އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ދޫނިދޫގައި އިއްޔެ ނައްތާލާފައި ވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2012 ވަނަ އަހަރުގެ އެއް މައްސަލައަކާއި 2017 ވަނަ އަހަރުގެ އެއް މައްސަލައެއްގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނައްތާނުލެވި ހުރި ޖުމްލަ 210 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން ނައްތާލާފައި ވަނީ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމުގައި ވެސް ފުލުހުން ބުނެއެވެ. އަދި އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ތަކެތީގެ ތެރޭގައި ހިމެނެނީ 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅި އާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެއްޗެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތައްޓާއި ބާލިދީ އާއި ގޭސް އުނދުން އަދި ގޭސް ފުޅި ފަދަ ތަކެތި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި އެކި ސަބަބުތަކާ ހެދި ނައްތާނުލެވޭ ތަކެތީގެ އިތުރުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ނައްތާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.



advertisment