އެނބުރި ދެ ދަގަނޑު ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- މާރިޗު 14 ވަނަ ދުވަހު ރިލެކްސްއިން ގޯޅިތެރެއިން އާންމު ފަރާތަކުން ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 55 ރުފިޔާ. އިންސިޑެންޓް ނަންބަރު 481593
- މާރިޗު 15 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޕިކަޕެއްގެ ސްޕެއަރޕާޓްސް. އިންސިޑެންޓް ނަންބަރު 481624
- މާރިޗު 16 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކޮންސްޓްރަކްޝަން ހޮޅި ބިޑިތަކެއް. އިންސިޑެންޓް ނަންބަރު 481729
- މާރިޗު 16 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ އެނބުރި ދެ ދަގަނޑު. އިންސިޑެންޓް ނަންބަރު 481746
- މާރިޗު 17 ވަނަ ދުވަހު ހުކުރު މިސްކިތް ވުޟޫކުރާ ތަނުން ފެނިގެން އާންމު ފަރާތުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އެޕަލް ގަޑިއެއް. އިންސިޑެންޓް ނަންބަރު 481878
- މާރިޗު 17 ވަނަ ދުވަހު ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 481845
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment