ޔަމަނުގައި ދިގުލަމުންދާ ހަނގުރާމައަށް ނިމުމެއް ގެނެވޭތޯ ސުޢޫދީ ޢަރަބިއްޔާއިން ނެގި އިސްނެގުމަކީ ހަމައެކަނި ޔަމަނުގެ ވިސަޑު ބިމުން ބޭރަށް ނުކުމެވޭތޯ އެޅި ފިޔަވަޅެއްނޫނެވެ. މީގެ އިތުރަށް އެއީ މި ހަނގުރާމައިގެ ބަދުނާމު ސުޢޫދީ ބޮލަށް ކަނޑަށް ހުޅަނގުންކުރާ ތުހްމަތުގެ ޒިންމާއިން ބަރީއަވުމަށް ރިޔާޟުން ނެގި އިސްނެގުމެކެވެ.
ސުޢޫދީ ޚާރިޖީ އަމީރު ފައިޞަލް ބިން ފަރަޙާން ބިން ޢަބްދުﷲ ސުލްޙައިގެ މި އިސްނެންގެވުން އިޢުލާނުކުރެއްވީ 22 މާރިޗުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ. މި އިސްނެގުމުގައި ހިމެނެނީ އދގެ ބެލުމުގެ ދަށުން މުޅި ޔަމަނުގައި ހަނގުރާމަ ހުއްޓުމާއި، މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި އދގެ ބެލުމުގެ ދަށުން ޔަމަނުގެ ހުރިހާ ފަރާތްތަކެއްގެ މެދުގައި މަޝްވަރާކުރުންތައް ފެށުމެވެ. މި މަސައްކަތް ކުރިއަށް ގެންދެވޭނީ ސަލާމަތީ މަޖިލީހުގެ 2216 ވަނަ ޤަރާރާއި ޔަމަނާ ބެހޭ ގަލްފުގެ އިސްނެގުމާއި މެކޭނިޒަމުގެ ދަށުންނެވެ.
މި އިސްނެގުމުގެ ސަބަބުން ހަނގުރާމަ ހުއްޓުމަކަށް އައިސް ޞަންޢާއު ވައިގެ ބަދަރު ވަގުތުން ހުޅުވި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ދަތުރުތައް ފެށޭނެއެވެ. އަދި ކާބޯތަކެއްޗާއި އުނދަނަ (ފިއުލް) އެތެރެކުރެވޭނެއެވެ.
ސުޢޫދީ ވަޒީރު ވިދާޅުވިގޮތުގައި ހުރިހާ ފަރާތްތަކުން މި އިސްނެގުން ހަމަ ޤަބޫލުކުރުމާއެކު މި އިސްނެގުން ތަންފީޒު ކުރަން ފެށޭނެއެވެ. ސުޢޫދީ ވަޒީރު ވިދާޅުވިގޮތުގައި އެހެނަސް ޙޫޘީންގެ ޙަމަލާތަކުން ސުޢޫދީ ބިމާއި ސަރަޙައްދު ޙިމާޔަތް ކުރުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރިޔާޟުން އަޅާނެއެވެ.
ޙޫޘީންގެ ރައްދު
ޙޫޘީންގެ "އަންޞާރުﷲ" ޖަމާޢާތް ބުނާގޮތުގައި ސުޢޫދީ މި އިސްނެގުމުގައި "އެއްވެސް އައު އެއްޗެއް" ނެތެވެ. ޙޫޘީންގެ އިސް މަންދޫބެއް ކަމުގައިވާ މުޙައްމަދު ޢަބްދުއްސަލާމު ރޮއިޓަރޒަށް ވިދާޅުވިގޮތުގައި މި މަޝްރޫޢުގައި "އައު އެއްޗެއް ނެތެވެ." އޭނާ ވިދާޅުވިއެވެ. "ކިންގްޑަމަކީ ހަނގުރާމައިގެ ބައެކެވެ. ޔަމަނާ ދެކޮޅަށް އެ ފަރާތުން އަޅައިފައިވާ ޖައްވާއި ވައިގެ ޙިޞާރު ވަގުތުން އުވާލަން ޖެހޭނެއެވެ." ޢަބްދުއްސަލާމު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ސުޢޫދީ ޢަރަބިއްޔާއާއި ޢުމާނާއި އެމެރިކާއާއެކު ސުލްޙައަށް ޓަކައި ވާހަކަ ދެއްކުންތައް ކުރިއަށް ގެންދާނަމެވެ." އޭނާ ވިދާޅުވިގޮތުގައި "ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް ހުޅުވުމަކީ އިންސާނީ ޙައްޤެކެވެ. އަހުރެމެންނަށް ފިއްތުމަށް ބޭނުންކުރާ އާލަތަކަށް މި ބަދަރުތައް ހަދައިގެން ނުވާނެއެވެ." ރޮއިޓަރޒް ބުނާގޮތުގައި މީގެ ދެ ހަފުތާ ކުރިން އެމެރިކާގެ މަސްއޫލުވެރިން ޢުމާނުގައި ޙޫޘީންގެ މަސްއޫލުވެރީންނާ ބައްދަލު ކުރެއްވިއެވެ. އެއީ ހަ އަހަރުވީ ޔަމަނުގެ ހަނގުރާމައަށް ނިމުމެއް ގެނެވޭތޯ އެމެރިކާއިން ކުރަމުންދާ މަސައްކަތެކެވެ.
އދގެ ބެލުމުގެ ދަށުން ޙޫޘީންނާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ވާހަކަދެއްކުންތައް ބޭއްވެމުންދާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އދން މަސައްކަތް ކުރަނީ ހަނގުރާމަ ކުރުން ހުއްޓުވޭތޯއެވެ.

މި ވާހަކަދެއްކުންތަކުގައި ސުޢޫދީ ޢަރަބިއްޔާގެ އަމާޒަކީ އެ ޤައުމުގެ ސަރަޙައްދުގެ އަމާންކަން ޖާމިނުކުރުމާއި އީރާނުގެ ނުފޫޒު ޔަމަނުން ބޭރަށް ލުމެވެ. މި ވާހަކަދެއްކުންތައް ބޭއްވެމުންދަނީ ދާދިވަރުކޮށްނެވެ. ޔަމަނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަތިޔާރު ބޭނުންކުރުން މަނާ ސަރަޙައްދެއް ޤާއިމުކުރުމަށް ސުޢޫދީން ވަނީ ހުށައަޅާފައެވެ. ޙޫޘީން އިސްކަންދެނީ ޔަމަނުގެ ޞަންޢާއު ވައިގެ ބަދަރާއި ޙުދައްޔިދާ ކަނޑުގެ ބަނދަރުގެ ޙިޞާރު އުވާލުމަށެވެ. މި ދެ ފަރާތަށް އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ އދގެ މަންދޫބު ގްރެފިތު ގަސްތުކުރައްވަނީ މި ވާހަކަދެއްކުން އިތުރަށް ފުޅައުކޮށް އދ ޤަބޫލުކުރާ ޔަމަނު ސަރުކާރު ވެސް މި ވާހަދެއްކުންތަކުގައި ބައިވެރި ކުރުމަށެވެ. ސުޢޫދީން ތާއީދު ކުރަނީ މި ސަރުކާރަށެވެ.
ޙުދައްޔިދާ ބަނދަރު ހުޅުވުމަކީ ޙޫޘީން ހައްލައިލުމަށް ކުރެވޭ ކަމެއް
ސުޢޫދީ ސުލްޙައިގެ އިސްނެގުމުގައި ޙޫޘީންނަށް އިންސާނީ އެހީތައް ދޭނެކަމަށާއި ޔަމަނު އަލުން އާރާސްތު ކުރުމުގައި ސުޢޫދީން އެހީވެދޭނެ ކަމަށް އިޝާރާތްކޮށްފައި ވެއެވެ. ޔަމަނުގައި ހުންނަވާ ސުޢޫދީ ސަފީރު މުޙައްމަދު އާލު ޖާބިރު ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއިން ޔަމަނަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ ވަނީ ދީފައެވެ. ޔަމަނު ސަރުކާރަށް ވާގިވެރިވުމުގައި ރިޔާޟުން މެދުނުކެނޑި ދަނީ އެހީވަމުންނެވެ. ޔަމަނުގެ އިޤްތިޞާދު ދެމެހެއްޓުމަށް ޓަކައި ރިޔާޟުން ޞަންއާއަށް އެހީވާނެއެވެ. އެހެނަސް އޭނާ ކަށަވަރުކޮށްދެއްވިގޮތުގައި ރިޔާޟުން އެހީވާނީ ޤާނޫނީ ސަރުކާރަށެވެ. ބާޣީންނަށް އެހީ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޢޫދީ ޢަރަބިއްޔާގެ ލަޑުދަނޑިއަކީ ކޮބާ!
ޙުދައްޔިދާ ބަނދަރު ހުޅުވުމަށް ސުޢޫދީން ވަޢުދުވުމުގެ އަމާޒަކީ ޙޫޘީން ހައްލައިލުން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. މި ބަނދަރަށް ލިބޭ އާމުދަނީ ވަންނަނީ ޙޫޘީންގެ ވޮލެޓަށެވެ. ރިޔާޟުން މި ބަނދަރު ޙިޞާރު ކުރީ މި ފައިސާއިން ޙޫޘީން މަޙްރޫމު ކުރެވޭތޯއެވެ.
ސުޢޫދީގެ މި އިސްނެގުމާ ޙޫޘީން ދެކޮޅުހަދާނެކަން ރިޔާޟަށް އެނގެއެވެ. މުޙައްލިލުން ވިދާޅުވާގޮތުގައި ރިޔާޟުގެ ބޭނުމަކީ ރިޔާޟުގެ ޒިންމާ ދުނިޔޭގެ ކުރިމަތީގައި ބަރީއަކުރުމެވެ. ރައީސް ބައިޑްން ރައީސް ކަމަށް ވަޑައިގަތީ ޔަމަނުގެ މަސްއަލަ ޙައްލު ކުރައްވާނެ ކަމުގެ ވަޢުދާއެކުގައެވެ. ބައިޑްން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެތެރޭގައި ޙޫޘީން ނިރުބަވެރީންގެ ލިސްޓުން ބޭރަށްލުން ވެއެވެ. އަދި އެމެރިކާއިން ޔަމަނު ހަނގުރާމައިގައި ރިޔާޟަށް ދެމުންދިޔަ ލޮޖިސްޓިކް އެހީ ހުއްޓައިލުން ވެސް ވެއެވެ.

އެހެންކަމުން ސުޢޫދީ މި އިސްނެގުމަކީ އެމެރިކާގެ ރައީސް ބައިޑްންއަށާއި ބައިނަލްއަޤްވާމީ ޢާއްމު ރައުޔާ ކުރިމަތިކޮށް ފޮނުވައިލި އިސްނެގުމެއް ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. ޔަމަނާ ބެހޭ އިސްތިރާތީޖީ ތަޖްރިބާކާރެއް ކަމުގައިވާ ޢަބްދުލްމަލިކުލްޔޫސުފީ ވިދާޅުވާގޮތުގައި ސުޢޫދީ އިސްނެގުމަކީ ޙޫޘީންގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރުމަށް ޓަކައި ރިޔާޟުން އެއްލި އެތިފަހަރެކެވެ. މި އިސްނެގުމުގެ ސަބަބުން ހަނގުރާމައިގެ ބުރަތައް ޔަމަނު ސަރުކާރުގެ ބޮލުގައި އަޅުވާފައި ސުޢޫދީ ޢަރަބިއްޔާއަށް އެ ސަރަޙައްދުން ބޭރަށް ނުކުމެވޭނެއެވެ.
ޙޫޘީންގެ ޢަދާވަތްތެރިކަން
ޙޫޘީންނަށް ބަލާއިރު އެމީހުން ސުޢޫދީ ޢަރަބިއްޔާ ދެކެ އަންނަ ރުޅިއަކީ ޒާތީ އަދި ފިކްރީ ކަމެކެވެ. އެމީހުންނަކީ ޙަންބަލީ މަޒްހަބު ދެކެ ރުޅި އަންނަ ބައެކެވެ. އެމީހުންނަކީ އާލު ސުޢޫދުގެ ވެރިކަން ޤަބޫލުކުރާ ބައެއްނޫނެވެ. ޔަމަނު ހަނގުރާމައިގައި ސުޢޫދީންނަށްވުރެ ގިނަ ޙޫޘީން މަރުވެފައިވިޔަސް އެމީހުންގެ މަޒްހަބީ ތަރްކީބަށް ބަލާއިރު އެމީހުންނަށް ބަރުދާސްތު ކުރަން ޖެހޭ ގެއްލުންތަކުގެ އަސަރު ކުޑައެވެ. އެމީހުންގެ އެންމެ ބޮޑު ވާގިވެރިއަކީ އީރާނެވެ. އީރާނުގެ ބޭނުމަކީ ޝީޢީ މަޒްހަބު ގަލްފުގައި ފަތުރައި ގަލްފުގައި އޮތް ސުންނީ ދައުލަތްތައް ނައްތައިލުމެވެ.
ނަމޫނާއަކީ ޙިޒްބުﷲ
މުޙައްލިލުން ވިދާޅުވާގޮތުގައި އަންޞާރުﷲ ޖަމާޢަތަކީ ޙިޒްބުﷲ ފަދަ ބައެކެވެ. ޙޫޘީން މަސައްކަތް ކުރާނީ ސުޢޫދީއާއެކު އެއްބާރުލައި ޔަމަނުގެ ޖަމާޢަތްތަކަށް ވީހާ ކުޑަ ފައިދާއެއް ލިބޭނެ މަގަކުންލައިފާގޮސް ޔަމަނުގައި އެމީހުންގެ އަތް ގަދަކުރުމަށެވެ. ލުބްނާނުގައި ވާ ޙިޒްބުﷲ ގޮތަށެވެ. ޙިޒްބުﷲއަކީ އީރާނުގެ ނުފޫޒު ފެތުރުމަށް ޓަކައި މެދުއިރުމަތީގައި އުފައްދާފައިވާ ޖަމާޢަތެކެވެ. އެމީހުން މިއަދު ވަނީ ސިޔާސީގޮތުންނާއި ޢަސްކަރީގޮތުން ބާރުގަދަ ބަޔަކަށް ވެފައެވެ. ލުބްނާނަށް ހަމަޖުހުމެއް ނައިސް ދާއިމީ ގަނޑުބަޑު ކަމެއްގެ ތެރެއަށް ލުބްނާނު ވެއްޓިފައި މި ވަނީ ޙިޒްބުﷲގެ ސަބަބުންނެވެ. އީރާނުން ބޭނުންވަނީ ޙޫޘީން މިފަދަ ބާރަކަށް ޔަމަނުގައި ވުމަށެވެ.



advertisment