Support Us

ޢިބްރަތް: ހެޔޮކޮށް މުޢާމަލާތް ކުރުމުގެ ހެޔޮ ނަތީޖާ

ކުވައިތުގެ ނަން މަޝްޙޫރު ޝައިޚް ޢަބްދުއްރަޙްމާން އައްސުމައިޠް (ރަޙިމަހު ﷲ) ކިޔައިދެއްވިއެވެ:

"އަހަރެމެންގެ ކާރު ކެންޔާގެ ސަހަރާއެއްގައި ދުއްވަމުން ދަނިކޮށް ހުއްޓުނެވެ. އަދި އެވަގުތު އަހަރެމެންގެ ކައިރިން ލާފައި ދިޔަ ފައްޅިއެއްގެ ކާރަކަށް ގޮވައި، އެހީތެރިވުމަށް އެމީހުން ގާތުގައި އެދުނީމެވެ. އެމީހުންނަށް ކުޅަދާނަކަން ލިބިގެންވާނަމަ އެންމެ ކައިރީގައިވާ ރަށްފުށަށް އަހަރެމެން ގެންގޮސްދިނުމަށް ބުނީމެވެ. އަހަރެމެންގެ އަތުގައި ބޯނޭ ފެންފޮދެއްގެ މިންވަރުވެސް ނެތެވެ. އެހިނދު އެކާރުގައި އިން އިޓަލީވިލާތުގެ ފާދިރީއެއް ބުންޏެވެ.

"ކަލޭމެން ތިއީ އަހަރެމެންގެ ޢަދުއްވުން ކަމުގައިވާ ޙާލު އަހަރެމެންގެ ގާތުގައި އެހީއަށް އެދެނީހެއްޔެވެ؟ ފަހެ، "މުޙައްމަދު" (ﷺ) ކަލޭމެންނަށް އެހީތެރިވެދެން ބަހައްޓާށެވެ.!!" އެހެން ބުނެ އެމީހުން ހިނގައްޖެއެވެ.

ވަޤުތުކޮޅަކަށް ފަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުން އަހަރެމެން ކާރު ހަދައި ކުރިއަށް ދިޔައީމެވެ. ގާތްގަނޑަކަށް ފަސް ކިލޯމީޓަރަށް ދެވުނުތަނާ ކާރެއް ފެނުނެވެ. އެއީ އެއްކަލަ ފައްޅީގެ ކާރެވެ. އެ ކާރަށް މައްސަލައެއް ދިމާވެ ހުއްޓުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަކުރެއްވީއެވެ.

އެމީހުން އެހީތެރިކަމަށް އެދުމުގެ ކުރިން އަހަރެމެން ކާރު މަޑުކޮށް، އެމީހުންނަށް އެހީ ހުށަހެޅީމެވެ. ކައިރީގައިވާ އަވަށަށް އެމީހުން ފޯރުކޮށްދޭނީތޯ، ނުވަތަ ކާރު ހަދައިދޭން މަސައްކަތް ކޮށްދޭންވީތޯ އަހަރެމެން އެހީމެވެ. އަދި މިނޫންވެސް ބައެއް ހުށަހެޅުންތައް ހުށަހެޅުނެވެ. ކޮންމެއަކަސް އަހަރެމެންގެ މަސައްކަތާއި ﷲގެ ރަޙުމަތުން އެމީހުންގެ ކާރު ހަދައިދިނީމެވެ.

އެއަށްފަހު ހަމައެކަނި އަހަރެމެން ބުނި ބަހަކީ "އެހީތެރިކަމަށް ޖެހިފައިވާ ކޮންމެ ބަޔަކަށް އެހީތެރިވުމަށް އަހަރެމެންގެ ދީން އަމުރުކުރެއެވެ."

ކާރު ހެދުމަށްފަހު، އަހަރެމެން ކުރިއަށް ދިޔައީމެވެ.

ދުވަސްކޮޅަކަށް ފަހު އަހަރެމެންނަށް ޚަބަރު ލިބުނީ އެ ކާރުގައި ތިބި ހުރިހާ މަސީޙީން އިސްލާމްވިކަމެވެ. އަދި އެއީ އެމީހުންނާއި ދީނާ ބެހޭ އެއްވެސް ކަހަލަ ބަހެއް އަހަރެމެން ނުބުނާ ޙާލުމެއެވެ.

އާދެ މިއީ ހެޔޮކޮށް މުޢާމަލާތް ކުރުމުގެ ހެޔޮ ނަތީޖާއެވެ. ޙާލުގައި ޖެހިފައިވީ ހިނދު އަޅާލުމުގެ ނަތީޖާއެވެ. އިސްލާމީ ރިވެތި އަދަބުން ޒީނަތްތެރިވެ ނަމޫނާ ދެއްކުމުގެ ނަތީޖާއެވެ. ބަޔަކަށް އިސްލާމްދީނުގެ ޙިދާޔަތް ލިބުމަށް ﷲ މިންވަރު ކުރެއްވި ރިވެތިވެގެންވީ މުޢާމަލާތެކެވެ.

ޝައިޚް އައްސުމައިޠީ އަކީ ކާކު؟

ޝައިޚް އައްސުމައިޠް ރަޙިމަހުﷲ 29 އަހަރު އެފްރިކާގައި ހޭދަކުރެއްވިއެވެ. އެބޭފުޅާގެ އަގުހުރި އެތަކެއް ގިނަ ޚިދުމަތްތަކާއި ޙާޞިލްވުންތަކަށް ބަލާލާއިރުގައި، އޭގެ ބައެއް މުހިއްމުކަންކަމުގެ ތެރޭގައި:

  • 11 މިލިއަނަށް ވުރެ ގިނަ މީހުން އިސްލާމްވިކަމުގެ ސަބަބެއްކަމުގައި އެބޭފުޅާ ވިއެވެ.
  • 95,000 އަށްވުރެއް ގިނަ ކިޔަވާ ކުދިންގެ ފީ ބެލެހެއްޓެވި އެވެ.
  • 9،500 އަށްވުރެއް ގިނަ ޔަތީމުން ބެލެހެއްޓެވި އެވެ.
  • 5،700 މިސްކިތް ބިނާކުރެއްވިއެވެ.
  • 860 މަދަރުސާ ބިނާކުރެއްވިއެވެ.
  • 102 އިސްލާމީ ސެންޓަރު ބިނާކުރެއްވިއެވެ.
  • 9،500 ފެންވަޅު އެޅުއްވިއެވެ.
  • 51 މިލިއަަނަށްވުރެ ގިނަ މުޞްޙަފު ބެއްސެވިއެވެ.
  • 4 ޔުނިވާރސިޓީ ބިނާކުރެއްވިއެވެ.
  • 200 ސެންޓަރު (ކަނބަލުންނަށް ޚާއްޞަ) ބިނާކުރެއްވިއެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *