޞްރަށް ތާއީދު ހޯދުމަށް ޓަކައި ނީލަކޯރުގެ ޤައުމުތަކާއެކު މަޝްވަރާތައް ކުރަމުންދާ ތަން ފެނެއެވެ. މިޞްރުގެ ސިފައިންގެ ޢަސްކަރިއްޔާގެ ތަރްޖަމާނު ކާރނަލް ތާމިރުއް ރިފާޢީ ހާމަކުރެއްވި ގޮތުގައި މި ދުވަސްވަރު މިޞްރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ބުރުންޑީގެ ވަޠަނީ ދިފާޢީ ބާރުގެ ވެރިޔާ ބްރީމް ނިޔޫންގާބޯއާ މިޞްރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ފަރީދު ބައްދަލުކުރެއްވި ކުރެއްވުމުގައި މި ޑޭމްގެ މަސްއަލައާމެދު ބަހުސް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ތާނގައި ޢަސްކަރީ މައިދާނުގައި އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ވަރުގަދަ ކުރެވޭނެ ކަމަށް ތަރްޖަމާނު ވިދާޅުވިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ޔޭގެންޑައާ މިޞްރާ ދެމެދުގައި ވެސް ޢަސްކަރީ މައިދާނުގައި އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ.

މީގެ އިތުރަށް މި މަހު 4 ގައި މިޞްރާއި ސޫދާނު ސިފައިންގެ ޢަސްކަރީ ތަމްރީނުތަކެއް ވަނީ ބާއްވައިފައެވެ. އެއީ ނުސޫރުއް ނީލް 2 (ނީލަކޯރުގެ ބާޒުން 2) ގެ ނަމުގައި ބޭއްވުނު ޢަސްކަރީ ތަމްރީނުތަކެކެވެ.

ނީލަކޯރުގެ ފެނާ ބެހޭ 11 ޤައުމެއް ވެއެވެ. އެއީ އެރީތުރިޔާއާއި ޔޫގެންޑާއާއި އިތިޔޯޕިޔާއާއި ދެކުނު ސޫދާނާއި ޑިމޮކްރެޓިކް ކޮންގޯއާއި ބުރުންޑީއާއި ޓެންޒާނިޔާއާއި ކީނިޔާއާއި މިޞްރާއި ސޫދާނެވެ.

ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުކުރުން

އެންމެންވެސް ދެކޭގޮތުގައި މިޞްރުގެ ޢަސްކަރީ ޙަރަކާތްތަކުން ހަނގުރާމައެއް ފެށިދާނެ ކަމަކަށް ނުފެނެއެވެ. އެހެނަސް މިއީ މިޞްރުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ފޮނުވާ ސަމާލުކަމުގެ އިޝާރާތްތަކެކެވެ. މި އިޝާރާތްތަކުގެ ބޭނުމަކީ އިތިޔޯޕިޔާއަށް ފިއްތުންތައް އިތުރުކުރުމެވެ. އަދި ޤާނޫނީ ގޮތުން ކަންތައްތަކެއް ލާޒިމު ކުރާ އެއްބަސްވުމަކާ ހަމައަށް ދިޔުމެވެ. ފެނާއި ޑޭމާބެހޭ މިޞްރުގެ ތަޖްރިބާކާރެއް ކަމުގައިވާ ޑރ. އަޙްމަދުލް މުފްތީ ވިދާޅުވާ ގޮތުގައި  މިޞްރާއި ސޫދާނުން ޙަރަކާތްތެރިވެގެން މެނުވީ ބައިނަލްއަޤްވާމީ ފިއްތުންތައް އިތިޔޯޕިޔާގެ މައްޗަށް އިތުރެއްނުވާނެއެވެ. އިތިޔޯޕިޔާއިން އެކަނި އެދޭގޮތަށް ނަހްޟާ ޑޭމް ދެވަނަ ފަހަރަށް ފުރަން ދޫކޮށްލައިގެން ނުވާނެއެވެ.

މިޞްރުގެ އިރިގޭޝަން ވަޒީރު މުޙައްމަދު ޢަބްދުލް ޢާޠީ ހާމަކުރެއްވި ގޮތުގައި މިޞްރުން މިހާރު ވަނީ ޑޭމުގެ މަސްއަލައާ ބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައެވެ. އޭނާ މި ބަޔާން ދެއްވީ އެމްބީސީ މިޞްރު ޓީވީއަށެވެ. އޭނާވެސް ސިފަ ކުރެއްވި ގޮތުގައި އިތިޔޯޕިޔާއިން މިޞްރަށާއި ސޫދާނަށް ފޮނުވި ދަޢުވަތަކީ "އޮޅުވައިލުމުގެ" ދަޢުވަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *