Support Us

ވެލީގެ ޠޫފާނެއްގެ ސަބަބުން ބެއިޖިންގގެ ވައި ވިސަޑުވެއްޖެ

ވެއްޔާއި ހިރަފުހުގެ ޠޫފާނެއްގެ ސަބަބުން ސީނުކަރައިގެ ވެރިރަށް ބެއިޖިންގާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުގެ ވައި، ވަރަށް ބޮޑަށް ވިސަޑުވެ، ވައިގެ ފެންވަރު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

"ލީޝުއޯ ގްރީންޕީސް" އިން އޭއެފްޕީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙާލަތު މެދުވެރިވި ކަމަށް ލަފާކުރެވެނީ ކޮރޯނާވައިރަސް ޢަލަމީވަބާގެ ސަބަބުން ސީނުކަރައަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި ޞިނާޢީ ހަރަކާތްތައް އާދަޔާ ޚިލާފަށް އިތުރުކުރުމުގެ ސަބަބުންނެވެ.

ގޮބީވާދީއިން އައި ވެއްޔާއި ހިރަފުހުން ކުރިމަތިވި ވިސަޑުގެ ސަބަބުން އުފެދިފައިވާ ވިހަ ޒައްރާތައް (ޕާރޓިކިޔުލޭޓް މެޓަރ) ހުރީ ދިހަ މައިކްރޯމީޓަރަށް ވުރެ ވެސް ދަށުގައި ކަމަށާއި މުޅި މި ސަރަހައްދުގެ ޙާލަތުގެ ވެސް ހުރީ މި ގޮތަށް ކަމަށް ޚަބަރު ލިބެއެވެ. ޕާރޓިކިޔުލޭޓް މެޓަރއަކީ އިންސާނުންގެ ޞިއްޙަތަށް އެންމެ ނުރައްކާތެރި ވައްތަރެވެ. މި ކަމުގެ ސަބަބުން ފުއްޕާމެޔާއި ސިކުނޑިއާއި ހިތުގެ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ އިންސާނާގެ އުމުރުކުރުވުމަށް މެދުވެދާނެ ސަބަބެއް ކަމަށް ވެސް ބެލެވެއެވެ.

މި ބާވަތުގެ ޒައްރާތައް އިތުރުވުމުގެ ސަބަބުން މި ސަރަހައްދުގެ ޖައްވީވައިގެ މިންވަރު ނުރައްކާތެރި ދަރަޖައަކަށް ހިނގައިދާނެކަމަށް ލަފާކުރެވެއެވެ. އިއްޔެ ކުރިމަތިވި މި ހާދިސާގައި ބެއިޖިންގގެ އިރުއުތުރަށް ޖެހުނު ވައިގެ ބާރުމިނަކީ ގަޑިއަކު 25-30 މޭލެވެ. މި ޠޫފާނުގެ ސަބަބުން ހެނދުނު އަށެއް ޖެހިއިރު ލޮލަށް ފެންނަ ދުރުމިން މޭލަކަށް ކުޑަވިއެވެ. ލޮލަށް ފެންނަ ދުރުމިން އެއް މޭލު ދެމޭލެއްހާ މިންވަރެއްގައި ބާރަވަރަކަށް ގަޑިއިރަށް ދެމިގެންދިޔައެވެ.

ވެލީގެ މި ޠޫފާނުގެ ސަބަބުން އަވަށްޓެރި މޮންގޯލިޔާގެ އިރުދެކުނު ސަރަހައްދަށް ވެސް ހިރަފުހުގެ ބޯ ވިލާތައް ތަޖުރިބާކުރާންޖެހުނެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓް (ނޫހުން) ޚަބަރުދޭ ގޮތުގައި މި ޠޫފާނުގައި މަދުވެގެން ހައެއްކަ މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.

މީޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މޮންގޯލިއާ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރުމާއެކު ވައިގެ ބާރުމިން ހުރީ ގަޑިއަކު 45-55 މޭލު ބާޜުމިނުގައެވެ.

މި ޠޫފާނުގެ ސަބަބުން ގެއްލުނު 548 މީހުންގެ ތެރެއިން 467 މީހަކު ހެނދުނު ނުވައެއް ޖެހިތަނާ ވަނީ ފެނިފައެވެ. ނުފެނިވާ 81 މީހަކު ހޯދުމުގެ މަސައްކަތް، މީހުން ހޯދައި ސަލާމަތްކުރާ ޓީމުތަކުން އަންނަނީ ކުރަމުންނެވެ.

އާންމުންގެ ފަރާތުން ޚަބަރު ލިބޭ ގޮތުގައި ގިނަ މީހުން ގެއްލުނީ ގެޔަށް ބޭނުންވާ ކާބޯތަކެތި ހޯދާން ވެލީގެ ޠޫފާނުގެ ތެރޭގައި ބޭރަށް ނުކުމެ އުޅުމުގެ ސަބަބުންނެވެ. ފޮތި މާސްކާއި ގޮގުލް އަޅައިގެން ބޯ ނިވައިކޮށްގެން ނޫނީ ބޭރަށް ނުކުމެ ނޫޅޭން ޢާންމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ސީނުގެ މޫސުމާބެހޭ އިދާރާއިން އެ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

ޠޫފާނުގެ އަސަރު ރޭ ނުވައެއް ޖެހިފަހުން، ވައި މަޑުވުމުގެ ސަބަބުން، ވަނީ ރަނގަޅުވާން ފަށައިފައެވެ. އަދި ވަރަށް އަވަހަށް ވައި ސާފުވެ އާންމު ޙާލަތަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ހިރަފުހުގެ އަސަރު މިއަދުގެ ވަގުތެއްގައި އުތުރުކޮރެއާއާއި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދަށް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު މޮންގޯލިއާއާއި ސީނުކަރައާއި ކޮރެއާ ސަރަހައްދަށް ވެލީގެ ޠޫފާނުތައް ފޯރުމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އެހެނީ ސީނުކަރައިގެ އުތުރާއި މޮންގޯލިއާގެ ދެކުނުގައި އޮންނަ ގޮބީވާދީއަށް ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ، ފެބްރުވަރީ، މާރިޗު މަހުގައި ވާރޭވެހުމަކީ ވަރަށް މަދުންނޫނީ ނުވާ ކަމެކެވެ. އެހެންކަމުން މި ދުވަސްވަރަކީ މި ސަރަހައްދުގެ އެންމެ ހަނަފަސް ދުވަސްވަރެވެ. މި ކަމުގެ ސަބަބުން ހިރަފުހާއި ވެލީގެ ޠޫފާނުތައް މި ސަހައްދަށް ފޯރުމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އެހެންނަމަވެސް ހޯމަދުވަހު ކުރިމަތިވި ވެލީގެ ޠޫފާނަކީ މި ހިނގާ ދަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި ވެލީގެ ޠޫފާނުކަމަށް މޫސުމާ ބެހޭ އިދާރާތަކުން ޚަބަރުދެއެވެ. ހިރަފުހުގެ ސަބަބުން އިއްޔެ މުޅި ޖައްވު އޮތީ ރިނދޫވެފައެވެ. ބެއިޖިންގެ ރަށްވެއްސެއް ކަމަށްވާ ފްލޯރާ ޒައު ރޮއިޓަރސް އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ތިމަންނަ ހީކުރީ ގިޔާމަތްވީ ކަމަށެވެ. (މަޢުލޫމާތު: ރޮއިޓަރސް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *