Support Us

އެމެރިކާ- ޗައިނާ ސަމިޓްގެ ތަރުޖަމާނަށް ތަޢުރީފު އޮހެނީ

ބެއިޖިން، ޗައިނާ: ޗައިނާގެ މީސްމީޑިއާގައި "ޗައިނާގެ އެންމެ ރީތި ތަރުޖަމާނު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޒަން ޖިން އަކީ ހައި-ސްކޫލް ދުވަސްވަރުގައި ވެސް ޑިޕްލޮމެޓިކަކަށް ވުމުގެ ހުވަފެން ދުށް ކުއްޖެއް ކަމަށާއި އެއީ ރީތި ކުއްޖެއް ކަމަށް އޭނާގެ ކުރީގެ ޓީޗަރަކާއި ބައެއް ކްލާސްމޭޓުން ބުނެފިއެވެ.

ޗައިނާ-އެމެރިކާގެ އެލަސްކާ ސަމިޓްގައި ޗައިނާގެ ދައުލަތުގެ ކައުންސިލާރ ޔަންގ ޖިއޭޗީ ދެއްވި 15 މިނިޓްގެ ތަޤުރީރު ބަރާބަރުކޮށް މަޑުމައިތިރިކަމާއި އޮމާންކަމާއެކު، ތަރުޖަމާކޮށްދީގެން ޒަން ޖިންގ ވަނީ މުޅި ދުނިޔެ ހައިރާންކޮށްލައިފައެވެ.

ހައި ސްކޫލްގެ އިނގިރޭސި ޓީޗަރަކު ބުނިގޮތުގައި މިހާރު އުމުރުން 30 އަހަރުގެ ދުވަސްތައް ގުނަމުންދާ ޒަންއަކީ އަބަދު ވެސް ވަރަށް ސާދާ ޞަރީޙަ ސީދާ ބަހުން ވާހަކަދައްކާ ކުއްޖެކެވެ. އަދި އަބަދު ވެސް އޭނާއަށް އޭނާގެ ކުރިމަގުގެ ދާއިރާ ވަރަށް ސާފުކޮށް އެނގެއެވެ.

"އޭނާ ޖޫނިއަރ ހައި ސްކޫލްގައި އުޅުނު އިރު ވެސް މުސްތަޤުބަލުގައި ޑިޕްލޮމެޓިކް ދާއިރާގައި ޚިދުމަތްކުރުމުގެ ވަރުގަދަ ޢަޒުމެއް އޮވެއެވެ." 2013 ވަނަ އަހަރު "މެޓްރޯޕޮލިސް އެކްސްޕްރެސް"އަށް ދިން ބަސްދީގަތުމެއްގައި ހަންގުޖޯ ފޮރިން ލެންގުއޭޖް ސްކޫލްގެ ޓީޗަރެއް ކަމަށްވާ ހޫ ޔުއޭބިންގ ބުންޏެވެ.

"ހައި ސްކޫލްގައި އޭނާ ހޭދަކުރި ތިން އަހަރުގައި ވަރަށް މަތީ ގްރޭޑްތައް ހޯދި ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އެންމެ ފެންވަރު މަތީ ދެ ޔުނިވަރސިޓީކަމުގައިވާ، ޕީކިންގ ޔުނިވަރސިޓީ އާއި ސިންގހުއާ ޔުނިވަރސިޓީއިން އޭނާއަށް ޖާގަލިބުނެވެ. ނަމަވެސް އޭނާގެ ޑިޕްލޮމެޓިކް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި، އޭނާ ޚިޔާރުކުރީ 'ޗައިނާ ފޮރިން އެފެއަރސް ޔުނިވަރސިޓީ’އެވެ. އޭނާގެ ކުޅަދާނަކަމަށް ޓަކައި މި ޔުނވަރސިޓީއިން އެ ތަނަށް ވަންނަން ދޭ އިމްތިހާނު ހެދުމަކާނުލައި އޭނާއަށް ޖާގަލިބުނެވެ."

ހޫ ޔުއެބިންގ ބުނި ގޮތުގައި ޒަން ޖިންގގެ ހައި ސްކޫލްގެ ދައުރުގައި އޭނާ ކިޔެވި ހުރިހާ މާއްދާތަކަށް ވެސް ވަރަށް މޮޅެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސިވިލާތުން އޭނާއަށް ލިބުނު ސްކޮލާރޝިޕެއްގައި އޭނާ އިނގިރޭސި ވިލާތަށް ދަތުރުކުރިއެވެ. އެ ތަނުގައި އެ ގައުމުގެ ދަރިވަރުންނާއެކު ގާތް ގުޅުންތަކެއް އުފެއްދިއެވެ.

"ދިހަ ދުވަހުގެ ކުރު މުއްދަތެއްގައި އިނގިރޭސި ދަރިވަރުންނާއެކު ފުން މަޝްވަރާތައް ކުރުމުގެ ގާބިލުކަން އޭނާ ހޯދިއެވެ. އޭނާގެ އިނގިރޭސި ފެންވަރު އާދަޔާ ޚިލާފަށް މޮޅެއް ނޫންހެއްޔެވެ؟" ހޫ ޔުއޭބިންގ ސުއާލުކޮށްލިއެވެ.

ޑިޕްލޮމެޓިކް ސަމިޓްގައި ދެހާހަށްވުރެ ގިނަ ލަފުޒު ބޭނުންކޮށްގެން އޭނާ ގެނެސްދިން ތަރުޖަމާގެ އޮމާންކަމާއި އަޅައިގަތުމެއް ނެތުމުގެ ސަބަބުން އޭނާއަށް އޮހުނު ތަޢުރީފުގެ އިތުރަށް އޭނާގެ މާއްދީ ރީތިކަމަށް ޓަކައި ވެސް މީސްމީޑީއާގައި އޭނާއަށް އަންނަނީ ތަޢުރީފުތައް އޮހެމުންނެވެ. ޒަންޖިންގގެ ކުޅަދާނަކަމަށް ތަޢުރީފުކުރެއްވި ޑިޕްލޮމެޓުންގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވެސް ހިމެނިވަޑައިގަތެވެ. މި ސަމިޓްގައި ބައިވެރިވެވަޑައިގަތް އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޔަންގ ޖިއޭޗީގެ ދިގު ތަޤުރީރަކީ "ތަރުޖަމާނަށް ދެވުނު އިމްތިޙާނެކެވެ." ކުޑަ ހިނިފުޅު ވެޑުވުމަކާއެކު  ބްލިންކަން ވިދާޅުވީ ތިމަންނަމެން "މި އުޅުއްވަނީ ތަރުޖަމާނަށް ކުރިއެރުމެއް ދޭން" ކަމަށެވެ.

"އިސް ތަރުޖަމާނު ޒަންގޖިންގ އޭނާގެ މަޑުމައިތިރިކަމާއެކު ފުރިހަމަކުރި އޮމާން ބަރާބަރު ތަރުޖަމާއާއި ޑިޕްލޮމެޓިކްގެ ޙަރަކާތްތަކުންގެ ސަބަބުން އާ ޒަމާނުގައި ބޮޑު ބާރެއް ޑިޕްލޮމެޓިކް މުވައްޒިފުންނަށް ލިބިއްޖެއެވެ. ޙިކުމަތްތެރިކަމާއެކު، ހުނަރާއި ރީތިކަން އެ ތަރުޖަމާއާ ގުޅި ލައިމެހިފައިވެއެވެ. ތަހުނިޔާ!" އެކަކު ބުނެލިއެވެ.

އިންޓަނެޓްގެ އަހުލުވެރިޔަކު ބަޔާންކޮށްފައިވެއެވެ. "މިއީ އާދައިގެ ތަރުޖަމާއެއް ނޫނެވެ. އެކަމަކު ވަގުތުން ކުރި ތަރުޖަމާއެކެވެ. ބޭރު ބަހެއްގެ އެންމެ މަތީ ބަސްކޮށާރު ބޭނުންވާނެއެވެ. މި ތަރުޖަމާގައި ކުރުކޮށް ބަޔާންކުރުމުގެ ހުނަރާއި ޗައިނާ ބަހަށް ކުޅަދާނަވުމާއި އަވަހަށް ވަގުތުން ވަގުތަށް އިޖާބުދިނުމުގެ ހުނަރުވެސް ބޭނުންވެއެވެ." އެހެން މީހަކު ބަޔާންކޮށްފައިވެއެވެ. "އަހަރެންނަކީ މައިގަނޑު މާއްދާއެއްގައި އިނގިރޭސިބަސް ކިޔަވައި އިނގިރޭސި ބަހުން އެންމެ މަތީ ފެންވަރުގައި ފާސްވެފައިވާ މީކެކެވެ. އަހަރެން ވެސް ޒަންޖިންގގެ ތަރުޖަމާ އަޑުއެކުމަށްފަހު، އޭނާގެ ކުރިމަތީގައި ކުޑަކަކޫޖަހައި އަޅުކަންކުރާން ބޭނުމެވެ. (އެހާ ވެސް އޭނާ ކުޅަދާނައެވެ.)"

ޒަންއަކީ ހުރިހާ ކަމެއްގައި ވެސް މޮޅު ކުޅަދާނަ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަމުގެ ސަބަބުން އޭނާއަށް ލިބޭ ތަޢުރީފުތައް ހުއްޓުމެއް ނެތި އަންނަނީ އޮހެމުންނެވެ.

ޒަން އަކީ ހަމައެކަނި ތަރުޖަމާނުކަމަށް މޮޅު ހުނަރުވެރިއެއް ނޫނެވެ. އޭނާއަކީ އޭނާ އެންމެ ލޯބިކުރާ ކުޅިވަރުގައްޔާއި ޚާއްޞަކޮށް ވޮލީކުޅުމަށް ވެސް ވަރަށް ކުޅަދާނަ ހުނަރުވެރިއެކެވެ. އަދި ލަވަކިޔުމާއި ނެށުމާއި އެކިއެކި ރަސްމިއްޔާތުތައް ރާވައި ބެލެހެއްޓުމާއި ކުރެހުމުގެ ދާއިރާގައި ވެސް އޭނާއަކީ ވަރަށް ހުނަރުވެރި ފަންނާނެކެވެ. (ސައުތު ޗައިނާ މޯނިންގ ޕޯސްޓް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރާއްޖޭގައި ވެސް މޮޅުކުދީން އުޅޭ މޮޅު މީހުން ވެސް އުޅޭ. އޒ. ރަޝީދުމޫސާ، ޝައިޚު ފާރޫޤު، މުންދު، މިއީ ވަގުތުން ތަރުޖަމާކުރުމުގެ ކުޅަދާނަކަން ދައްކަވައިފައިވާ ބައެއް ބޭފުޅުން. ދިވެހިރާއްޖޭގައި މަދީ ތަޢުރީފުކުރާނެ ދޫތައް. ގިނައީ އާޑަކިޔާނެ ދޫތައް. ޗައިނާ މަންޖެއަށް އަޅުގަނޑުވެސް ތަހުނިޔާ އަދާކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *