Support Us

ފުޅިބައްތި ވާހަކަ

އޮއްސުނު އިރާއެކީގައި ފުޅިބައްތިއެއްގެ އަލިކަން
މިސްކިތުތެރޭ ހިޔަނިލީ ފޮހެލާށެ އައި، އަނދިރިކަން

މަޣުރިބު، ޢިޝާ، ރަވާތިބު ފާއިތުވެގެން އެދިޔައިރު
މަގުމަގު ރަށާއި ވަލުތެރެ، އެއްވަރު އެ ރޭގެ ކަޅުކަން

ހުޅުކޮޅު ފުޅީތެރޭގައި ހީވާގިކަންމަތީގައި
ކޮޅުކޮޅަށަ ގެންނަ ޙަރަކާތް ދައްކައި އެ ކަމުގެ ބުރަކަން

މި ވަގުތު ފުޅީގެ ޒާތުން އިއްވާލި ސިއްރު ޝަކުވާ
އަވަހޭ ފުކާއި ތެޔޮފޮދު އެހިލެއް، ދެކޭށެ މޮޔަކަން

އަހަރެންގެ ޚިދުމަތުންނޭ އަލި ދުރުދުރަށް ފެތުރެނީ
އަހަރެން ނެތަމަ، މި ހުޅުކޮޅު ވާނީ އެނގޭހެ މަރުކަން

ދީފިއެ މިއަށް އިޖާބެއް އެ ވަގުތު ފުކާއި ތެޔޮ ފޮދު،
މީ ވެސް ދެ މީހުނޭ ތިބި، ނޭނގޭ ފިދާވެދާކަން

ތާރީފުތައް އޮހެންވީ ހަމަ ހުޅުކޮޅަށް އެކަނި ހޭ؟
މާރީތި ވާނެ ހެއްޔޭ ނެތް ނަމަ މި ފެންނަ ގާތްކަން

ކުޑަ ދޮރަކު ތޭރި ދެމެދުން އައިރޯޅިއެއް އެ ތަންވަޅު
ކުޑަފުމެލުމެއް އެ ފުޅިޔަށް ދިނުމުން އައޭ ހިމޭންކަން

އުރެދުނު ރަށެއްގެ މައްޗަށް، ކޯފާ މަތިން އެ އައިހެން
ހުރިހައި ހަލާކެކޭ ދެން ގެނުވީ ފަހުންވި ކަންކަން

އާޖެއްގެ އިސްކޮޅާއެކު ހަމަ އެހިނދު ސަޖިދަޔަށް އޮތް
އާދަމުގެ ދަރިޔަކީ މީ އެނގުނޭ މުސާފިރެއްކަން

އޭނާ ނަމާދު ނިންމާ ފައިބަން ހިނގައިގަތީމާ
ވީ ބައްތި ވެއްޓި ފުނޑުފުނޑު، ނިތްކުރި އެކަނި ޖެހިލިކަން

ފުއްގަނޑު އެ ފައިގެ ދަށުވީ، ތެޔޮފޮދުގެ އަޖަލު ހަމަވީ
ކުށް ވިސްނުމުގެ ނަތީޖާ ކިހިނެއް ދިނީ މި ހިތިކަން

ވާޖިބު ތިމާގެ ޚާލިޞްހިތަކުން އަދާކުރާށޭ
ދާއިމްވެ ބާއްޖަވެރި ހެޔޮ، އެންމެން ދެކޭނެ ފަހިކަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *