Support Us

ހެޔޮނުވާނޭ ހަނދާން ނެތިކުރަން

ރާގު: ކަރުޗަލޭ ހަމްފިޒާ

މަރުގެ ޤާނޫނު ތަންދޭނެހޭ ލަސްކުރަން
މަރުމަތީން ހެޔޮނުވާނޭ ހަނދާންނެތި ކުރަން

ދުނިޔެއަށް އައިގޮތާ ދުނިޔެއިން ދާގޮތާ
ދުނިޔެ ދައްކާ މޮޅާ އޭގެ އިދިކޮޅު ގޮތާ
މުނިއަވަސް ފިލުވުމަށް މިހިރަ އުޅެވޭ ގޮތާ
ދުނިޔެއިން ހެޔޮނުވާނޭ ހަނދާންނެތި ކުރަން

ތަޚުތުގައި ވެޑުވުމުން ލިބިވަޑައިގެން ލަގަން
މަޚުމަލީ ދޫލައިން މަރުޙަބާ އަޑުއަހަން
އަޚުތަކުން ތިއްބަވާ ހިނދު ތިމާވަންތަކަން
ފަޚުރުގައި ހެޔޮނުވާނޭ ހަނދާންނެތި ކުރަން

ޖާހު މަތިވެރިވަމުން އައި ޤަދަރު އުފުލެމުން
އާހުގައި ނަން ރަނުން ލިޔެވެމުން ދިއްލެމުން
ދާނެކަން މާދަމާ ފަނޑުވަމުން ގެއްލެމުން
ސާބުން ހެޔޮނުވާނޭ ހަނދާން ނެތިކުރަން

މިކަމުގައި ނެތް ތަފާތެއް ދޮނެއް އަދި ކަޅެއް
ބިކަހިނގާ ދެރަ ފަކީރެއް ރަހެއް ވަކި މޮޅެއް
ނިކަމެތީންނާ ބޮޑުން ފަރަގުވާ ކަންފުޅެއް
މިކަމަކުން ހެޔޮނުވާނޭ ހަނދާން ނެތިކުރަން

ވަޤުތު ކަނޑައެޅި އޮތަސް ވަޤުތު ނޭނގޭ ކަމެއް
ހަގުދޮށީން މިން އަޅައިގެން ބެލެން ނެތް ކަމެއް
ވަޤުތު ޖެހުމުން ނުވޭ އުނި އިތުރު އެއް ކަމެއް
މަގުމިދާ ހެޔޮނުވާނޭ ހަނދާން ނެތިކުރަން

ހެޔޮމަގުންނޭ ފޮނުއްވީ ޢަމަލު ހެޔޮ ކުރަން
ހެޔޮވެދާނޭތަ ޢަމަލުން ޙަޔާތް ހަޑިކުރަން
ހެޔޮ ނުބައި ފެންނަ ދަތުރަށް ޖެހޭ އެބަ ފުރަން
ހެޔޮ ބަނދަރު ހެޔޮނުވާނޭ ހަނދާން ނެތިކުރަން

ކާފަޔާ މާމަޔާ ނިކުމެގެން ދިޔަ މަގުން
ދާފަހުން ބައްޕަޔާ މަންމަ ނިމިދާ ކަމުން
މާދަމާ ޝައްކުވޭހޭ ތިމާ ނިމިދިއުން
ދާނެކަން ހެޔޮނުވާނޭ ހަނދާން ނެތިކުރަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *