Support Us

މިރޭގެ ޕްރޮގްރާމުގައި އުމަރު ވާހަކަ ދައްކަވަނީ
އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްސަލަ:

އިންޑިއާ ބޭނުންވަނީ އުތުރުތިލަފަޅުގައި މިލިޓަރީ ބޭސްއެއް ހަދަން، އެކަމަށް ދޫދިނީ ކިހާވަރަކަށްތޯ އެނގޭނީ ސަރުކާރަށް: އުމަރު

އިންޑިއާ ސަރުކާރުން ބޭނުންވަނީ މިލިޓަރީ ބޭސްއެއް އުތުރުތިލަފަޅުގައި ހަދަން ކަމަށާއި އެކަމަށް ދިވެހި ސަރުކާރުން ދޫދީ، ހިފެހެއްޓީ ކިހާވަރަކަށްތޯ އެނގިވަޑައިގަންނަވާނީ ދިވެހި ސަރުކާރަށް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ތަރައްގީކޮށްދޭ އުތުރުތިލަފަޅު (ޔޫޓީއެފް)ގެ ބަނދަރާ ބެހޭ ގޮތުން އިންޑިއާއާއެކު ދިވެހި ސަރުކާރުން ހެދި އަށް ސަފުހާގެ އެއްބަސްވުމުގެ ޑްރާފްޓެއް އުމަރު އިއްޔެ ވަނީ މީޑިއާގައި ލީކްކޮށްލައިފައެވެ. ނަމަވެސް ދިވެހި ސަރުކާރުންނާއި އިންޑިއާ ހައިކޮމިޝަނުން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފައެވެ.

"އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް މިހާރު މިއޮތީ ފެންނަން. އިންޑިއާ ސަރުކާރުން ބޭނުންވަނީ މިލިޓަރީ ބޭސްއެއް އުތުރުތިލަފަޅުގައި ހަދަން. ކިހާވަރަކަށްތޯ ދިވެހި ސަރުކާރުން އެއަށް ދޫދިނީ، ހިފެހެއްޓީ އެނގިވަޑައިގަންނަވާނީ ދިވެހި ސަރުކާރަށް،" ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ)ގެ ފަރާތުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.

އިސްތިއުމާރީ ގޮތުން އިންޑިއާ އިން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުއްލަވާ އުމަރު ވިދާޅުވީ ލީކުކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމަކީ 22 ޖޫން 2020 ގައި ސީދާ އިންޑިއާ ސަރުކާރުން ހުށަހެޅި އެއްބަސްވުމެއް ކަމަށާއި އެމް.އެން.ޑީ.އެފްގެ މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެކަމަށް އިންކާރު ނުކުރައްވާ ކަމަށާއި ނަމަވެސް އޭގައި ހުރި ބައެއް ކަންކަމަށް އިންކާރު ކުރެއްވި ކަމަށެވެ.

އުމަރު ވިދާޅުވީ އެކިއެކި ނަންނަމުގައި އިންޑިއާއިން ދޭ އެހީގެ ގޮތުުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ފަތުރާލައިފައިވާ ކަމަށެވެ. މިގޮތުން އައްޑޫގައި ބާއްވާފައި އޮންނަ ހެލިކޮޕްޓަރާއި އެ ބަލަހައްޓަން ސިފައިން އެތާ އެބަތިބި ކަމަށާއި ޕޮލިސް ޓްރޭނިން ސްކޫލެއްގެ ނަމުގައި އައްޑޫ ހިތަދޫގައި މަރުކަޒެއް އެބަހަދާ ކަމަށާއި ލ. އަތޮޅުގައި އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވައި އިންޑިއާގެ ސިފައިން އެތާ ބައިތިއްބައި، ހދ. ހަނިމާދޫއަށް ޑޯނިއާ މަތިންދާ ބޯޓެއް ގެންގޮސް އިންޑިއާ ސިފައިން އެ ރަށުގައި ވެސް ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާއިން ދޭ ކޮންމެ އެހީއަކާއެކު އެމީހުންގެ މީހުން ރާއްޖޭގައި ބައިތިއްބާ ކަމަށެވެ.

"އައި.ޖީ.އެމް.އެޗު ދީފައި އައި.ޖީ.އެމް.އެޗު ބަލަހައްޓަންވެސް އެ މީހުން ތިބެންޖެހިއްޖެ، ހެލިކޮޕްޓަރު ދީފައި ހެލިކޮޕްޓަރު ބަލަހައްޓަންވެސް މީހުން ތިބެންޖެހިއްޖެ،" މިއީ އަޅުގަނޑުމެންގެ އިޝޫއަކީ. މިހާ ހިސާބަށް (އިންޑިއާއިން) މި ދިން ހުރިހާ ހަދިޔާއެއްގެ ފަހަތުގައި އެބަތިބި ސިފައިން ކޮންމެވެސް ގޮތަކުން މިތަނަށް އައިސްފައި. ކޮންމެވެސް ސިފައެއްގައި އައިސް އެބަތިބި. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ،" އުމަރު ވިދާޅުވިއެވެ. "އެހެންވެ ޔޫ.ޓީ.އެފްގެ މި އެގްރިމަންޓު މިއީ މުޅި ޗޭނުގެ އެއް ބޮޅު. މި ހުރިހާ އެއްޗެ ބަލާއިލާއިރު (އެގްރިމަންޓުގެ) ބަންޑެލި މިހާކަންހާވަރުވާނެ. އެކަމަކު މިވަރުގެ ބޮޑު ބަންޑެއްޔެއް ހިފަހައްޓައިގެން މީގެން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަށް ނުދައްކާން މި ސަރުކާރުން މަސައްކަތް ކުރަނީ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ."

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވީ، މިދިޔަ އަހަރުގެ ޖޫންގައި، ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖޭގެ އިގުތިސޯދާއި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އުނދަގޫ ދަނޑިވަޅެއްގައި ކަމަށާއި އިންޑިއާއިން ގަބޫލްކުރީ އެ ދަނޑިވަޅުގައި ފޮނުވުމުން ދިވެހި ސަރުކާރުން އެ އެގްރިމަންޓް ގަބޫލްކޮށް ސޮއިކުރާނެ ކަމަށް ކަމަށެވެ.

"އެއީ އެ މީހުންގެ (އިންޑިއާގެ) ބޭނުމަކީ. އެހެންވެގެން އެހާ ބޮޑަށް އަޅުގަނޑުމެންނަށް ދަތިވެފައި އޮތް ވަގުތެއްގައި މި ފޮނުވީ. އެއީ ދެން އާންމުކޮށް މިކަން ކުރާ ގޮތް. ދިވެހި ސަރުކާރުން ކިހާވަރަކަށްހޭ ދޫދިނީ ދިވެހި ސަރުކާރުން ހިފެހެއްޓީ ކިހާވަރަކަށްހޭ އެއެއް އެނގިވަޑައިގަންނަވާނީ ދިވެހި ސަރުކާރަށް. އަޅުގަނޑު މި ދަންނަވަނީ މިހާރު (ލީކުކޮށްލާފައިވާ) މި އޮތް އެއްބަސްވުމަކީ އިންޑިއާ ސަރުކާރުން އޭތި ފޮނުވި ގޮތަށް އޮތް އެއްޗެކޭ،" އުމަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ދިވެހި ސަރުކާރުން ބަދަލު ގެންނެވި ކަމަށްވަންޏާ، މިއަށް އެއްވެސް އެއްޗެއް އެއްކުރެއްވި ކަމަށްވަންޏާ، މީގެން އެއްވެސް އެއްޗެއް އުނިކުރި ކަމަށް ވަންޏާ އެ އެއްބަސްވުމެއް އަޅުގަނޑުމެންނަށް ދައްކާށޭ."

އުމަރު ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރަކީ ޑިމޮކްރަސީއަށާއި ޓްރާންސްޕޭރަންސީއަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ކަމަށް ބުނާ ބައެއް ކަމަށެވެ.

"އެހެންވީމަ ޑިމޮކްރަސީއާއި މައުލޫމާތުގެ މިނިވަންކަމާއި ޓްރާންސްޕޭރަންސީއާ ހޅުވިފައި އޮތުމާއި މި އެއްޗިއްސަށް ވަކާލާތު ކުރައްވާފައި މިކަމާ އައިސް ޖެހުނީމާ ހަމަ ހުރިހާ އެއްޗެއް ބަންދު. އެއްގޮތަކަށް ވެސް މިއާ ބެހޭ މައުލޫމާތު ހާމަކުރައްވާކަށް އެއްބަހެއްނުވޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު އަދި ވިދާޅުވީ އޭނާ ފުރަތަމަ ހީކުރެއްވީ މައްސަލަ ބޮޑުވެފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކަމަށެވެ. އެކަމަކު މި ކަމުގައި ޑިފެންސް މިނިސްޓަރު ފިއްލަވާފައި މީޑިއާ ކުރިމައްޗަށް ނެރުނީ އެމް.އެން.ޑީ.އެފްގެ ޖެނެރަލުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ޑިފެންސް މިނިސްޓަރު ވިދާޅުވި ތަންކޮޅެއް ކުރީގައި، ސިފައިންނޭ ފިލީ ނޮވެމްބަރު ތިނެއްގައި. މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ ޑިފެންސް މިނިސްޓަރު ފިއްލަވާފައި ސިފައިންގެ ޖެނެރަލުން މިކަހަލަ ކޮންޓްރަވާޝަލް އެއްޗަކާ ފޭސްކުރަން އެ ބޭފުޅުން ނެރުއްވިތަން. މިއީ ވަރަށް ދެރަކަމެއް އިނގޭތޯ އެއީ،" އުމަރު ވިދާޅުވިއެވެ. "އެމް.އެން.ޑީ.އެފަކީ އަޅުގަނޑުމެންގެ ފުރިހަމަ އިހުތިރާމް ލިބިގެންވާ، އަޅުގަނޑުމެންގެ ސަޕޯޓު ލިބިގެންވާ އިންސްޓިޓިއުޝަނެއް. އަޅުގަނޑުމެން އަބަދުވެސް އެދެނީ އެމް.އެން.ޑީ.އެފަށް ކުރިއެރުން. އަޅުގަނޑުމެން ބޭނުމެއް ނޫން އެމް.އެން.ޑީ.އެފާ ބެހޭ ގޮތުން އެއްވެސް ބަޔަކު އެއްވެސް ގޯސް ވާހަކައެއް ދައްކާކަށެއް. އެކަމަކު ގައުމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަ ހާލަތެއްގައި އެ ވާހަކައެއް އަޅުގަނޑުމެން ދައްކާނަން،" އުމަރު ވިދާޅުވިއެވެ. "މި ވާހަކަ ދައްކާލަން ޖެހޭ މައިގަނޑު ސަބަބަކީ އެމް.ޑީ.ޕީގެ ސަރުކާރުން އެ ބޭފުޅުން ވައުދުވެވަޑައިގެންނެވި ގޮތަށް، ޓްރާންސްޕޭރަންޓް ގަވަންމަންޓެއް ނުގެނެވުމުން. ޓްރާންސްޕޭރަންޓް ގަވަންމަންޓެއް ގެނެސްފައި މި އެއްބަސްވުން ހަމަ އަޅުގަނޑުމެންނަށް ދައްކާލުމުން ވާހަކަ ނިމުނީ. މި ވާހަކަ ދައްކާކަށް ނުވެސް ޖެހުނީސް."

އުމަރު ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނޯންނާނެ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފައި، ހަމަ އެ ނޭވާގައި، މި އެއްބަސްވުން ދައްކައިފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާވާނޭ ބުނާ ކަމަށެވެ.

"އެހެންވީމާ ކޮންމެވެސް އެކައްޗެއް ވިދާޅުވާންޖެހޭނީ. މި އެއްބަސްވުން އާންމުނަށް ދެއްކުން އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްތޯ ނުވަތަ މި އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނެތީތޯ؟ ކޮންމެވެސް އެއްގޮތަކަށް ނިންމަވަންވާނީ. މިއީ މިލިޓްރީގެ އެއްވެސް އިންވޯލްމަންޓެއް ނެތް ސިވިލް ޑޮކިއުމަންޓެއް ކަމަށް ވަންޏާމުން މި ޖެހޭނެ ދައްކަވަން. މިއީ މިލިޓްރީ ޑޮކިއުމަންޓެއް ކަމަށް ވަންޏާ، މިއީ ސިއްރު ޑޮކިއުމަންޓެއް ކަމަށް ވަންޏާމު ޖެހޭނެ ޕާލަމަންޓަށް (މަޖިލީހަށް) މީތި ގެންދަން. ކޮންމެވެސް އެއްކަމެއް ކުރައްވަންވާނެ."

އުމަރު ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުން ސޮއިކުރުމާ ހަމައަށް އައިއިރު ފެނިފައި ވަނީ ދިވެހި ދައުލަތުގެ ފަނަރަ ވަރަކަށް މީހުންނަށް އެކަނި ކަމަށެވެ.

މިރޭގެ ޕްރޮގްރާމުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ޔާމީނު ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކަންކަން މިހާރު ކުރިއަށްދާގޮތުން އެކަމަނާގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖެ މިހާރު ފެންނަނީ ވަކި ގައުމަކާ މާ ބޮޑަށް ކައިރިވެގެން، ހުރިހާ ދާއިރާއެއްގައި އެ ގައުމުގެ ނުފޫޒު ފަތުރަމުންދާތަން ކަމަށެވެ.

ދުންޔާ ވިދާޅުވީ ބައެއް ގައުމުތަކުގައި ބޭރުގެ މިލިޓަރީ ބޭތިއްބުމުގެ މައްސަލަ މިހާރު ނުކުމެފައިވާ ކަމަށެވެ. މިގޮތުން މޮރިޝަސް އާއި ސީޝެލްސްގެ ނަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވިދާޅުވީ އެ ދެ ގައުމުގައިވެސް އެ މައްސަލަ އުފެދިގެން އުޅެނީ އިންޑިއާގެ ނުފޫޒުން ކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އެކިއެކި ދާއިރާއަށް ޒަމާނުއްސުރެ އިންޑިއާއިން ދެމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އެކަމަކު މީގެ މާނައަކީ މިލިޓަރީ ޕްރެސެންސެއް އެ ގައުމެއްގައި އޮތުމެއް ނޫން ދެއްތޯ. އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅު ސްރީލަންކާ، ބަންގްލްދޭޝް، ޕާކިސްތާނާ ވެސް. އަދި ޗައިނާއަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ގާތް ފްރެންޑެއް. ތަރައްގީގެ ގިނަގިނަ މަޝްރޫއުތަކަކަށް އެހީ ލިބިގެން އެކަންތައްތައް ނިމިފައި މި އޮތީ. އެކަމަކު ބައެއް ބޭފުޅުން ވިދާޅުވަނީ މިސާލަކަށް ޗައިނާ ވީމަ އެއީ ދަރަނީގެ ދަންތުރައެކޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ޗައިނާ ވެސް އަޅުގަނޑުމެން ޑެޓް ޓްރެޕަކަށް ލާކަމަކަށް،" ދުންޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މިނިވަންކަން ހިފެހެއްޓޭނީ ވަކި ކަހަލަ ލެވެލްއެއްގައި ގުޅުން ބަދަހިކޮށްގެން. އެއީ ޚާރިޖީ ދާއިރާއަށް ބަލައިފިއްޔާ ހުރިހާ ގައުމެއް ވެސް އެ ބަލަނީ އެ ގައުމެއްގެ އިންފްލުއެންސް އެހެން ގައުމެއްގެ މައްޗަށް (ފޯރުވަން) ….ގުޅުންތައް ވަކި ލެވެލްއެއްގައި ހުރިހާ ގައުމަކާ ބަދަލުކުރަމުންދާތީ އަޅުގަނޑުމެންނަށް މި ބެލެންސް ހިފެހެއްޓިފައި މި އޮތީ. އެކަމަކު މިހާރު އެ ބެލެންސް މި އޮތީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައި. ތަރައްގީ އަށް ބެއްޔަސް، ލޯންތަކަށް ބެއްޔަސް، ގްރާންޓް އެސިސްޓެންސަށް ބެއްޔަސް، އެންމެ ގައުމަކުން އެކަނި ދެއްތޯ؟ އެހެންވީމާ މިކަހަލަ ހާލަތެއްގައި އަޅުގަނޑުމެން އިތުރަށް އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެންނަށް މިކަހަލަ އެގްރިމަންޓްތައް (ހަދަން) ފޯސްކުރެވިވެސްދާނެ ދެއްތޯ؟ އެހެން ބައިވަރު ކަންތައްތަކާ ޓައިވެފައި (ގުޅިފައި) ހުންނަ ކަންތައްތަކެއް. ކޮންމެ ގޮތެއް ވިޔަސް ރައްޔިތުންގެ ވަރަށް ގިނަ އެކްސްޕެކްޓޭޝަންތަކެއް އެބައޮތް. މި ދަތި ހާލުގައި ސަރުކާރު އެހީ އެބަ ބޭނުންވޭ ދެއްތޯ؟ ވިޔަފާރިތަކަށް ވިޔަސް ހަމަ. އެހެންވީމާ އެ ގައުމެއްގެ ފައިބުޑަށް ވެއްޓުން އަޅުގަނޑުމެން މި ކިޔަނީ، އެ ހިސާބަށް ދިޔައީމާ އަޅުގަނޑުމެންގެ ސޮވެރިންޓީއަށް އިމްޕިންޖުވާ ކަހަލަ ކަމެއް މިހާރު މިއޮތީ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Miqaumuge sifange meehunge agu vahtailumahtakaives miadu noos konfarensgai maariaa baiveri nuvumakee sifainlahvaa rahyyithun kurimatheegai dhogubunaabaeh kamugai dhivehi rahyyithunah dhahkankurikameh varahsaau ingeythoa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *