އުރްދުނުގެ ސަލާމަތީ ބާރުތަކުން އެ ޤައުމުގެ ސިޔާސީ ބޮޑެތި ޝަޚްޞިއްޔާތުތަކެއް އިއްޔެ ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ވަލީޢަހްދު ޙަމްޒަތު ބިން ޙުސައިނާއި ޝާހީ ޢާއިލާގެ ބޭފުޅެއް ކަމުގައިވާ ޙަސަން ބިން ޒައިދާއި ކުރީގެ މާބަނޑޭރި މަނިކުފާނު ބާސިމު ޢަވަޟަﷲ ވެއެވެ. މި ބޭފުޅުން ހައްޔަރު ކުރެވުނީ ޤައުމީ ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކަމަށް އުރްދުނުގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޔުސުފުލް ޙުނައިޠީ ވިދާޅުވިއެވެ. އުރްދުނުން ކުއްލިއަކަށް ނެރުނު މި ބަޔާން ބުނާގޮތުގައި ސަލާމަތީ ތަޙްޤީޤުތަކަކަށްފަހު މި ބޭފުޅުން ހައްޔަރު ކުރެވުނީ ސަލާމަތީ ސަބަބުތަކަކަށް ޓަކައެވެ. މި ބަޔާން ބުނި ގޮތުގައި މަސްއަލައާ ބެހޭ ތަޙްޤީޤުތައް އަދިވެސް ދަނީ ކުރިއަށެވެ.
މި ބަޔާން ވެގެން ދިޔައީ ސިޔާސީ ދާއިރާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ސިހުމަކަށެވެ. އެހެނީ މީގެ ކުރިން އުރްދުންގައި ޝާހީ ޢާއިލާގެ އެއްވެސް ބޭފުޅަކު ދުވަހަކު ވެސް ހައްޔަރު ކުރެވިފައެއް ނުވެއެވެ.
އުރްދުންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވާ ކުރީގެ ވަލީ ޢަހްދު އަމީރު ޙަމްޒާ ބިން ޙުސައިން ކުރެއްވި ޓްވީޓެއް ބުނާގޮތުގައި އޭނާ ހުންނެވީ ގޭގައި ބަންދު ކުރެވިފައެވެ. އަމީރު ޙަމްޒާ އަކީ އުރްދުންގެ ރަސްގެފާނު ޢަބްދުﷲގެ އެއްބަފައި ކޮއްކޯފުޅެކެވެ. ބީބީސީން ދުރަށް ފޮނުވި މި ޓްވީޓް ބުނާގޮތުގައި އުރްދުންގެ ޗީފް އޮފް ސްޓާފް ޔޫސުފުލް ޙުނައިޠީ ހޮނިހިރު ދުވަހު ހެނދުނު އޭނާގެ އަރިހަށް ވަޑައިގެން ގަނޑުވަރުން ބޭރަށް ނުކުމެވަޑައިނުގެންނެވުމަށާއި މީސްމީޑިއާއަށް ވަދެވަޑައިގެން މީސްތަކުން ތަވާޞުލު ނުކުރެއްވުމަށް އެންގެވިއެވެ. އަމީރު ޙަމްޒާ ފަހަކަށް އައިސް ކުރައްވާފައިވާ ޓްވީޓްތަކުގައި ސަރުކާރަށާއި ރަސްގެފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ފާސިދުކަން
އަމީރު ޙަމްޒާ ވިދާޅުވިއެވެ. "ސަރުކާރުގެ ފާސިދުކަމާއި ނާޤާބިލުކަމަކީ މަގޭ ކުށެއްނޫނެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ސަރުކާރުގެ ފާސިދުކަން ވަނީ ނުބައިން ނުބައަށް އިތުރުވެފައެވެ. މީސްތަކުން ސަރުކާރާމެދު އޮންނަ އިރުބާރު ކުޑަވަމުން ދިޔުމަކީ މަގޭ ކުށެއް ނޫނެވެ." އޭނާ މި ޓްވީޓްގައި ހާމަކުރެއްވި ގޮތުގައި އޭނާއާއި އޭނާގެ ޢާއިލާގެ އެންމެ ބޭފުޅުން ތިއްބެވީ ޢައްމާނުން ބޭރުގައި ހުންނަ އައްސަލާމު ގަނޑުވަރުގައި ބަންދު ކުރެވިފައެވެ. އަމީރު ޙަމްޒާ އުރްދުންގެ ވަލީ ޢަހްދު ކަމުގައި ހުންނެވީ 1999ން 2004 އާ ހަމައަށެވެ. އެއަށްފަހު ވަލީ ޢަހްދު ކަމަށް ރަސްގެފާނު ޢަބްދުﷲގެ ދޮށީ ދަރިކަލުން އަލްޙުސައިން ބިން ޢަބްދުﷲ ވަނީ ހަމަޖެއްސެވިއެވެ.
ހައްޔަރު ކުރެވުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބާސިމު ޢަވަޟުﷲ އަކީ ސިޔާސީ އަދި އިޤްތިޞާދީ ބޭފުޅެކެވެ. އޭނާ ރަސްގެފާނުގެ ގަނޑުވަރުގެ މާބަނޑޭރިކަން 2007 ވަނަ އަހަރުން 2008ވަނަ އަހަރުގެ ނިޔަލަށް ކުރައްވާފައި ވެއެވެ. އަދި މީގެ އިތުރަށް އޭނާއަކީ ރަސްގެފާނުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.
އެއްވެސް މީހަކު ޤާނޫނުގެ މައްޗަކު ނުހުންނާނެ
އުރްދުންގެ ޗީފް އޮފް ސްޓާފް ސްޓާފް ޖެނެރަލް ޔޫސުފުލް ޙުނައިޠީ ވިދާޅުވި ގޮތުގައި ޤައުމުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫއަރާފާނެ އެއްވެސް ޢަމަލެއް ނުހިންގެވުމަށް އޭނާ އަމީރު ޙަމްޒާއަށް ވާނީ ދަންނަވައިފައެވެ. އަލްޙުނައިޠީ ވިދާޅުވި ގޮތުފައި އަމީރު ޙަމްޒާއަށް މި އަމުރު ދަންނަވަން ޖެހުނީ ބެލެމުންދާ ސަލާމަތީ މަސްއަލަތަކަކާ ވިދިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެޅެމުންދާ ހުރިހާ ފިޔަވަޅުތަކެއް ވެސް އެޅެމުން ދަނީ ޤާނޫނުގެ ގިއުގަނޑުގެ ތެރޭގައެވެ. އޭނާ ހާމަ ކުރެއްވިގޮތުގައި އެއްވެސް މީހަކަށް ޤާނޫނުގެ މައްޗަކަށް ނޭރޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ތަޙްޤީޤުތައް ކުރެވެމުން ދިޔަ ވަރަކަށް ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް ހާމަ ކުރެވެމުންދާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ހުރިހާ ކަމަކަށްވުރެ ބޮޑަށް އިސްކަން ދެވޭނީ ޤައުމުގެ އަމްނަށާއި ހަމަޖެހުމަށެވެ.
ރަސްގެފާނު ޢަބްދުﷲ ވައްޓައިލުމަށް މަސައްކަތް ކުރިކަމުގެ ތުހްމަތު
ނަން ހާމަނުކުރަން ޝަރްޠު ކުރައްވާ އުރްދުންގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އަމީރު ޙަމްޒާ ގަނޑުވަރުގައި ބަންދު ކުރެވުނީ އޭނާގެ އަޚު ޢަބްދުﷲ ރަސްގެފާނު ވެރިކަމުން ވައްޓައިލެއްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހްމަތުގައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް އޮޅުންބޮޅުން ބޮޑު މަސްއަލައެކެވެ. މި ކަމުގައި ވެރިކަން ކުރާ ޢާޢިލާގެ މެންބަރުންތަކެއް ބައިވެރިވެވަޑައިގަންނަވާތީއެވެ. މީގެ އިތުރަށް ޤައުމީ ސަލާމަތާ ބެހޭ ބާރުގެ މެންބަރުންތަކެއް ވެސް މި ކަމުގައި ހިމެނެއެވެ.
އުރްދުންގެ ސިއްރު ސިފައިންގެ އިދާރާއިން ބުނާގޮތުގައި މި ކަމާ ގުޅުން ހުރި އިތުރު އެތައް ބަޔަކު ހައްޔަރު ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. އެމެރިކާގެ ބައެއް ނޫސްތައް ސިފަކުރިގޮތުގައި މިއީ އިންޤިލާބެއް ގެނައުމަށް ކުރެވުނު މަސައްކަތެކެވެ.
ޢަރަބި ޤައުމުތަކުން ރަސްގެފާނަށް ތާއީދު ކުރުން
އަނެއްކޮޅުން ބަލާއިރު އުރްދުންގައި ހިނގަމުންދާ ކަންތައްތަކާ ވިދިގެން ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ޢަބްދުﷲ ރަސްގެފާނަށް ތާއީދު ކުރާކަން ހާމަކޮށްފިއެވެ. އޭގެތެރޭގައި މިޞްރާއި ސަޢޫދީ ޢަރަބިއްޔާ ވެއެވެ.
ސުޢޫދީ ޢަރަބިއްޔާއިން ނެރުނު ރަސްމީ ބަޔާން ބުނާގޮތުގައި އުރްދުނަކީ ޢަޤީދާގެ ގޮތުންނާއި އެއްބަނޑުއެއްބަފައިކަމުގެ ގޮތުން ވަރުގަދަ ގުޅުމަކުން ރިޔާޟާ ގުޅިފައިވާ ޤައުމެކެވެ. ސުޢޫދީ ބަޔާން ބުނިގޮތުގައި އުރްދުންގެ އަމްނަކީ ސުޢޫދިޔާގެ އަމްނާ ގުޅިފައިވާ ވަކިނުކުރެވޭނެ ކަމެކެވެ. ސުޢޫދީ ނޫސް އޭޖެންސީން ފެތުރި މި ބަޔާން ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާ އޮތީ ހުރިހާ ބާރުތަކާއެކު އުރްދުނާ އެކުގައެވެ އެ ޤައުމުގެ އަމްނާއި ހަމަޖެހުން ރައްކައުތެރި ކުރެއްވުމަށް ޓަކައި ޢަބްދުﷲ ރަސްގެފާނާއި ވަލީ ޢަހްދު އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ރިޔާޟުން ތާއީދު ކުރާނެއެވެ.
ސުޢޫދީ ޢަރަބިއްޔާގެ އިތުރަށް މިޞްރުންނާއި ބަޙްރައިނުން ވެސް އުރްދުންގެ ރަސްގެފާނު ޢަބްދުﷲ އަށް ތާއީދުކޮށް ބަޔާންތައް ވަނީ ނެރެފައެވެ. އުރްދުންގެ އަމްނާއި ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ޢައްމާނުން އަޅާ ކޮންމެ ފިޔަވަޅަކަށް ޤާހިރާ ތާއީދު ކުރާނެ ކަމަށް މިޞްރުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ. ހަމަ މި މޭރުމުން ބަޙްރައިނުގެ ރަސްގެފާނުގެ އޮފީހުން ވެސް ބަޔާނެއް ނެރެފައިވެއެވެ.
އެމެރިކާގެ ތާއީދު ރަސްގެފާނަށް
މި ކަމާ ވިދިގެން އެމެރިކާގެ ޚާރިޖިއްޔާއިން ބަޔާނެއް ނެރުނެވެ. މި ބަޔާން ސިފަކުރި ގޮތުގައި އުރްދުނަކީ "އެމެރިކާގެ އިސް ބައިވެރިއެކެވެ." އެމެރިކާއިން ޢަބްދުﷲ ރަސްގެފާނަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.



advertisment