Support Us

ރައީސް ސީސީގެ ވަރުގަދަ އިންޒާރެއް: މިޞްރުގެ ފެނުން އެންމެ ތިއްކެއް ވެސް އެއްވެސް މީހަކަށް ނުގެންދެވޭނެ!

މިޞްރުގެ ފެނުން އެންމެ ތިއްކެއް ވެސް އެއްވެސް މީހަކަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މިޞްރުގެ ރައީސް ނުސީދާކޮށް އިތިއޯޕިޔާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ރައީސް ޢަބްދުލް ފައްތާޙުއް ސީސީ މި އިންޒާރު ދެއްވީ ސުވޭސް ކެނެލް ސަރަޙައްދަށް ވަޑައިގެން އެ ކެނެލަށް އުރުނު ބިޔަ ޓޭންކަރު "އެވަރ ގިވެން" ފުންކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް ޝުކްރު އަދާކުރެއްވުމުގެ ތެރޭގައި ނޫސްވެރިން އިތިއޯޕިޔާއިން ހަނދާފައިވާ ޑޭމު ދެވަނަ ފަހަރަށް ފުރުމުގެ މަސައްކަތް އިތިއޯޕިޔާއިން ފަށަން އުޅޭތީ އެކަމާ ބެހޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސީސީ ވިދާޅުވިއެވެ. "އެކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ މިޞްރުން ޚިޔާރުކުރި ގޮތެވެ. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު ދުވަހަކު ވެސް މި ގޮތަކަށް ވާހަކަ ދައްކައިފައެއް ނުވާނެއެވެ. ޢުދްވާނީ ކޮންމެ ޢަމަލަކީ ވަރަށް ހަޑި ހުތުރު ޢަމަލެކެވެ. އޭގެ ފުން އަސަރުތައް އެތައް އަހަރުތަކަކަށް ދެމިގެން ދާނެއެވެ. ޤައުމުތަކުގެ ރައްޔިތުން އެފަދަ ޢަމަލުތައް މަތިން ހަނދާނެއް ނުނައްތާނެއެވެ."

ރައީސް ސީސީ އަދިވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ހަނގުރާމައަކީ ކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދެއްކުމެވެ. ދުނިޔޭގެ ޢާއްމު ރައުޔަށާއި ދުނިޔޭގެ އިސް މަސްއޫލުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުމެން މިދަނީ މި ހަނގުރާމަ ކާމިޔާބު ކުރަމުންނެވެ. އަޅުގަނޑުމެން ވާހަކަދެއްކުންތައް ކުރިއަށް ގެންދަން ބޭނުން ވަނީ ހުރިހާ ފަރާތްތަކަކަށް ލާބަ ހުރި ގޮތަށެވެ. މިފަދަ މަސްއަލަތަކުގައި އަދި ސަރަޙައްދުތައް ހުރަސްކޮށް ދަތުރުކުރާ ފެނުގެ މަސްއަލަތަކާއެކު މުޢާމަލާތު ކުރާނެ ބައިނަލްއަޤްވާމީ އުޞޫލުތަކަކާއި މިންގަނޑުތަކެއް ވެއެވެ. އަޅުގަނޑުމެންގެ އެދުމަކީ މި އިންތަކުން ބޭރުނުވުމެވެ."

އިތިއޯޕިޔާގެ ޑޭމުގެ މަސައްލައިގައި އިތުރު ފިޔަވަޅުތަކެއް ކުރިއަށް އެޅިފައިވާ ކަމަށް މިޞްރުގެ ރައީސް ސީސީ ވިދާޅުވިއެވެ. "ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މިޞްރު އިތުރަށް ޙަރަކާތްތެރިވާނެއެވެ. އަޅުގަނޑު އުއްމީދު ކުރަނީ ޑޭމް ބޭނުންކުރުމާއި ޑޭމަށް ފެން އަޅައި ފުރުމުގެ މަސައްލައިގައި އެއަށް ޢަމަލު ކުރުން ހުރިހާ ފަރާތްތަކަކަށް ލާޒިމު ކުރާ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށެވެ."

 

ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިޞްރުގެ ރައީސް ސީސީ ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ އެއްވެސް މީހަކަށް މިޞްރުގެ ފެނުން އެންމެ ތިއްކެއް ވެސް ނުގެންދެވޭނެއެވެ. އެކަން ކުރުމުގެ ޤާބިލުކަން ހަމަ އެކަކަށް ވެސް ލިބިގެން ނުވެއެވެ. އަޖުމަބަލަން ބޭނުން މީހަކު ނިކަން އަޖުމަ ބަލާބަލާށެވެ. އަޅުގަނޑުމެން އެއްވެސް މީހަކަށް ބިރެއް ނުދައްކަމެވެ. އަޅުގަނޑުމެން ދުވަހަކުވެސް އެއްވެސް ބަޔަކު ބިރުގަންނަވައިފައެއް ނުވާނެއެވެ. އަޅުގަނޑުމެން ބޭނުންވަނީ ކެތްތެރިކަމާއެކު ރަނގަޅު މަގުން ވާހަކަ ދެއްކުމަށެވެ. މިޞްރުގެ އެންމެ ފެންތިއްކެއް ގެންދިޔައަސް  މުޅި ސަރަޙައްދުގައި އޮންނާނީ ގަނޑުބަޑުކަމެވެ. ހަމަނުޖެހުމެވެ."

ރައީސް ސީސީ އިންޒާރުގެ ގޮތުގައި ވިދާޅުވިއެވެ. " އެއްވެސް މީހަކު އަޅުގަނޑުމެންގެ އަތްނުފޯރާ ފަށުގައި ހުރިކަމަށް ހީނުކުރާށެވެ. މިގޮތަށް އަޅުގަނޑު މީގެކުރިން ދުވަހަކުވެސް ވާހަކައެއް ނުދައްކަމުއެވެ. އެހެނަސް މިޞްރުގެ ފެނުގައި ނުބީހުމަށް ބުނަމެވެ. އެ ފެނުގައި ބީހުމަކީ ރަތް ރޮނގެވެ. އޭރުން އަޅުގަނޑުމެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *