މަލާމެލި ފަރިވެ މާ ފޮޅެނީ ޢަބީރެއް ފަތުރުވަން ބާއޭ؟
ބަލާން ތިބި ބަޔަކު ދޭ ތަޢުރީފުގައި ޖެހި މަސްތުވާން ބާއޭ؟
އޮހޭ ޝަބްނަމްގެ ތިކި ވިދަނީ ބަގީޗާ ވިދުވުމަށް ބާއޭ؟
ޖެހޭތީ ރީތި މާމަލުގައި ލިބޭ ބޮޑު ފަޚުރަކަށް ބާއޭ؟
އިރުން ހަނދު ހޯދަނީ އަލިކަން ފަޒާ ނޫރަން ކުރަން ބާއޭ؟
ދިރުން ހުރި ކޮންމެ މަޚުލޫޤެއް ބަލައި ޖާސޫސް ކުރަން ބާއޭ؟
ދެނީ ލޮބުވެތި ސަލާމެއް ރާޅު ތުނޑިޔަށް ޤަދަރު ދޭން ބާއޭ؟
އެ ނޫނީ އޭގެ ލަވަ އިއްވައި އެ ތުނޑި ލަދުގަންނަވަން ބާއޭ؟
ރަބީޢުގެ އާ ޒިޔާރަތަކީ ޚަރީފަށް ގޮން ޖެހުން ބާއޭ؟
ޠަބީޢަތް ދުނިޔެއަށް ބުނެދީ ޙަޤީޤަތް ނެރެދިނުން ބާއޭ؟
ޚަޞީލަތް ހެޔޮ ރަނގަޅު އިންސާނުނީ އަދު ނެތް ބައެއް ބާއޭ؟
އަސީރުވަނީ މި ވިސްނުމުގައި، ނަޞީރުގެ މޮޔަކަމުން ބާއޭ؟