އުތުރު ތިލަފަޅުގައި ކޯސްޓްގާޑު ބަނދަރެއް ތަރައްގީކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބަޔަކު ތިބޭނެ ވާހަކަ ނޯންނާނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެއެވެ.

"ސޮއިކުރެވިފައިވާ އެގްރިމެންޓުގައި އަސްކަރީ ބަޔަކު ތިބޭނެ ވާހަކައެއް ނޯންނާނެ. ސޮއިކުރި އެގްރިމެންޓުގައި ހަތިޔާރު އެޅި ބަޔަކު އެތަނުގައި އޮޕަރޭޓްކުރާނެ ވާހަކައެއް ވެސް ނޯންނާނެ. ވަރަށް ހާމަކޮށް އަޅުގަނޑު (ދަންނަވަން) ބޭނުން،" މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން "ދިވެހި ރައްޔިތުން އެއްވެސް ނުރައްކަލެއް ނެތް" ކަމަށެވެ.
އިންޑިއާ އިން ތަރައްގީކޮށްދޭ، ޔޫޓީއެފްގެ ބަނދަރާ ބެހޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން ހެދި އަށް ސަފުހާގެ އެއްބަސްވުމުގެ ޑްރާފްޓެއް އިއްޔެ ވަނީ މީޑިއާގައި ލީކްކޮށްލައިފައެވެ. ނަމަވެސް ދިވެހި ސަރުކާރުންނާއި އިންޑިއާ ހައިކޮމިޝަނުން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފައެވެ.
މި މައްސަލައިގައި އެމްއެންޑީއެފްގެ އެންމެ އިސް އަށް ޖެނެރަލުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހި ސިފައިން ބޭނުންވާ ތަނެއް ކަމަށާއި އެކަން ކުރުމަށް ސަރުކާރަށް ބާރުއަޅަނީ ވެސް ދިވެހި ސިފައިން ކަމަށާއި އެއީ ގާނޫނު އަސާސީން ލާޒިމްކުރާ މިޝަން ހާސިލްކުރުމަށްޓަކައި އެފަދަ ފެސިލިޓީއެއް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއްމު ރައްޔިތުންނަށް ވެސް ދޭން ބޭނުންވާ މެސެޖަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކްލޯސެއް، އެއްވެސް އާޓިކަލެއް، އެއްވެސް މާއްދާއެއް މި އެގްރިމެންޓުގައި ނޯންނާނެކަން،" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ްވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ އިސް ޖެނެރަލުންގެ މެދުގައި އެކި ފަހަރު މަތިން މަޝްވަރާކުރެވުނު އެގްރިމަންޓެއް ކަމަށެވެ. އަދި އޭގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމުގެ މަޝްވަރާ ފެށީ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2013 ވަނަ އަހަރެވެ. ނަމަވެސް ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު ފަޅުތެރޭގައި އޮންނަންޖެހުމާއި މަރާމާތުނުކުރެވުމުގެ މައްސަލަތައް ދިމާވާން ފެށުމުން އެކަމުގެ ބޭނުން ކުރީއްސުރެ އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ އުތުރުތިލަފަޅުގެ މިލްކިއްޔާތު އޮތީ ދިވެހި ދައުލަތުގައި ކަމަށާއި އެތަން އޮޕަރޭޓްކުރާނީ ވެސް ދިވެހި ދައުލަތުން ކަމަށެވެ. އަދި އެ ތަނަށް އެއްވެސް ފަރާތަކުން އާދެވޭނީ ދިވެހި ދައުލަތުގެ ހުއްދަ ލިބިގެން، ދިވެހި ދައުލަތުން ނިންމާ މުއްދަތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.



advertisment
3 Responses
ރަނގަޅު ޢެގްރިމެންޓްއެ އެޢްވިއްޔާ ރަށްޔިތުންނަށް ދަށްކާބަލަ ދަށްކަން ނުކެރިގެން އުޅެނީ ބޮޑުސިއްރު ބޭޒާރުވާނެތީ ވަރަށްސާފް ޢިނގޭތޯ
Ebbas vumeh vefai vey dhw. kaleymen dhakkaa vaahakaigai thedhuveri kameh neh. isthiufaa dheefa geah dhey
Siyaasee vegen difaaey baaru e ey hitah araa haa meehaku hituhuri gotah battan kohgen vaahaka dahkaa tanakah vejje nama maadamaa ge nateejaa varah gors vedaane