Support Us

ދަންޖައްސައި މަރާން ސިންގަޕޫރުގައި ކުރި ހުކުމުން ސަލާމަތްވި މީހާ އަދިވެސް އަންތަރީހުގައި

މިއީ ސިންގަޕޫރުގެ ހައިކޯޓުން ދަންޖައްސައި މަރާން ހުކުމްހުރި ސީނު ދަރިކޮޅުގެ މެލޭ ރައްޔިތެއް ކަމަށްވާ ބެހް ޗެވް ބޫ އެ އަދަބުން ސަލާމަތްވުމުން އޭނާއަށް ވެރިވި ހައިރާންކަމާއި އަންތަރީހާއި އުފަލުގެ ވާހައެވެ.

ސިންގަޕޫރަށް އަމަލުވާ ތަކެތި އެތެރެކުރިކަމުގެ ކުށުގައި މަރާން ހުކުކުމްކުރެވުނު، އުމުރުން 38 އަހަރުގެ، ބެހް ޗެވް ބޫ އޭނާގެ މައްޗަށް ސާބިތުވި ފަސް ކުށުން ސަލާމަތްވުމާގުޅިގެން އޭނާގެ ތަޖުރިބާތައް އޮޅުން ފިލުވުމުގެ ގޮތުން "ބަރްނާމާ"ގެ ނޫސްވެރިއަކު އޭނާއާ ބައްދަލުކޮށް ސުވާލުކޮށްލުމުން ފުރަތަމަ ވެސް ދިން ޖަވާބަކީ "މިއަދު ހެނދުނު އަޅުގަނޑަށް ހޭލެވުނު އިރު (އުފަލާއި ހައިރާންކަމުން) އަޅުގަނޑުގެ އަތް ތުރުތުރުއަޅައެވެ."

އެތައް ދުވަހަކު ޖަލުގައި ހޭދަކުރިފަހުން ދަންޖައްސައި މަރާން 2020ގެ ކުރީކޮޅު ހުކުމްކުރެވުނު ބެހް އެ ޙުކުމުން ސަލާމަތްވީ އޮކްޓޫބަރު މަހު އޭނާ އިސްތިއުނާފު ކޯޓަށް ހުށަހެޅި އިސްތިއުނާފު އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލަކުން ގަބޫލުކުރީމައެވެ.

މި މާރިޗުމަހު ދެ ވަނަ ދުވަހު، ފަނޑިޔާރުންގެ ހަމަ އެ ޕެނެލް ކަމަށް ވާ، ސުންދަރޭސް މެނަންއާއި ޓޭ ޔޮންގ ކްވަންގއާއި ސްޓީވަން ޗޮންގ ނިންމައިފައިވަނީ އޭނާގެ މައްޗަށް ކަނޑައެޅުނު ލުއި އަނެއް ހަތަރު ހުކުން ވެސް ބާޠިލުކަމަށެވެ. މި ގޮތަށް ނިންމީ 2-1 ގެ އަޣުލަބިއްޔަތަކުންނެވެ.

"ޚިޔާލަށް ގެނެސްބަލަ، ހަތަރު އަހަރަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެ އަޅުގަނޑު ޖަލުގައި ނިދާތާ. އެކަމަކު ރޭ އަހަރެން ނިދީ ހޮޓަލެއްގެ އެނދެއްގައި. މިކަން އަޅުނަޑަށް ވިސްނެނީ މި ފަދަ ގޮތަކަށް،" ބެހް ބުންޏެވެ. "ސުވަރުގެއާއި ދުނިޔެ."

ދަރިއަކު ވެސް ލިބިފައިވާ، ސަމާސާ ސަކަ މިޒާޖެއްގެ ވެރި ބެހް، އޭނާ ގެއަށް އެނބުރިދާ ދިޔުމަށް އެހީތެރިވެދިން އަދި މިހާރު ވެސް އެހީތެރިވެދޭ ޤާނޫނީ ވަކީލަށް މެދުކެނޑުމެއްނެތި ތަޢުރީފުކުރަމުން ޝުކުރު އަދާކުރަމުން ގެންދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާގެ މައްޗަށް ސާބިތުވި ފަސް ކުށުން ވެސް ބަރީއަވެ މިނިވަންވުމުގައި ކޯޓުގައި ވަކާލާތުކޮށް، އޭނާ މަރުން ސަލާމަތްކޮށް މިނިވަންވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އޭނާގެ ވަކީލު، ވޮން ސިއެވް ހޮންގެއެވެ. ޖަލުން ސަލާމަތްވި ފަހުން ވޮންއަށް ގެޔަށް ދެވި ހުރިހާ ކަމެއް އިންތިޒާމުކުރެވެންދެން، ބެހް ޗެވް ބޫއަށް މުހުތާދުވާ ހުރިހާ ކަމެއް ވަގުތީ ގޮތުން ހަމަޖައްސައިދެނީ ވޮން އާއި ވޮންގެ ލޯފާމްކަމަށްވާ "އެލްޑަން ލޯވ އެލްއެލްޕީ"ގެ ފަރާތުންނެވެ. ވަގުތީ ހިޔާވަހިކަމާއި އުނުފޭރާމާއި ކެއުމާއި އެހެނިހެން ޚަރަދުތައް ވެސް ވޮން ވަނީ ހަމަޖައްސައިދީފައެވެ.

އޭނާ ޖަލުން ސަލާމަތްވެއްޖެ ކަމުގެ އިޙުސާސް ކުރެވޭތޯ ބަރްނާމާގެ ރިޕޯޓަރު، ބެހްއާ ސުވާލުކުރުމުން ސިދާ އެ ސުވާލަށް ޖަވާބު ނުދީ އޭނާ އޮޅުން ފިލުވައިދޭންފެށީ މީހަކު މަރުގެ ހުކުމެއް ތަންފީޒު ކުރެވެން އުޅޭ ވަގުތު އިޙުސާސްތައް ހުންނާނެ ގޮތުގެ ވާހަކައެވެ.

"އަޅުގަނޑު ދަންޖައްސައި މަރަން ޙުކުމްކުރެވުނެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކަރަށް މަޅި ވައްޓައިލާ ވަގުތާ ހަމައަށް ދުވަސް ގުނަމުން ގެންދާ ގޮތުގެ އިޙުސާސް ކުރެވޭނީ ހަމައެކަނި އެކަން ތަޖުރިބާކުރެވިފައިވާ މީހަކަށެވެ." އޭނާ ބުންޏެވެ.

"އެއްވެސް ޝައްކެއް ނެތެވެ. މަރަކީ ޖަލަށް ނުލިޔަސް ކޮންމެވެސް އެއް ދުވަހަކު މެދުވެރިވާނެ ހަގީގަތެކެވެ. އެ ހަގީގަތާ ކޮންމެ މީހަކުވެސް  ކުރިމަތިލާންޖެހޭނެ ހަގީގަތެކެވެ." ބެހް ބުނެލިއެވެ. "ނަމަވެސް ޠަބީޢީ ގޮތުން މަރުވާ މަރުވުމާއި މި ގޮތަށް މަރައިލެވޭ މަރައިލުމާ ދެމެދުގެ އިޙުސާސްތައް ތަފާތުވާނެއެވެ."

އޭނާގެ އަމިއްލަ ވަޒަނަށް ރުޖޫޢަވުމަށްފަހު ކުރާނެ މަސައްކަތަކާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން ވަރަށް މަޖާވެލުމަށް ފަހު އޭނާ އެއްބަސްވީ އޭނާ ޖަލުގައި ހައްޔަތު ކުރެވުނު ފަހުން މި ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ތެރޭގައި ފަންނިއްޔާތުގެ ގޮތުން ޤައުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

"ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެއެވެ. އަޅުގަނޑަށް އިޙުސާސްކުރެވެނީ މުޅީން އެހެން ދުނިޔެއެއްގައި އުޅެވޭ ކަމުގައެވެ. ފިހާރަފިހާރައިގެ ސޭޓުން އަޅުގަނޑުގެ މޫނަށް ބަލަނީ ޙައިރާންކަމުގެ ނަޒަރަކުންނެވެ. އެއްޗެއް ގަނެފައި ނަގުދު ފައިސާއިން އަގު ދައްކާން އުޅުނީމާ ފައިސާ ކާޑު ނެތީތޯ އެބަ ސުވާލުކުރެއެވެ." ބެހް ބުންޏެވެ.

ބެހް އޭނާ ހަތަރު އަހަރު ބޭނުންކޮށްފައިވާ އަތު ފޯނު ވެސް ދައްކައިލިއެވެ. އެ ފޯނުގައި ބޭނުންކުރެވޭ ބައެއް ނިޒާމުތައް ވަނީ އަދާހަމައަކަށް ބޭނުންވެފައެވެ. "ވަޓްސްއެޕް" އާއި "ވީޗެޓް" ވެސް ހިމެނޭހެން ގިނަ އެޕްލިކޭޝަންތައް މިހާރު އެ ފޯނުގައި ބޭނުމެއް ވެސް ނުކުރެވޭކަމަށް ވެއެވެ.

"ކޮވިޑްނަވާރައާ ގުޅިގެން ހަމަޖެހިފައިވާ އިންތިޒާމުތަކަށާއި ގަވާއިދުތަކަށް ވެސް ފަރިތަވާން އަޅުގަނޑު އެބަޖެހެއެވެ." މެލޭޝިއާގެ އެންމެ ފަހުގެ ޙާލަތަކީ ކޮބައިތޯ ސުވާލުކޮށްލަމުން އޭނާ ބުނެލިއެވެ.

2016 ވަނަ އަހަރު ބެހް ހައްޔަރުކުރެވުނީ އަމަލުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ މެތަމްފެތަމީންގެ ގާތްގަނޑަކަށް 500 ގްރާމް ސިންގަޕޫރަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ. ބެހް ސިންގަޕޫރަށް އެތެރެވީ މޮޓަރު ސައިކަލެއްގައެވެ. އެ ސައިކަލު ރަޖިސްޓަރީކޮށްފައިވަނީ އޭނާގެ ރައްޓެއްސެއްގެ ނަމުގައި މެލޭޝިއާގައެވެ.

ސިންގަޕޫރަށް އޭނާ އެތެރެވި ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު އަމަލުވާ ތަކެތި ކަމަށް ޝައްކުކުރެވޭ 742.82 ގްރާމް ކުނޑިއެއް ފެނިފައިވެއެވެ. އޭގެތެރެއިން ގާތްގަނޑަކަށް 499.97 ގްރާމްއަކީ "މެތަމްފެތަމީން" ނަމަކަށް ކިޔާ އަމަލުވާ ޒާތުގެ ބާވަތެއް ކަމަށް ފުލުހުން ބުނެއެވެ. ބެހް ޗެވް ބޫ އޭނާގެ ދިފާޢުގައި ވަކާލާތުކޮށް ސާބިތުކޮށްދީފައިވަނީ އެ ސައިކަލުގެ މަޑި ދަށުގައި ހުރި އެއްޗެއް އޭނާއަށް އެއް ގޮތަކަށް ވެސް އެނގިފައި ނުވާ ކަމަށެވެ.

ކޮންމެއަކަސް ހަތަރު އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޖަލުގައި ހޭދަކުރުމަށް ފަހު މަރާންކުރި ޙުކުމުން ސަލާމަތްވެ ބެހް ޗެވް ބޫ ޕިނޭންގ ސްޓޭޓްގެ "ބަތޫ ކަވާން" (ރައްޓެހި ހިލަ) ނަމަކަށް ކިޔާ އޭނާގެ އުފަންވެހި އަވަށަށް ދާނީ މި މާރިޗް މަހު 11 ކަމުގައިވާ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް ބެހް ޗެވް ބޫއަށް ލިބުނު އުފަލާއި ޙައިރާންކަމުގެ ސަބަބުން އޭނާއަށް ހުރީ އަދިވެސް ތުރުތުރުއަޅާ ޙާލެއްގައެވެ. (ޙަވާލާ: ބަރްނާމާ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *