Support Us

ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ބަންގްލަދޭޝަށް ވަޑައިގެން، ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް މާޓިއަރޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބެއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާޡާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީޚާ ގުޅޭ މުހިއްމު ތަންތަން ބައްލަވާލެއްވިއެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޡާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޡާރަށް ނަން ދެވިގެންދިޔައެވެ. މި ދާރުލްއާޡާރު ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޙާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *