ހިޖުރީ ސަނަތުން ދެވަނަ ގަރުނުގެ އިލްމުވެރިއެއް އަދި ނަން މަޝްހޫރު ސޫފީ ބޭކަލެއް ކަމުގައިވާ އިބްރާހީމު ބިން އަދުހަމު ކަނޑުދަތުރެއް ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ކަނޑު ގަދަވިއެވެ. ވައި ގަދަވެ، ރާޅު ބޮޑުވިއެވެ. ވިދާ ގުގުރައި ވާރޭ ވެސް ވެހެން ފެށިއެވެ. އަދި، އިބުރާހީމު ބިން އަދުހަމު ވެސް އިންނެވި ނައުކޮޅު ރާޅުތަކުގެ ތެރޭގައި ތެޅުވި، ނައުގެ މީހުންގެ ހިތަށް ބިރުވެތިކަން އައިސް ރޯން ފެށިއެވެ. ނަމަވެސް، އިބުރާހީމު ހަމަޖެހިއްލައްވައިގެން މަޑުން އަޅުކަމައިގެން މަޝްޣޫލުވެ އިންނެވިއެވެ. އަދި އެހެން އިންނަވައި މި ދުއާ ކުރައްވަމުން ގެންދެވިއެވެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ބާރުގެ ގަދަފަދަކަން އަޅަމެންނަށް ދައްކަވައިފީމުއެވެ. ހަމަ އެފަދައިން، އަޅަމެންނަށް، އިބަ ރަސްކަލާނގެ ތަނަވަސް ރަހުމަތްފުޅު ދައްކަވާނދޭވެ!
އިބުރާހީމު ބިން އަދުހަމު މި ގޮތުގައި ދުއާކުރެއްވުމުގައި ސާބިތުވެ އިންނެވިއެވެ. ދެން، މާގިނަ އިރުތަކެއް ނުވަނީސް، ވިއްސާރަ ހުއްޓައިލިއެވެ. ވައި މަޑުވެ، ކަނޑުގެ ރާޅުތައް ވެސް ހިނދުނެވެ. އަދި، ސަލާމަތުން، އައްސޭރިއަށް ނަވަށް ދެވުނެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގެ ނަވަށް ވެސް، ދޭތެރެ ދޭތެރެއިން ލޮޅުން އަރާ ގޮތް ދިމާވެއެވެ. އެ ފަދަ ވަގުތުތަކުގައި އިބުރާހީމު ބިން އަދުހަމަކަށް އަޅުގަނޑުމެން ވެސް ބޭނުންވެއެވެ. ހަމަޖެހިގެން ނަވުގެ ކަންކަމާ މެދު ވިސްނައި، ސަލާމަތުގެ އައްސޭރިއަށް ނައު ގެންގޮސްދޭނޭ އިބުރާހިމު ބިން އަދުހަމަކަށެވެ.
އިބުރާހިމު ބިން އަދުހަމުގެ ނަވަށް ލޮޅުން އެރި ފަދައިން، އަޅުގަނޑުމެންގެ މުޖުތަމައުގެ ނަވަށް ވެސް ލޮޅުން އެރުމަށް، ސޫފިޔަނާ ނަޒަރަކުން ބަލާއިރު، އިލާހީ ހިކުމަތެއް އޮވެއެވެ. ނިދިފައި ތިބި ބައެއް ހޭލައްވާލުމެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ދަތުރުކުރަމުންދާ ބަޔަކަށް އެކަން އަންގައިލުމެވެ. ދާންވީ މަގު ގެއްލިފައިވާ ބަޔަކަށް މަގު ދައްކައިދިނުމެވެ.
ޝައްކެއް ނެތްގޮތުގައި މުޖުތަމައުގެ ނަަވަށް ލޮޅުން އަރަނީ މިފަދަ ކޮންމެ ވެސް އިލާހީ ހިކުމަތެއް އޮވެގެންނެވެ. އަދި، އެކަމަށް ނިމުން އަންނަނީވެސް އިލާހީ ރަހުމަތުގެ ސަބަބުންނެވެ. އެ ލޮޅުން އެރުމުގެ ހިކުމަތް ދެނެގަނެ، ނަައު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެވުމުންނެވެ.
މުޖުތަމައުގެ ނަވަށް ލޮޅުން އެރުމާއި އަދި އެކަން ހުއްޓި ހަމަހިމޭންވެ، ނިޔާމަކަމާއެކު ދަތުރުކުރުމާ ދޭތެރޭ އެތައް ކަމެއް ފެނިގެން ދެއެވެ. ހިތްތައް އިމްތިހާނުވެގެން ދިޔުމެވެ. ހިތްތަކުގެ ހަގީގަތް ފާޅުވެގެން ދިޔުމެވެ. ހެޔޮ އަތަށް ލެނބުމުގެ ގާބިލުކަން ހުރި ހިތްތަކީ ކޮބައިކަމެވެ. އެ ހިތްތަކުގެ އެހީގައި ނަޔާ ޖީލެއް ނިކުތުމެވެ. އަދި، ހަމަ އެހެންމެ، ދެފުށް ދެގޮތް އިންތިހާޒީ މުނާފިގުން ވެސް ކަޝްފުވެ ހާމަވެގެން ދެއެވެ.
އެހެންވެ، އިބުރާހިމު ބިން އަދުހަމުގެ ނަވަށް ލޮޅުން އައި ވަގުތު، މާޔޫސްކަމެއް ނެތި އޭނާ ސާބިތުވެ އިންނެވިހެން، މުޖުތަމައުގެ ނަވަށް ލޮޅުން އަރާ ވަގުތު ސާބިތުވެ ތިބެން ޖެހެއެވެ. އަދި، އިބުރާހިމް ބިން އަދުހަމު ފަަދައިން، ނައު ކޮންޓުރޯލުކޮށް ހިފެހެއްޓުމަށް ޓަކައި، އެ ވަގުތު ކުރެވެން އޮތް މަސައްކަތް ކުރަން ޖެހެއެވެ. އެ ގޮތުގައި ކަންތައް ކުރެވިއްޖެ ނަމަ، އިބުރާހީމު ބިން އަދުހަމުގެ ނައުގެ އަހުލުވެރިންނަށް އިލާހީ ރަހުމަތުގެ ރަހަ ލިބުނު ފަދައިން އެހެން މީހުންނަށް ވެސް ހަމަ އެ ރަހުމަތުގެ ރަހަ ލިބި، މުޖުތަމައުގެ ނަވަށް ވެސް، މާތްރަސަކަލާނގެ އިޒުނަފުޅައިގެން، އަލުން ހިމޭންކަމާއި ސާބިތުކަން ލިބޭނެއެވެ.




advertisment