Support Us

ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލައިގައި ހުޅުމާލެ، ކުޑަފަރީ، އިނގުރައިދޫން ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި ހުޅުމާލެ އާއި ނ. ކުޑަފަރީ އަދި ރ. އިނގުރައިދޫން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެގޮތުން ރޭ ދަންވަރު ހުޅުމާލޭގައި ޕެޓްރޯލް ކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 26 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދާ މުދާ އުފުލާ ދޯންޏަކުން އެ އަތޮޅު ކުޑަފަރީއަށާއި ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ ދޯނި ކުޑަފަރީ ބަނދަރާ ގާތްކުރި ވަގުތު އެ ދޯނިން ބޭލި ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެރަށު ބަނދަރުމަތިން 20 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މީގެ އިތުރުން، އެ ދޯނިން އެ އަތޮޅު ޅޮއްސަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އަދި މާލެއިން ރ. އިނގުރައިދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *