Support Us

ގޮނަކަށް ގޮނެއް

ދޭ އުސޫލުން ދޭ ކަމަށް ވަންޏާ ރިވެތި ގޮނަކަށް ގޮނެއް
ދޭށެ ދަރިފުޅު ދޭ ހިނދުން ދެ ކޮލަށް ހެމުން ދޮނަކަށް ދޮނެއް

ބޭނުމަކު އެ ފަހުން އަދާކުރުމަށް އަޚާއަށް ދޭ ދިނުން
ދޭ ވަރަށް އިތުރެއް ނުކޮށް ހޯދާށެ ދިން ރަނަކަށް ރަނެއް

މަޖަލަކަށް ވެސް، ގެއްލުމެއް ދޭ ފެންކުޅީގައި ހަމަ ހިލައި
ޖަދަލުކޮށްފައި ގޮސް ޖަހާކަށް ނުޖެހެޔޭ ފެނަކަށް ފެނެއް

ނަމަވިޔަސް އަނެކުންގެ ދީލަތިކަމުތެރޭން ލިބި ގޮސް ވަދައި
ދެމި ނަނެއް ކެނޑި ބުރި ވި ނަމަ ދޭންވާނެޔޭ ނަނަކަށް ނަނެއް

ހަނުލުމަށް ވަޅި ދިން ހަނެއް ތެޅިގެން ބަދަލުގައި އޮޑިހަނެއް
ގަނެ އެ ހަނު ދިނަކަސް ނުވޭ ދިންކަމަކަށެއް ހަނަކަށް ހަނެއް

ފެތުނު އޮޑިޔާ އެކު ރިޔަލު ދަށުވުން ދަރީންނޭ މާ ހެވޭ
އަތު ޖެހިއްޖެއްޔާ ކަނަކު، ފެނިދާނެޔޭ ކަނަކަށް ކަނެއް

ތަރިޔަކަށް އުޑުގައި ވިދާ، ނުގޮވާށެ އަންނާށޭ ކިޔައި،
ހުރިކަމަށް ހީކޮށް ވިދަން ބިމުގައި އެއަށް ތަނަކަށް ތަނެއް

ވާނެހޭ އިންސާފަކަށް މާވަހަރު ކަފަޔާ ކިރުމުގައި
ބާރު ހުރި އަތަކުން އެޅީތީ ބައި ހަމަވެ މަނަކަށް މަނެއް

ހަރުފައެއް ނަށްޓާންވެގެން ޖާހިލަކު ނަށަމުން ފުމުނަކަސް،
ހަރުދަނާ މާތް މުއުމިނަކު ނުފުމޭނެޔޭ އޮނަކަށް އޮނެއް

ބުނެ ބަލާށޭ ވާދަކޮށް ފަރުބަދަތަކާ ހެދިދާނެހޭ؟
ދުނިޔެއަށް ވެސް ލާހިކެއް ހޭ ފޮނުވުމަށް ހޮނަކަށް ހޮނެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *