ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅަކާއި ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް އެ ވަފުދުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާއި ދެ ޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ބަނގުލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.
ޑާކާ އަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި "ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތެއް ކުރެއްވުމާއި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 20 ވަނަ ދުވަހުގައެވެ.



advertisment