Support Us

ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ގުޅުން ދެމެހެއްޓުމަށް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކާވަފައިވަނީ މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ދެއްކެވުމުގެ ރަސްމިއްޔާތުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިރާއްޖެއިން ޤަޠަރަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރުގެ ސަރުކާރުން ވެދެމުން ގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ދިވެހިރާއްޖެއަށް ލިބޭނެ ފަދަ ގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 އެ ޤައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރު ވާހަކަފުޅު ކުރިއަށްގެންދަވަމުން ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާ ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރެއްވުމަށް، ދިވެހިރާއްޖެއިން ޤަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާއި ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ޤަޠަރާ އެކު މަސައްކަތްޕުޅުކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޤަޠަރަށް ޒިޔާރަތްކުރެއްވި ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެއަށްފަހު ޤަޠަރުގެ އަމީރީ ދީވާންއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއެވެ. އަދި ޤަޠަރު ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *