ކެމްޕޭނުގައި އުޅެވޭ އުޅުން ލަދުވެތި ވަނީ އަދު އައިބަކަށް
ދެއްކޭ ނުދެއްކޭ ނޭގުމުން ދެން ސިފަވަނީ ބޮޑު ޖޯކަކަށް
ގޮސް ގޭގެއަށް ވަދެ ކުނިކަހާ ބަތްތެލި އުދާ ރޮށިވެސް ދަމާ
ބޮސްދޭނެއޭ ކުޑަ ދަރިފުޅަށް ހެދިގެން ނުހަނު ހެޔޮ މިތުރަކަށް
މޮޕު ވެސް އަޅާ ތަންތަން ފޮޅާ އެނދު ތަންމަތީ ގައި ބޯއަޅާ
ދޮގުތައް ދަނީ ގިނަ އޮއްސަމުން ހީވާނެހެން ތެދު ވައުދަކަށް
ހާލާއި އަހުވާލާ އަހައި ބޭރަށް އެވާ ގިލަނަށް ޓަކައި
މާލަސްތަކެއް ނުވެ ހީވެޔޭ ފޮނުވާނެޔޭ ފަރުވާއަކަށް
ގޮނޑިއަށް އައިސް އެރުމާއެކީ ނެތިދޭ ހަނދާން ކުރި ވައުދުތައް
ބޮނޑިތައް ބަނުން ދެން އޮންނަނީ ޕާޓީން ބުނާހާ ބުނުމަކަށް
މީހަކު އައިސް އެއްކަލަ ހަނދާން އާކޮށްދިނަސް މައިތިރި ގޮތުން
މީނާގެ މޫނުން ފޫގަޅާލާނޭ ކިބުރުވެރި ޒާތަކަށް
ދެން ފެންނަނީ ދެމެދުގެ އެވާ ފަރަގާ ތަފާތާ ދުރުކަމާ
ފެންނަން ވިޔަސް ލަދުފުޅު ގަނޭ ވަންނަން އެގޭ އަސްކަންޏަކަށް
* ނޯޓު: މިއީ ޒަމާނީ ލަވައެކެވެ. އަޅުގަނޑު ވަރަށް ނުހަދާ ވައްތަރެކެވެ. މިފަހަރު ހަމަ ލޮނުހެޔޮވަރު ކޮށްލީއެވެ.
