Support Us

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޤައުމީ ޔަމީނާ ޕާޓީގެ ޒަޢީމު ނަފްތާލީ ބީނީތު

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލުމުގެ ސީނާރިއޯތައް

ދެ އަހަރުގެ ތެރޭގައި ހަތަރުވަނަ ފަހަރަށް އިސްރާއީލުގައި ސަރުކާރެއް އެކުލަވައިލުމުގެ އަރަތާ ކުރިމަތިލާން ޖެހިއްޖެއެވެ. ކުދިކުދި ޕާޓީތަކުގެ އެހީއާ ނުލައި ސަރުކާރެއް ޤާއިމު ނުކުރެވޭނެކަން މިހާރުވަނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ކަށަވަރުވެ ވަޑައިގެންފައެވެ.

އިސްރާއީލުގެ ސިޔާސީ ޕާޓީތައް ވަނީ ދެ ބަޔަކަށް ބެހިފައެވެ. އެއް ބަޔަކު ބޭނުންވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ ޒަޢާމަތުގައި ސަރުކާރެއް އެކުލަވައިލުމަށެވެ. އަނެއް ބަޔަކު ބޭނުން ވަނީ ނަތަންޔާހޫގެ ބަދަލުގައި އެހެން ބޭފުޅަކު ވެރިކަމަށް ގެނައުމަށެވެ.

މި ދިޔަ ހަފުތާގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ނަތަންޔާހޫގެ ލީކޯޑް ޕާޓީއަށެވެ. މި ޕާޓީއަށް ލިބިފައިވާ 120 ގޮނޑީގެ ބަރްލަމާނު (ކަނީސަތު) ގައި އެންމެ 31 ގޮނޑިއެވެ.

ލަފާކުރެވޭ ސީނާރިއޯތައް

ފިޢުލީ ގޮތުން ބަލާއިރު އޮތީ ތިން ސީނާރިއޯއެކެވެ. ނަތަންޔާހޫގެ ޒަޢާމަތުގައި ސަރުކާރެއް އެކުލަވައިލުމެވެ. ނުވަތަ އިދިކޮޅު ޕާޓީތަކުގެ ޒަޢާމަތުގައި ސަރުކާރެއް އެކުލަވައިލުމެވެ. ނުވަތަ އަނެއްކާ ވެސް ވޯޓުފޮށި ކައިރިއަށް ދިޔުމެވެ. އެހެނަސް ޢަމަލީގޮތުން ބަލާއިރު ސަރުކާރެއް އެކުލަވައިލުމަށް ޓަކައި ނަތަންޔާހޫއަށް ވެސް އަދި އިދިކޮޅު ޖަމާޢަތަށް ވެސް އެތައް ސީނާރިއޯތަކެއް ލިބިގެން ވެއެވެ.

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތާ ބެހޭގޮތުން ރައީސް ރައޫބީން ރިފްލީން މި އަންނަ ހޯމަ ދުވަހު އިސްރާއީލުގެ ސިޔާސީ 13 ޕާޓީއާއެކު މަޝްވަރާތައް ފަށްޓަވާނެއެވެ.

އިސްރާއީލުގެ ދީނީ ޞިހްޔޫނީ ކަހާނީ ޕާޓީގެ ޙަރަކާތްތެރިން ކަނީސަތަށް ވަދެވުނީތީ އުފާ ފާޅުކުރަނީ

އެއަށްފަހު ރިފްލީން މި އަންނަ ބުދަ ދުވަހު ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ޙަވާލު ކުރައްވާނެ ބޭފުޅެއް ކަނޑައަޅުއްވާނެއެވެ. ސަރުކާރެއް އެކުލަވައިލުމަށް ލިބޭނީ 28 ދުވަހެވެ. ރައީސްގެ ލަފާފުޅުގެ މަތިން މި މުއްދަތަށް 14 ދުވަސް އިތުރު ކުރެވިދާނެއެވެ. ރައީސް ޙަވާލު ކުރެއްވި ބޭފުޅާއަށް އެ މަސައްކަތް ނުކުރެއްވިއްޖެނަމަ ދެވަނަ ބޭފުޅަކާ އެ މަސަކަތް ޙަވާލު ކުރެވިދާނެއެވެ. ދެވަނަ ބޭފުޅާއަށް މި މަސައްކަތް ނުކުރެއްވިއްޖެނަމަ އެ މަސްއަލަ ދާނީ ބަރްލަމާނަށެވެ. ޖުމްލަ 61 ގޮނޑީގެ ތާއީދު ލިބިވަޑައިގެންނެވި ބޭފުޅަކާ މި މަސައްކަތް ޙަވާލު ކުރެވޭނެއެވެ. މި ފަދަ ބޭފުޅަކު ނުލިބުނުނަމަ ބަރްލަމާން އުވާލައި އަލުން އިންތިޚާބު ބޭއްވުން އިޢުލާނު ކުރެވޭނެއެވެ.

ނަތަންޔާހޫގެ ޚިޔާރުތައް

އިންތިޚާބުގެ ނަތީޖާތައް ބުނާގޮތުގައި ނަތަންޔާހޫގެ ފޭލިގެއަށް ލިބިފައިވަނީ ޖުމްލަ 52 ގޮނޑިއެވެ. ނަފުތާލީ ބީނީތުގެ ޔަމީނާ ޕާޓީއާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވިއްޖެނަމަ ނަތަންޔާހޫއަށް 59 ގޮނޑި ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ސަރުކާރަށް އިތުބާރު ހޯއްދެވުމަށް ޓަކައި އިތުރަށް ދެ ގޮނޑި ބޭނުންފުޅު ވާނެއެވެ. މި ދެ ގޮނޑި ހޯއްދެވުމަށްޓަކައި އެތައް ޚިޔާރުތަކެއް ވެއެވެ.

  • ޖަދްޢޫން ސާޢިރުގެ ޒަޢާމަތުގެ ދަށުގައިވާ ކަނާތު ފިޔައިގެ ޕާޓީއެއް ކަމުގައި ވާ "އައު އުންމީދު" ޕާޓީ ސަރުކާރުގައި ބައިވެރި ކުރުވުން. މި ޕާޓީއަށް ކަނީސަތުގައި ހަ ގޮނޑި ލިބިފައި ވެއެވެ. ސާޢިރަކީ ޝަޚްޞީ މަސްއަލަތަކެއްގައި ނަތަންޔާހޫއާ ދެބަސްވެވަޑައިގަތުމަށް ފަހު ލީކޯޑުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވި ސިޔާސީ ބޭފުޅެކެވެ. އިންތިޚާބު ނިމުމާއެކު ސާޢިރު ވިދާޅުވި ގޮތުގައި އޭނާ ނަތަންޔާހޫއާއެކު ސަރުކާރުގައި ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ. އެހެންކަމުން މިއީ ނަތަންޔާހޫއަށް މާ ފަސޭހަ ޚިޔާރަކަށް ނުވާނެއެވެ.
  • ނަތަންޔާހޫއަށް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ ދެވަނަ ޚިޔާރަކީ "އައު އުންމީދު" ޕާޓީގެ ބައެއް މެންބަރުން ލީކޯޑް ފޭލިގެއަށް ގެންނެވުމެވެ. މި ކަން ވެގެންދާނީ މައި ޕާޓީ ވަރުގަދަ ކުރުމަށް ތަނަވަސް ވެގެންދާނެ ފުރްޞަތަކަށެވެ. މި "އައު އުންމީދު" ޕާޓީން ދެ ގޮނޑި "ޖަހައިގެންނެވިއްޖެނަމަ" ނަތަންޔާހޫއަށް  ސަރުކާރެއް އެކުލަވައިލެއްވޭނެއެވެ.
  • ނަތަންޔާހޫއަށް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ ތިންވަނަ ޚިޔާރަކީ މަންޞޫރު ޢައްބާސްގެ ޒަޢާމަތުގެ ދަށުގައިވާ "އެއްބައެއްވަން ޢަރަބީންގެ" ގޮނޑިތަކުން ގޮނޑިކޮޅެއް ހޯއްދެވުމެވެ. ޢައްބާސް ވިދާޅުވަމުންދާ ގޮތުގައި "ކުރިއަށް އޮތް މަރްޙަލާގައި ޢަރަބީންނަށް ދައުރެއް ލިބިގެންވާ ކަން ޤަބޫލުނުކޮށް ސަރުކާރެއް ވުޖޫދަށް ގެނެއުން ބުރަ ކަމަކަށް ވާނެއެވެ." ނަމަވެސް ދެބަސްވުންތައް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އަނެއްކޮޅުން ބަލާއިރު ލީކޯޑްގެ މެންބަރުންނަކީ ޢަރަބީންނާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމާ ދެކޮޅު ހަދާ ބަޔެކެވެ. ހަ ގޮނޑި ލިބިފައިވާ ޞިހްޔޫނީ ދީނީ ޕާޓީއަކީ ވެސް މި ކަމާ ދެކޮޅު ހަދާ ޕާޓީއެކެވެ. ނަތަންޔާހޫގެ ފޭލިގޭގައި ހިމެނޭ އެހެން ޕާޓީތަކަކީ ނުވަ ގޮނޑި ލިބިފައިވާ ކަނާތު ފިޔައިގެ "ޝާޝް" ޕާޓީއާއި ހަތް ގޮނޑި ލިބިފައިވާ "ޔަހޫދޫތު ހަތޫރާ" ޕާޓީ އެވެ.

އިދިކޮޅު ފޭލިގޭގެ ޚިޔާރުތައް

އިދިކޮޅު ފޭލިގެއަށް ކަނީސަތުގައި 57 ގޮނޑި ލިބިފައި ވެއެވެ. އެއީ ސިޔާސީ ގޮތުން ބަލާއިރު އެއްގަލަކަށް އެރުމެއްނެތް ޕާޓީތަކެކެވެ. މި ފޭލިގޭގައި ކަނާތު ފިޔައާއި ވާތު ފިޔައާއި ޢަރަބީން ހިމެނެއެވެ. މަންޞޫރު  ޢައްބާސްގެ ތާއީދު ލިބިއްޖެނަމަ މި ފޭލިގެއަށް ކަނީސަތުގައި 61 ގޮނޑި ލިބޭނެއެވެ. މި ފޭލިގޭގައި ހިމެނޭ ޕާޓީތަކަކީ: 17 ގޮނޑި ލިބިފައިވާ މެދުމިން ޕާޓީއެއް ކަމުގައިވާ "އެތާނގައި މުސްތަޤްބަލެއްވޭ" ޕާޓީއާއި، 7 ގޮނޑި ލިބިފައިވާ "އިސްރާއީލު އަހުރެމެންގެ ގެ" ޕާޓީއާއި، 8 ގޮނޑި ލިބިފައިވާ "ނޫ ހުދު" ޕާޓީއާއި، 7 ގޮނޑި ލިބިފައިވާ ލޭބަރ ޕާޓީއާއި، 6 ގޮނޑި ލިބިފައިވާ ކަނާތުފިޔައިގެ "އައު އުންމީދު" ޕާޓީއާއި، 6 ގޮނޑި ލިބިފައިވާ ވާތު ފިޔައިގެ "މިރްތިސް" ޕާޓީއާއި، 6 ގޮނޑި ލިބިފައިވާ ޢަރަބި 3 ޕާޓީއެވެ. ލަފާކުރެވޭ ގޮތުގައި މި ފޭލިގޭގެ ޒަޢީމަކަށް ހުންނަވާނީ "އެތާނގައި މުސްތަޤްބަލެއް ވޭ" ޕާޓީގެ ޒަޢީމު  ޔާއީރު ލާބީދެވެ.

ޔާއީރު ލާބީދު

މި ފޭލިގޭގެ ކުރިމަތީގައި ދެ ޚިޔާރެއް ވެއެވެ.

  • ފުރަތަމަ ޚިޔާރަކީ ޢަރަބި ޕާޓީއެއް ކަމުގައިވާ  މަންޞޫރު ޢައްބާސްގެ ތާއީދު ހޯދުމެވެ. އޭރުން މި ފޭލިގެއަށް 61 ގޮނޑި ލިބޭނެއެވެ. އެހެނަސް ޢައްބާސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. ޢައްބާސް އިންތިޒާރު ކުރައްވަނީ މި ސަރުކާރުން ޢަރަބީންގެ މުހުތާދުތަކަށް އިޖާބަ ދޭނެ މިންވަރަކަށެވެ.
  • ދެވަނަ ޚިޔާރަކީ ބީނީތުގެ "ޔަމީނާ" ޕާޓީގެ ތާއީދު ހޯދުމެވެ. އެހެނަސް ލާބީދުގެ ރިޔާސަތުގެ ދަށުގައި އޮންނަ ސަރުކާރެއްގައި ބީނީތު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުގެ ޙައްލު އަލުން އިންތިޚާބު ބޭއްވުން

މިއިން އެއްވެސް ސީނާރިއޯއަކުން ޙައްލެއް ނުލިބިއްޖެނަމަ އިސްރާއީލަށް ޖެހޭނީ އަލުން އިންތިޚާބަކަށް ދާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *