Support Us

ކޮވިޑާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރު އަމީން ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ކުއްލި ނޫސްބަޔާނެއް ނެރެފި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން އުޅުމުގައި ހެލްތު މިނިސްޓްރީގެ ވެރިން ބޮޑު ކޮރަޕްޝަނެއް ހިންގި ނަމަވެސް، އެ މައްސަލަ ޝަރީއަރަށް ފޮނުވޭ ވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ވަނަ ފަހަރަށް އިއުލާންކުރުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނޫސްބަޔާނެއް ނެރެފިއެވެ. ނަމަވެސް ރަސްމީ ބަންދު ދުވަހެެއްގެ އިރު އޮއްސުނު ފަހުން ކުއްލިއަކަށް ނެރުނު ހަތަރު ޕެރެގްރާފުގެ އެ ބަޔާނުގައި ބުނަން އުޅެފައި ވަނީ ކީކޭކަމެއް ސާފެއް ނުވެއެވެ.

"ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާ ކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް" ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބައެއް ކަންކަން ފާހަގަކުރައްވާފައިވާތީ، އެ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް އަންގައިފައެވެ.

"އެގޮތުން، މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިންނެވެ. އެ މުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައެވެ. އަދި އެ ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނެވެ.

"ދައުލަތުން އުފުލާ ދަޢުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްޞުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއި އެކު ދަޢުވާތައް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުޞޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމްކުރާ ކަމެކެވެ.

"އެހެންކަމުން ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މި ކޮރްޕްޝަންގެ މޫތައް ދައުލަތުގެ އެންމެ އިސް ގޭގެއަށް ވަދެފައިވާކަން ރައްޔިތުންނަށް އެނގޭ އެނގުމަށް މި ނޫސްބަޔާނުން އޮޅުވައެއް ނުލެވޭނެ. ތިޔަ ގެންގުޅުއްވާ ޒީރޯ ޓޮލަރެންސަށް ތަހުނިޔާ ދަންނަވަން. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިކުރުން.

  2. ރައީސް އިބްރާހީމް، ކީކޭތޯ އެ ނޫސް ބަޔާނުގައި ވިދާޅުވާން އެ އުޅުއްވަނީ؟ ބްރޫކް ލައްވައި އޭގެ ތަރުޖަމާވެސް ބްރޭކް ކޮށްލައްވާންވީ ނޫންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *