"އަހަރެމެން ދެ މީހުންނީ މަދީނަތުލް މުނައްވަރާގެ ފުރާވަރު ދެ ޒުވާނުންނެވެ. އިސްޠަންބުލަށް ހަމަޖެހިލައި މަޖާކޮށް ރާ ބުއިމަށް ދަތުރު ކުރީމެވެ. އަދި ދެވުމާ އެކު ޓެކްސީ އަކަށް އަރައި އެތާނގެ ސަހަރަކުވާ ހޮޓަލަކަށް ގޮސް އެތާނގެ ކޮޓަރިއެއް ހިފުމަށް ޤަޞްދުކުރީމެވެ. އަދި އަހަރެމެން އެތާނގެ ކޮޓަރިއެއް ހިފުމުގެ ތެރެއިން އެތާނގެ ރިސެޕްޝަނުގައިވާ ފަރާތް އަހަރެމެންނާ ސުއާލުކުރިއެވެ.
"ތި ދެބޭފުޅުން ތީ ކޮންތަނެއްގެ ދެބޭފުޅުން ތޯއެވެ؟"
އަހަރެމެން ޖަވާބުގައި… "މަދީނަތުލް މުނައްވަރާއެވެ." ބުނީމެވެ.
ނަބިއްޔާ ﷺ އަށާއި މަދީނާގެ އަހުލުވެރިންނަށް އެ އަޚާގެ ހިތުގައިވި ލޯތްބެއްގެ ބޮޑުކަމުން ވީ އުފަލުން އަހަރެމެންނަށް ކޮޓަރިއެއްގެ ބަދަލުގައި ބޮޑު އެޕާޓްމަންޓެއް ދިނެވެ.
އަހަރެމެން ދެ މީހުން ވަރަށް އަވަހަށް އެޕާޓްމަންޓަށް ވަދެ، މުޅި ރޭ ރާބޮއި މަސްތުވުމުގައި ހޭދަކުރީމެވެ. އެކަކު އަނެކަކަށް ރާދީ މުޅި ރޭ އެ ފާފައިގެ ތެރެއަށް ޣަރަޤުވެ ދެމީހުންނަށް ވެސް ނިދިއްޖެއެވެ. ދެމީހުން ނިދިން ކުއްލިއަކަށް ހޭލައްވާލީ ފަތިހު ހަތަރުގަޑި ބައި ކަންހާއިރު ދޮރުގައި ކޮންމެވެސް މީހަކު ޓަކިޖެހުމުންނެވެ. ތެދުވެ ރަނގަޅަށް ލޯވެސް ނުހުޅުވޭ ޙާލު ގޮސް ދޮރު ހުޅުވާލީމެވެ. ދޮރު ކުރިމަތީގައި ހުރީ ރިސެޕްޝަނުގައި ހުރި މުވައްޒަފެވެ.
އޭނާ ބުންޏެވެ: "މިސްކިތުގެ އިމާމު، މަދީނާގެ ދެބޭފުޅުން އަވަށުގައި ވާކަން އެނގުމުން، ތި ދެބޭފުޅުން ވާހާ ހިނދަކު އިމާމުވެ ނަމާދު ނުކުރައްވާނެ ކަމަށް ބުނުއްވިއެވެ. އަޅުގަނޑުމެން މިތާ ތިރީ މިސްކިތުގައި ތިބޭފުޅުންގެ އިންތިޒާރުގައި އެބަ ތިބީމުއެވެ."
އެ ޚަބަރު ލިބުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަރަށް އަވަހަށް އެކުވެރިޔާ ނަގައި އޭނާ ކުރެން އެހީމެވެ: "ތިބާއަށް ޤުރްއާނުން އެއްވެސް މިންވަރެއް އެނގޭ ހެއްޔެވެ؟"
އިމާމުވެ ނަމާދު ކުރުމުގެ ޤާބިލްކަން ނެތްކަމަށް އެކުވެރިޔާ ބުންޏެވެ. ހަދާނެ ގޮތަކާ މެދު ވިސްނަން ދެމީހުން އިށީނީމެވެ. އަނެއްކާވެސް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ނަމާދު ވަޤުތު ޖެހެން ކައިރިވާ ކަމާއި އެންމެން އަހަރެމެންގެ އިންތިޒާރުގައި މިސްކިތުގައި ތިބި ވާހަކަ ބުންޏެވެ.
އެކުވެރިޔާ ކިޔައިދިނެވެ.
"ދެމީހުންވެސް އަވަހަށް ފެން ވަރައިގެން މިސްކިތަށް ދިޔައީމެވެ. މުޅި މިސްކިތް ވަނީ ފުރި ބާރުވެފައެވެ. ހުކުރު ނަމާދެކޭ އެއްފަދަހެން ހީވިއެވެ. ހުރިހާ އެންމެން އެހަރެމެންނަށް ސަލާމް ގޮވަމުން ދިޔައެވެ."
ދެމީހުން ކުރެ އަހަރެން ކުރިއަށް ޖެހި… ތަކްބީރު ކިޔައި ނަމާދު ކުރަން ފެށީމެވެ. "الْحَمْدُ لِلّهِ رَبِّ الْعـالَمِــيْــــــــنَ" ފާތިޙާ ސޫރަތުގެ މިއާޔަތާ އެކު ނަބިއްޔާ ﷺ ގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ މަތިން ހަނދާން އާވެ މުޅި މިސްކިތް ރޮއްވާލިއެވެ.
އެމީހުންނާ އެކު އަހަރެންނަށް ވެސް ރޮވިއްޖެއެވެ. ދެ ރަކްޢަތުގައި ވެސް ސޫރަތުލް ފާތިޙާ އަދި ޢިޚްލާޞް ސޫރަތް ކިޔެވީމެވެ. އެ ދެ ސޫރަތް ނޫނީ އަހަރެންނަކަށް ނޭނގެއެވެ.
ނަމާދުގެ ސަލާމަށް ފަހު މުޅި މިސްކިތުގެ އަހްލުވެރިން އަހަރެމެން ދެމީހުންނާ ސަލާމް ކުރުމަށް އަވަސްވެގަތެވެ.
އިންސާނާ އޭނާގެ ޖާހިލުކަމާއި ނުބައިކަމުގައި އޭނާގެ ވެރި ރައްބު، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އުރެދުމުގައި އޭނާގެ ޙަޔާތް ހޭދަކުރާ ޙާލުވެސް، އެ އިލާހު، އެ އިލާހުގެ އަޅާ ދޫނުކުރައްވައި އެމީހުންނަށް ހިދާޔަތުގެ ދޮރުތައް ގުނާ ޢަދަދު ނުކުރެވޭހައި ވެސް ގިނައިން ހުޅުއްވައިދެއްވައެވެ.
މި ޙާދިޘާ އެ ދެ ޒުވާނުންނަށް ހިދާޔަތް ދެއްކެވުމުގެ ސަބަބަކަށް ﷲ ތަޢާލާ މެދުވެރިކުރެއްވިއެވެ. މިއަދު މިވާހަކަ ކިޔައިދިން ޒުވާނާ އަކީ ދީނީ ދަޢުވަތު ދެމެންދާ ދާޢީއެކެވެ.




advertisment