Support Us

ޑީ.އެން.އޭގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖު -އަދިވެސް ފޮޓޯ

ޕީ.ސީ.އާރު ޓެސްޓު ހަދަން ސަރުކާރު ހޮސްޕިޓަލްތަކުން އަގު ނެގުން ހުއްޓާލުމަށް ޑީ.އެން.އޭ އިން ގޮވާލައިފި

ކޮވިޑް 19 އާ ގުޅިގެން ހަދާ ޕީ.ސީ. އާރު ޓެސްޓު ހެދުމަށް ސަރުކާރު ހޮސްޕިޓަލްތަކުން އަގު ނެގުން ހުއްޓާލުމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ގޮވާލައިފިއެވެ.

ޑީ.އެން.އޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް 19 އާ ގުޅިގެން، ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެތުރިފައިވާ ޞިއްޙީ ބަލިމަޑުކަމާއި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޟަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަން ޖެހިފައިވާ ޕީ.ސީ. އާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ އަގަކީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އަސާސީ ޙައްޤަކުން މަޙްރޫމު ކުރުވަން އޮތް ފުރުސަތެއް ކަމުގައި ސަރުކާރުން ހަދައިފައިވާ ކަމަށް ޑީ.އެން.އޭ އިން ދެކޭ ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި ޕީ.ސީ. އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށް ގެނައުމަށް ކިޓެއްގެ އަގަކީ ގާތްގަނޑަކަށް 5 ޔޫއެސްޑޮލަރު (77 ދިވެހި ރުފިޔާ) އާއި 15 ޔޫއެސްޑޮރު (231 ދިވެހި ރުފިޔާ) އާ ދެމެދުގެ އަގެކެވެ. ކޮންމެހެން ދަތުރެއް ކުރަން ޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ.އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހެއެވެ. މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއް ކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެކެވެ. މި ގޮތުން ބަލާއިރު މާލޭ އެއަރޕޯޓުން ނ. މާފަރަށް ދަތުރުކުރާ ރައްޔިތެއްގެ އަތުން ޓިކެޓަށް ޚަރަދުކުރާ ފައިސާއާ އެއް މިންވަރުގެ އަދަދެއް ޕީ.ސީ.އާރު ޓެސްޓް ހަދަން ޚަރަދު ކުރަން މަޖުބޫރުވެއެވެ." ޑީ.އެން.އޭގެ ބަޔާނުގައިވެއެވެ.

ޑީ.އެން.އޭ އިން އަދި ބުނީ މާފަރު އެއަރޕޯޓުގައި ސޮނެވާ ޖާނީ ރިސޯޓުން ބަހައްޓައިފައި ހުންނަ ޕީ.ސީ.އާރު ޓެސްޓް މެޝިނުން ޓެސްޓު ހެދުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ އަތުން ނަގަނީ 40 ޔޫއެސް ޑޮލަރު ކަމަށާއި މިއީ ސަރުކާރުގެ ހޮސްޕިޓަލުން މި ޓެސްޓް ހަދައިދޭ އަގަށްވުރެ ގާތްގަނޑަކަށް 50 އިންސައްތަ ކުޑަ އަދަދެއް ކަމަށެވެ. މީގެ އިތުރުން ސޮނެވާ ޖާނީ ރިސޯޓުގެ ފަރާތުން ދުވާލަކު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ދިވެހިންނަށް ޕީ.ސީ.އާރު ޓެސްޓް މުޅިން ހިލޭ ހަދައިދެމުން ގެންދާ ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.

"ސަރުކާރުގެ ހޮސްޕިޓަލަށް ގެނެސްފައިވާ ޕީ.ސީ.އާރު ޓެސްޓް ހަދާ މެޝިން ގެނެސްފައި ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަގު ދައްކައިގެން ކަމަށްވެފައި، ދަތުރުފަތުރުކޮށް އުޅުމަކީ، މިފަދަ އުނދަގޫ އަދި ރައްޔިތުންގެ އަތްމަތި ދަތި ޙާލަތުގައިވެސް ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމަކަށް ވާތީ، ޢާއްމު ބައެއް ފަރާތްތަކުން ހިލޭސާބަހަށް މި ޓެސްޓް ހަދައިދޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައިދެމުން ގެންދާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ. އެހެންކަމުން، އެންމެ ނިކަމެތި ރައްޔިތު މީހާގެ އަތުން އެއް ހާސް ރުފިޔާ ނަގައިގެން، ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސީ. އާރު ޓެސްޓް ހަދަމުންދާތީ، މިކަމާމެދު ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވެއެވެ. ވުމާއެކު މި މައްސަލައާމެދު އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް ސަރުކާރުން އަޅުއްވައިދެއްވައި، ޟަރޫރީ ޙާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށްޓަކައި ހަދަން މަޖުބޫރުވެފައިވާ ޕީ.ސީ. އާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއެއް ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *