އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ އިންޒާރުތަކާއެކު ރޫސީވިލާތުން ޔުކްރޭނިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޢަސްކަރީ ބާރުތައް އެއްކޮށް ރުކުރުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް ޚަބަރު ފަތުރާ ބޮޑެތި ވަސީލަތްތަކުން ބުނެފިއެވެ. މޮސްކޯގެ ނިޔަތާމެދު ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު އަނެއްކޮޅުން ރޫސީ ވިލާތުގެ އިސް މަސްއޫލުވެރީންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ޔުކްރޭނިއާއާއި ހުޅަނގާ ދެކޮޅަށް ބަހުގެ ޙަމަލާތައް ވެސް އިތުރުކުރަމުންދާތަން ފެނެއެވެ.
މީސްމީޑިއާގައި ފެތުރެމުންދާ ވީޑިއޯ ކްލިޕުތަކުން ފެންނަ ގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް އަންނަމުންދަނީ ސައިބީރިއާ ފަދަ ވަރަށް ދުރު ހިސާބުތަކުންނެވެ. އެމެރިކާގެ "ފޮރިން ޕޮލިސީ" މަޖައްލާ ބުނާގޮތުގައި ރޫސީ ސިފައިން ޖަމާވަމުން ދަނީ ޔުކްރޭނިޔާ ސަރަޙައްދާ 155 މޭލު ދުރުގައި އޮންނަ ފޯރޯނީޖް ސަހަރަށެވެ. އެހެންކަމުން މިއީ ކުއްލިއަކަށް ޙަމަލާއެއް ދިނުމުގެ ނިޔަތުގައި މޮސްކޯއިން ކުރަމުންދާ ކަމަކަށް ނުބެލެވޭނެއެވެ. އެހެނަސް އެއީ ނުތަނަވަސްކަން އުފެއްދުމުގެ ވަސީލަތަކަށް ވެދާނެއެވެ.
ރޫސީން ޔުކްރޭނިޔާއަށް ޙަމަލާއެއް ދީފާނެބާ!
ފޮރިން ޕޮލިސީ މަޖައްލާގެ މި ރިޕޯޓް ބުނާގޮތުގައި ރޫސީވިލާތުގެ ސިފައިން ހުޅަނގާއި ދެކުނު ސަރަޙައްދުތަކުން ޙަރަކާތްތެރިވާ ގޮތަށް ބަލާއިރު މިއީ ޢަސްކަރީ މުނާވަރާއެކޭ ނުބުނެވޭނެއެވެ. މި މަޖައްލާގެ މުޙައްލިލެއް ކަމުގައިވާ މިޚާއީލޯފް ވިދާޅުވާ ގޮތުގައި ފޯރޯނީޖް ސަހަރު ކައިރިއަށް އެއްކުރަމުންދާ ރޫސީ ޢަސްކަރީ ބާރުތަކާމެދު ވިސްނައިލުމުން އެނގެނީ މިއީ ޙަމަލާއަކަށް ވަމުންދާ ތައްޔާރީއެކެވެ. މިއީ ޑޮނިޗިކް އާއި ލޮހާންސިކް ފަދަ ޔުކްރޭނިޔާގެ ބާރުގެ ދަށުން ވަކިވެގަންފައިވާ ސަރަޙައްދެއް ނޫނެވެ.
ރޫސީ ސިފައިންގެ މި ޖަމާވުމާއެކު ރޫސީ މަސްއޫލުވެރީން އިންޒާރުތައް ދެއްވަމުން ގެންދަވާ ތަން ވެސް ފެނެއެވެ. ކްރެމްލިންގެ އިސް މސްއޫލުވެރިއެއް ކަމުގައިވާ ޑިމިޓްރީ ކޮޒާކު މި މަހުގެ އަށް ވަނަ ދުވަހު ވިދާޅުވި ގޮތުގައި "މިއީ ޔުކްރޭނިޔާގެ ނިމުމުގެ ފެށުމެވެ." ރަޝާއިން ސިފަކުރަމުންދާ ގޮތުގައި ޔުކްރޭނިޔާއަކީ ޢަދާވަތްތެރި ޤައުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޤައުމުގެ ރޫސީ ވަޒަންވެރިން ނައްތައިލުމަށް މަސައްކަތެއް ނުކުރެވޭނެއެވެ. ކެރެމްލިންގެ މީޑިއާ ސެކްރެޓަރީ ޑިމިޓްރީ ބިސްކޯފް ވިދާޅުވިގޮތުގައި "ސަރްބަނިޓްޝާ ފަދަ އިންސާނީ ކާރިސާއެއް" ހިނގުމުގެ ކުރިން މޮސްކޯއަށް އެކަމުގެ ތެރެއަށް ވަންނަން މަޖްބޫރުވާނެއެވެ. އޭނާ މި އިޝާރަތް ކުރެއްވީ 1995ގައި ސަރބުން އަށެއްކަ ހާސް މުސްލިމުން މަރައިލި ޙާދިސާއަށެވެ.
ވައިޓްހައުސްގެ މީޑިއާ ސެކްރަޓަރީ ޖީން ޕަސްކީ ހާމަކުރެއްވި ގޮތުގައި އެ ސަރަޙައްދުގައި "ރޫސީންގެ ޢުދްވާނީ ޙަމަލާތައް" އިތުރުވަމުންދާ ދިޔުމަކީ އެކަމާމެދު އެމެރިކާ "ވަރަށް ކަންބޮޑުވާ ކަމެކެވެ." މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޖަރްމަނުގެ ޚާރިޖީ ވަޒީރު ހީކޯ މާސް އާ ގުޅުއްވާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި "ރޫސީވިލާތުގެ ޖެއްސުންކުރުންތަކާ ދެކޮޅަށް ޔުކްރޭނިޔާއާއެކު އަޅުގަނޑުމެން ތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ." ރަޝިޔާ- ޔުކްރޭނިޔާ މަސްއަލައިގައި ހުޅަނގުގެ ޒަޢީމުން ކަންބޮޑުވެ ވަޑައިގެންފައިވާ މިންވަރު މި ކަމުން އެނގެއެވެ. މި ދިޔަ ބުރާސްފަތި ދުވަހު ސީއެންއެން ބުނެފައިވާގޮތުގައި ޔުކްރޭނިޔާއަށް ތާއީދު ކުރާކަން ދެއްކުމަށް ޓަކައި ކަޅު ކަނޑަށް އެމެރިކާގެ މަނަވަރުތަކެއް ފޮނުވުމާމެދު ވޮޝިންގްޓަނުން ދަނީ ވިސްނަމުންނެވެ. ހުކުރު ދުވަހު ތުރްކީގެ އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި ދަރްދަނީލާއި ޕެސްފޯރ ކަނޑު އޮޅީގައި އޮތް އެމެރިކާގެ ދެ މަނަވަރެއް ކަޅު ކަނޑަށް ފޮނުވާކަން ވަނީ އަންކަރާއަށް އަންގައިފައެވެ. އަދި 1936ވަނަ އަހަރުގެ މޮންޓްރޯ އެއްބަސްވުން ބުނާގޮތުގައި ދަރްދަނީލް ކަނޑުއޮޅިން ނުވަތަ ޕެސްފޯރު ކަނޑު އޮޅިން ކަޅުކަނޑަށް އުޅަނދަކަށް ދެވޭނީ 15 ދުވަސް ކުރިން އެކަން އަންކަރާއަށް އަންގައިފައެވެ. މި ދެ ކަނޑުއޮޅި ބެލެހެއްޓުމަކީ ތުރްކީގެ ޙައްޤެކެވެ.

ރޫސީން އަޖުމަ ބަލަނީ ބައިޑްން
ޔުކްރޭނިޔާއާ ބެހޭ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ޑޮންބާސް ސަރަޙައްދު ނުތަނަވަސްކޮށްގެން މޮސްކޯއިން ބޭނުން ވަނީ ހުޅަނގަށް ފިއްތުންތަކެއް ކުރިމަތިކުރާށެވެ. އެއީ އެމެރިކާއިން ޔުކްރޭނިޔާއަށް ތާއީދު ކުރާ މިންވަރު ބެލުމަށެވެ. ރޫސީ ވިލާތުގެ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި "މިންސްކް" އެއްބަސްވުމާ ޔުކްރޭނިޔާއިން ވަނީ ޚިލާފުވެފައެވެ. އެހެންކަމުން އެ ސަރަޙައްދަށް ޢަސްކަރީ ބާރުތައް ފޮނުވުމުގެ ޙައްޤު މޮސްކޯއަށް ލިބިގެން ވެއެވެ. ނަމަވެސް ބައެއް މުޙައްލިލުން ވިދާޅުވާ ގޮތުގައި ކުރިމަތިލުމެއް މާ އަވަހަކަށް ހިނގައިފާނެ ކަމަކަށް ނުބެލެވެއެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި ރަޝިޔާއިން ޙާލަތު ހޫނު ކުރަމުންދަނީ ޑޮންބާސް މަސްއަލަ ޙައްލު ކުރުމަށް ޓަކައި މޭޒު ދޮށަށްދާއިރު މޮސްކޯގެ އަތަށް ބާރު ގަދަ ކުރުމަށެވެ.
ރަޝިޔާއިން މި ކުރަނީ ނަފްސާނީ ހަނގުރާމައެއް
ލަޝްކަރާ ބެހޭ ދިރާސާތައް ކުރާ ޔުކްރޭނިޔާގެ މަރްކަޒުގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ބައިގެ ޑެޕިޔުޓީ ޑިރެކްޓަރު ސާމޯސް ވިދާޅުވާގޮތުގައި ޔުކްރޭނިޔާގެ ސަރަޙައްދާ ކައިރީގައި ރޫސީ ސިފައިން ޙަރަކާތްތެރިވާ ޙަރަކާތްތެރިވުމަކީ "މަޢުލޫމާތީ އަދި ނަފްސާނީ ހަނގުރާމަ" އެކެވެ. މޮސްކޯގެ އަމާޒަކީ ޔުކްރޭނިޔާއަށާއި ފަރަންސޭސިވިލާތަށާއި ޖަރްމަނަށާއި އެމެރިކާއަށް ފިއްތުމެވެ. މިކަމުގެ ބޭނުމަކީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޭރުގެ ވިޔަފާރީގެ މަސްއަލަތަކުގައި ދޫދިނުންތައް ހޯދުމެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމުގެ ދެވަނަ އަމާޒަކީ ރޫސީވިލާތުގައި ބޭއްވޭ ބަރްލަމާނީ އިންތިޚާބުގައި ރައީސް ޕޫޓިންގެ ޕާޓީއަށް ވޯޓުތައް ޖަމާކުރުމެވެ.
މޮސްކޯ ދެ އަތް އުރާލައިގެން ނޯންނާނެ
ރޫސީވިލާތުގެ ޢަސްކަރީ ތަޖްރިބާކާރެއް ކަމުގައިވާ ވިކްޓަރ ލިޓޯވްކީން ވިދާޅުވާގޮތުގައި މޮސްކޯއިން އަޅަމުންދާ ފިޔަވަޅުތަކުން އެނގެނީ ޑޮންބާސްގެ މަސްއަލައިގައި ވޮޝިންގްޓަނުން ޔުކްރޭނިޔާއަށް ތާއީދު ކުރާނެ ކަމަށް ބުނަމުންދާތީ އެކަމުގައި މޮސްކޯ ދެ އަތް އުރާލައިގެން ނޯންނާނެކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮންބާސްގެ ގިނަ ރައްޔިތުންނަކީ ރޫސީންނެވެ. އެހެންކަމުން ރަޝިޔާގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި މޮސްކޯއަށް ފިޔަވަޅު އެޅުމުގެ ޙައްޤު އޮންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށްވުރެ ބޮޑަށް މޮސްކޯއިން އިސްކަންދޭނީ ރަޝިޔާގެ ރައްޔިތުންގެ ޙައްޤުތަކަށެވެ. ރަޝިޔާގެ މި ތަޖްރިބާކާރު ވިދާޅުވި ގޮތުގައި ޞުލްޙަވެރި ވަސީލަތްތަކުން މަސްއަލަ ޙައްލު ކުރެވިދާނެއެވެ. މިންސްކް އެއްބަސްވުމުގައި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ޔުކްރޭނިޔާއަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ސާފެވެ. އެހެނެއް ކަމަކު ޔުކްރޭނިޔާއިން މި ފިޔަވަޅުތައް އަޅާކަށް ބޭނުމެއް ނުވެއެވެ.
7 އަހަރުވީ މަސްއަލައެއް
ޑޮންބާސްގެ މަސްއަލައަކީ 2014ވަނަ އަހަރު އުފެދުނު މަސްއަލައެކެވެ. މި މަސްއަލަ ފެށުނީ ޑޮންބާސް ރައްޔިތުން ޔުކްރޭނިޔާއިން ވަކިވެ މިނިވަންކަން އިޢުލާން ކުރުމުންނެވެ.
މި މަސައްލައިގައި ޔުކްރޭނިޔާ ސިފައިންނާ ޑޮންބާސް ރައްޔިތުންނާ ދެމެދުގައި ހިނގި ހަނގުރާމަތަކުގައި 13 ވަރަކަށް ހާސް މީހުން މަރުވެފައި ވެއެވެ. މި މަސްއަލައާ ބެހޭގޮތުން ބިލޯރޫސްގައި ބެއްވުނު ވާހަކަދެއްކުންތަކުގެ ސަބަބުން 2015ގައި ހަނގުރާމަ ހުއްޓުނު ނަމަވެސް މި އެއްބަސްވުމާ އެއްގޮތަށް ޔުކްރޭނިޔާއިން ޢަމަލުކޮށްފައިވާ ތަނެއް ނުފެނެއެވެ. މި އެއްބަސްވުން ބުނާގޮތުން ޔުކްރޭނިޔާ ސިފައިންނާއި އެ ޤައުމުގެ ބަރު ހަތިޔާރުތައް ޑޮންބާސް ސަރަޙައްދުން ފައިބަން ޖެހޭނެއެވެ.



advertisment