މިއީ 15 އަހަރަށްފަހު އަަހަރެން މި ރަށަށް ކުރި ފުރަތަމަ ދަތުރެވެ. އަހަރެންގެ ތިން ދަރިންގެ ތެރެއިން ކުޑައަށް ތިބި ދެ ދަރިން ގޮވައިގެން މި ރަށަށް މިއައީ މި ރަށް ބަލައިލުމުގެ ޢަޒުމުގައެވެ. މި ފަދަ ސުވާލުތަކަކާ ކުރިމަތިވެ، ބަސްހުއްޓި، މި ކަންކަމާ ވިސްނާލަން ޖެހޭނެ ކަމަކަށް ނޫނެވެ.
ރަށުތެރެއަށް އެރެން އޮތް މަގުން ރަށުތެރެއަށް އަރައިގެން ދިޔަ ވަގުތު، ހަ އަހަރުގެ ކުޑަ ދަރިފުޅު އައީ ވަރަށް ރަނގަޅަށް ހޯދާ ބަަލަމުންނެވެ. ފުރަތަމަ ވަތް ގެއަށް، ވަނުމަށްފަހު ބުންޏެވެ. "މިއީ މަންމިމެންގެ ގެތަ؟"
އަހަރެން ނޫނެކޭ ބުނެ އެ ގެއަކީ ކޮން ގެއެއް ކަމާއި އެ ގޭގެ ފޮނި ހަނދާންތަކުން ބައެއް ވާހަކަތައް ހިއްސާ ކުރީމެވެ. ވަރަށް ރަނގަޅަށް ކަނުލާ އަޑުއަހަމުން ދިޔައެވެ.
ދެވަނައަށް ވަތް ގޭތެރޭގައި ވެސް ހަމަ މި ފަދައެވެ. ފެނުނު ކޮންމެ އެއްޗަކާ މެދު ސުވާލު އުފައްދާ، ޖަވާބު ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ. އަދި ނުފެންނަ ތަންތަން ބަލަން ވެސް ވަރަށް ޝައުޤުވެރިވާކަން ބަހާ ޢަމަލުތަކުން އެނގެމުން ދިޔައެވެ.
ރަށުތެރެއިން އަރައިގެން ގޮސް މިސްކިތާ ހަމައަށް ދެވުމުން ބުންޏެވެ. "މަންމާއެވެ! މިރަށު މީހުން ނަމާދުވެސް ކުރޭ ހެއްޔެވެ؟"
އަހަރެން ބުނީމެވެ. އާނއެކެވެ. ނަމާދުކުރާ، ވަރަށް ރަނގަޅު ބަޔަކުވެސް މި ރަށުގައި އުޅުނެވެ. އެ ދަރިފުޅުގެ ވިސްނުން ދިޔައީ ކޮން ހިސާބަކަށް ކަމެއް އަހަރެންްނަށް އަންދާޒާކޮށްލަންވެސް ނޭނގުނެވެ.
ކޮންމެއަކަސް ތާރީޚީ ހަނދާންތަކަކާއެކު ދަތުރު ކުރުކޮށް އެނބުރި ދިރިއުޅޭ ރަށަށް އަތުވެއްޖައީމެވެ. ދަރިން ފެންވަރުވައި ރީތިކޮށްފައި ސޯފާގައި އަރާމްކޮށްލުމަށް ބޭންދީމެވެ. އެވަގުތު ހަ އަހަރުގެ ކުޑަކުޑަ ދަރިފުޅު ކުރިން ކުރި ސުވާލު ތަކުރާރުކުރިއެވެ. މަންމާއެވެ! އެ ރަށު މީހުން ނަމާދުކުރޭހެއްޔެވެ؟ އަދި ބުންޏެވެ. އެ ރަށުގައި އުޅުނީ ކާފަރުންނެއް ނޫން ހެއްޔެވެ؟
އަހަރެން ބުނީމެވެ. އާނއެކެވެ. އެ ރަށުގައި އުޅުނީ މުސްލިމުންނެވެ. ވަރަށް ބަސް އަހާ، ނަމާދު ކުރާ ކުދިންވެސް އުޅުނެވެ.
ދަރިފުޅު ބުންޏެވެ. އެކަމަކު ﷲ އެ ރަށް ހަލާކު ކުރެއްވީ (ސުނާމީ އެރީ)، އެ ރަށުގައި ބަސްނާހާ މީހުން އުޅޭތީ ނޫން ހެއްޔެވެ؟
(ދަރިފުޅަށް ވިސްނުނީ ﷲ ގެ ކޯފާ އަންނަނީ ކާފަރުންނަށް ކަމަށެވެ. މުސްލިމުންގެ އެންމެންނަކީ ބަސްއަހާ ރަނގަޅު ބައެއް ކަމަށެވެ. އެ ރަށް ހަލާކުވީ އެ ރަށުގައި ކާފަރުން އުޅުނީތީއެވެ.)
އަހަރެން ބުނީމެވެ. "އާނއެކެވެ. ގޯސް ބައެއްގެ ސަބަބުން ﷲ ތަނެއް ހަލާކު ކުރައްވާއިރު އެތާނގައި އުޅޭ ރަނގަޅު މީހުންނަށްވެސް ދެރަ ކަންކަން ވެއެވެ."
ދަރިފުޅު ބުންޏެވެ. "ދެން މަންމިމެން ރަނގަޅަށް ނޫޅުނީ ކީއްވެ ހެއްޔެވެ؟ ހަޑިކޮށް އުޅުނީމައި ސުނާމީ އަރާނޭ މީހުން ކައިރީގައި ނުބުނީ ކީއްވެހެއްޔެވެ؟ ﷲ ހަލާކު ކުރައްވަނީ ކާފަރުން އުޅޭ ރަށްރަށެއް ނޫން ހެއްޔެވެ؟ ދެން އޭރުން އެމީހުންނަށް ރަނގަޅަށް އުޅެން އެނގުނީސް ނޫން ހެއްޔެވެ؟ އަދި ސުނާމީއެއްވެސް ނާރާނެ ނޫން ހެއްޔެވެ؟ އޭރުން (ސުނާމީ ނޭރި ނަމަ) މިއަދު ކޮއްކޮމެން އުޅޭނީ އެރަށުގައި ދޯއެވެ؟ ކޮއްކޮ އެ ރަށަށް ވަރަށް ދާހިތްވެއެވެ. މަންމީ އެވެ. އެ ރަށް ކޮއްކޮއަށް ވަރަށް ރީއްޗެވެ."
ސުބްޙާނަ ﷲ އެވެ. އެ ދަރިފުޅަށް ހެޔޮ ނުބައި ވަކިކޮށްދިނުމަށްޓަކައި އަަހަރެމެން ކިޔައިދީފައިވާ ވާހަކަތައް ހާދަ ރަނގަޅަށް އަހައިފައިވެއެވެ. ﷲ ގެ ރަޙްމަތްފުޅާއެކު އެހާ ފުން ވިސްނުމަކަށް މި ތުއްތު ދަރިފުޅުގެ ވިސްނުން ދިޔައިރު އަހަަރުމެންގެ ވިސްނުން ކޮބައިތޯއެވެ؟
ފާފަތަކުގެ ބޮޑުކަން އެނގޭއިރުވެސް އަހަރުމެން ފަރުވާލެއް ނުބަހައްޓަމުއެވެ. ﷲ ގެ ކޯފާއެއް އަތުވެދާނޭކަން އެނގޭއިރުވެސް ޢަމަލުތައް އިސްލާހުކުރަން ނުކުޅެދެމުއެވެ. ނުވިތާކަށް ހެޔޮ ބަހެއް ބުނެފިނަމަ މަލާމާތާއި ފުރައްސާރައިގައި އަޅުވެތިކުރުވަމުއެވެ. އާނއެކެވެ. ބިރެއް ނެތި، މަންމަންވެ، ދިރިއުޅުމުގެ މިސްރާބު ޖެހިއަތަކަށް ދޫކޮށްގެން މިތިބީ އަހަރެމެންގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީމާބާއެވެ؟ ނުވަތަ މީސްތަކުންގެ ބަސްތަކުގައި ކަސިޔާރުވެ، މި ތިބީ ފުން ނިންޖެއްގައިބާއެވެ؟
އޭ ލޮބުވެތި އަޚާއެވެ. އުޚްތާއެވެ. ހޭލާށެވެ. ދުނިޔެ ދައްކާ ކުލަތަކުގެ އަވައިގައި ނުޖެހި އަހަރުމެންގެ ވެރި ރައްބަށް އަޅުކަން ޚާލިޞްކުރާށެވެ. ދިރިއުޅުމުގެ ފޮނި މީރުކަން ލިބޭނީ އޭރުންނެވެ. ސުނާމީ ފަދަ ބޮޑެތި ކޯފާތަކުން މިންޖުވެވޭނީ އޭރުންނެވެ.
އެ ދަރިފުޅު އަހަރެމެންނަށް ބޮޑު ވާހަކައެއް ބުނެދީފިއެވެ. އެއީ އެކަމަކާ މެދު އަހަރެމެން ފަރުވާ ކުޑަކޮށްފައިވާ ދެ ކަމެކެވެ. "ބަސްއަހާށެވެ. އަދި ނަޞޭޙަތްތެރިވާށެވެ."




advertisment