ފުއްޕަމުން މޭ ހުރެ ބިމުގައި ކަނޑަނީ ތިޔަ ބައިސާ
ދުށްތަނުން ދިން ޢިބުރަތް ޖަދަލު ކުރަންހޭ ބަހުސާ
އޮޅިގަނޑުން ނުކުމެވި މަންމާގެ ޙަރީމް އުނގު ގައި
ތޮޅިލަމުން ކުކުރި ޒަމާނެއްގެ ކޮބައިހޭ ނަޤުޝާ
ފިރުކެމުން ވެލިކެވެމުން މަންމަގެ ހިޔަނީގެ ތެރޭ
ބިރުތަކާ ފިކުރު ނުވާ ވީތަ ޙަޔާތެއް؟ ޙިއްސާ
ގެއްލިމަސްތީ ކަނޑުގައި އެދުމުގެ ރާޅާ ލެވެނީ
ނެތްކަމުން އީމާނުން ބަނދެވި ޙަޔާތުގެ ބޯސާ
ދުނިޔެ އާހުގެ ލޮލަކުން ރޮއިލި ކިތައް މީހުންތޯ
އުނި މިޖީފަތުގެ ދޮރުން ނުކުމެ ދިޔައީ އެކު ޝަޚުޞާ
މާލު ހުރި މަހުޖަނަކަސް ބާރުގެ ވެރި ރަސްކަލަކަސް
ފާލަމުން ފައިބާނޭ ދޫކޮށް ހުރިހާ ކީސާ
ރޭދުވާ ދައުރު ވަމުން މަގު އެބަދޭ ކުރުކުރަމުން
ހޭއަރާށޭ ތިޔަ ޣަފްލަތުގެ ނިދިން އޭ ނަފުސާ
މަދުނުވާ ޒާދުތަކުން ލާ އެނިގާރަން އެފަހުން
ބަނދެލަމާހޭ ދަތުރަށް ރީތި ފަށުވި ފެހި ބޮކުސާ
