Support Us

ޅެންވެރީންގެ ބަހާރު

ޝާއިރުން ނެރުނު ޝަރަފްވެރިވި މަހައްލީ މި ބަހާރު
ދާއިރާ ދިރުވި ފެނުގެ މީރު ފެނާރީ މި ބަހާރު

ވަކިވަކިވެ ރޫޅި ބަޔަކު އެކިއެކި ތަންތާ ތިއްބާ
ވަކި ދިމާއެއް ނެތި ހުޅުވައި "ވެލްކަމް" ކީ މި ބަހާރު

ދެކުނު އުތުރާ ހުޅަނނގާ އިރުމައްޗަށް ދޭށެ ނަޒަރު
މެކުހު އޮތް ޅެންވެރިކަން ދިރުވީ ވެސް ހަމަ މި ބަހާރު

ފަންނު ތާޒާ ކުރަމުން ގުންޒަރުތައް ފަހިކުރަމުން
ނަން ވިދާހެން ސަފުގައި މަގު ދެއްކީ ނޫންތަ ބަހާރު؟

އިސް ސަފުން ވަކި އުމުރެއް ނެތި ހަމަހަމަ ފުރުސަތުތައް
އިސްކުރީ އަދުލާއެކު އެންމެނަށް ނޫންތަ ބަހާރު؟

ގައުމު ދުށް އަދުގެ ޒަމާން ޅެންވެރިކަން ދިރުވައިދިން
ބައުނުވާހެން ބިމުގައި ކުރި ފެޅުވީ އޮތް މި ބަހާރު

އެކި ގަހުން ގޮފިފަޅަމުން ކަފިވެ އެއިން އަފިއަފިލައި
އެކި ދިމާއިން ކުރިތައް ފެޅުވީ ވެސް ގައިމު ބަހާރު

ދިރުވުމަށް ޅެންވެރިކަން ނުގުޑާ ފަދަ އަޒުމެއްގައި
ބިރު ދުރަށް ލައި މި ކަނޑަށް ނުކުތީ ކެރިގެންނެ ބަހާރު

މޫނުއަލިކޮށް ނެރެލާށޭ ހިތުހުރި ފިތުނަ ޚިޔާލު
ދޫކުރާށޭވެ! ތަޢަސަބު އެދެނީ އަދު މި ބަހާރު

ޅެންވެރީންނޭ! ހިތްވަރު ލާށެ އަލުން އެކު ރޫޙާ
އެންމެނާއެކު އަބަދަށް ދާއިމު ވާށިޔެ މި ބަހާރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *