ދުނިޔޭގެ ޒާތާ ފިތުރަތާ އިންސާނުނަށް ދަސްވާނެނަމަ
ދުނިޔޭގެ ކައުނީ ސުންނަތުން އިބުރަތްތަކެއް ހޯދާނެނަމަ
ސަބަބާއި ސިއްރާ ހިކުމަތާ ހަފަރާތުގައި ވޭ ފޮރުވިފައި
ޚަބަރޭ އަބަދު މީ ދުނިޔެ ދޭ – އެކަމާ ފިކުރު ހިންގާނެނަމަ
އަތުނުވެ ހިނގާ ވަގުތާ ޒަމާން ލާޒިމްކުރާ ހާލާތަކުން
ކަތި ފިޔަވަޅެއް އީމާންކަމާ ދެކޮޅަށް ތެދުވެ ނާޅާނެނަމަ
އާޚިރު ހަނދުމަނެތިކޮށް މިތާ ވާދައިގެ ދުވެލީގައި ހިނގާ
ތާހިރު ނުވެވި ކުށްފާފައިން ތިބިކަން ހަނދުމަ ނުނެތޭނެނަމަ
ތަރިއާ ހަނދާ އިރު އުދަވެ އަދި އޮއްސޭ ތަބީޢީ ދައުރުގައި
ފުރިހަމަ އިބާރާތުން އެ ދޭ ހެޔޮ ދަރުސު ފަހުމުވެދާނެނަމަ
އިންސާފަކުން ތަޤުދީރުގައި ކަނޑައެޅިއެވާ ނިޢުމަތްތަކާ
މިންވަރުފުޅަށް ރުހި ހިތްތަކުން ރައްބަށް ޝުކުރުވެރިވާނެނަމަ