އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން ޔޫރޭނިއަމް 20 އިންސައްތައަށް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އީރާނުން މިއަދު ބުނެފިއެވެ.
އީރާނުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ އީރާނުގެ ރަސްމީ ޓީވީ ބުނިގޮތުގައި އީރާނުން މަޑުމަޑުން ކުރިއަށް ދާނީ ނިޔުކްލިއަރ އެއްބަސްވުމުގެ ޝަރްޠުތަކާ ދުރުހެލިވަމުންނެވެ. އީރާނުގެ ޕްރެސް ޓީވީ ޗެނެލުން އީރާނުގެ ވަރަށް އިސް މަސްއޫލުވެރިއަކާ ޙަވާދީ ބުންޏެވެ. "އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމުގެ ކުރިން އީރާނުން ޔޫރޭނިއަމް 20 އިންސައްތައަށް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓައެއް ނުލާނެއެވެ." މި މަސްއޫލުވެރިޔާ އިންޒާރު ކުރެއްވި ގޮތުގައި އެމެރިކާއިން މި ޢުޤޫބާތްތައް އުވާނުލައިފިނަމަ 2015ގެ ނިޔްކްލިއަރ އެއްބަސްވުމާބެހޭ މުޢާހަދާގެ މާއްދާތަކަށް ޠަހަރާނުން ޢަމަލު ކުރުން މަޑުމަޑުން ހުއްޓާލާނެއެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި ވަރަށް އަވަހަށް ވަގުތުކޮޅު ހަމަވެދާނެއެވެ.
އެމެރިކާގެ އައު ހުށައެޅުމެއް
އެމެރިކާގެ ޕޮލިޓިކޯ ދުވަހު ނޫސް އެމެރިކާގެ ބައެއް މަސްއޫލުވެރީންނާ ހަވާލާދީ ބުނިގޮތުގައި ރައީސް ބައިޑްން މި ހަފުތާގެތެރޭގައި އައު ހުށައެޅުމެއް ޠަހަރާނަށް ހުށައަޅުއްވާނެއެވެ. މިއީ ވާހަކަދެއްކުންތައް އަލުން ފެށުމަށް ހިތްވަރުދޭނެ ހުށައެޅުމެއް ކަމަށް މި ނޫސް ބުންޏެވެ.
މި ނޫސް ބުނިގޮތުގައި މި އައު ހުށައެޅުމުގައި ޠަހަރާނަށް ޔޫރޭނިއަމް 20 އިންސައްތައަށް މުއްސަނދި ކުރުން ހުއްޓައިލުމަށް ރައީސް ބައިޑްން ގޮވައިލައްވާނެއެވެ. އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތައް އެމެރިކާއިން އުވާލާނެއެވެ. އެހެނަސް އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފައްދައިފާނެތީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމުތައް އިތުރަށް ތާށި ކުރުމަށް ބޭނުންވާ ފިޔަވަޅުތަކެއް ވޮޝިންގްޓަނުން އަޅާނެއެވެ.

އީރާނު މި ޝަރްޠުތައް ޤަބޫލުކުރާނެބާ!
މި ނޫސް ބުނާގޮތުގައި އީރާނުން މި ޝަރްޠުތައް ޤަބޫލުކުރާނެކަމެއް ނޭނގެއެވެ. މި އަހަރުގެ ކުރީކޮޅު އެމެރިކާއިން އީރާނަށް ހުށައެޅި ހުށައެޅުމަކަށް އީރާނުން ވަނީ ނޫނެކޭ ބުނެފައެވެ. އީރާނުން ބުނިގޮތުގައި ރައީސް ބައިޑްން މި މަސްއަލަ ޙައްލު ކުރައްވަން މާ ބޮޑު އަހައްމިއްޔަތެއް ނުދެއްވައެވެ.
2018ވަނަ އަހަރު އެމެރިކާއިން ވަނީ އެކަހެރިގޮތެއްގައި މި ނިޔުކްލިއަރ މުޢާހަދާއިން ވަކިވެފައެވެ. މި ކަމާ ވިދިގެން އެ އަހަރުގެ ނޮވެންބަރ 5ގައި ވަނީ އީރާނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް ވަރުގަދަކޮށްފައެވެ.މި ފިޔަވަޅުތަކުގެ އަމާޒަކީ އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވާލުމާއި އީރާނުގެ ބައެއް ބޭންކުތަކަށް ދަތިކުރުމެވެ. މި ބޭންކުތަކުގެތެރޭގައި އީރާނުގެ މަރްކަޒީ ބޭންކް ވެސް ހިމެނުނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި އީރާނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ޠަހަރާން އަތުން ތެޔޮ ގަތުން މުޅިން ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ.
ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް
އެމެރިކާއިން އައު ހުށައެޅުމަކަށް ތައްޔާރުވަމުންދާ އިރު އެމެރިކާއިން އީރާނާދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ތަން ވެސް ފެނެއެވެ. މި ދިޔަ އަންގާރަ ދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން އިޢުލާންކޮށްފައިވާ ގޮތުގައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އިސް ދެ އިންވެސްޓިގޭޓަރަކު ވަނީ ކަޅު ލިސްޓަށް އެރުވިފައެވެ. އެއީ އެ ދެ ބޭފުޅުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގަވާފައިވާތީ ކަމަށް ވޮޝިންގްޓަނުން ތުހްމަތު ކުރިއެވެ. މިއީ ރައީސް ބައިޑްންގެ ދައުރުގައި ޠަހަރާނާ ދެކޮޅަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާ އީރާނުގެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން އެ ވަގުތަކަށް އެންމެ މުނާސަބު ފިޔަވަޅު އަޅަމުންދާނެއެވެ.



advertisment